ޓޮޔޯޓާ އިން އުދުހޭ ކާރެއް އުފައްދަން އިންވެސްޓް ކުރަނީ

ކާމިޔާބުކަމާ އެކު ޓެސްޓް ކުރި ދުނިޔޭގެ ފުރަތަމަ އުދުހޭ ކާރު: ފޮޓޯ: އިންޑެޕެންޑެންޓް

ޖަޕާނުގެ އޮޓޮމޯޓިވް މެނުފެކްޗާ، ޓޮޔޯޓާ އިން އުދުހޭ ކާރު ޕްރޮޖެކްޓަކަށް ފައިނޭންސް ކުރަން ހަމަޖެހިއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެ ކުންފުނިން ވަނީ އެ ޕްރޮޖެކްޓުގައި މަސައްކަތް ކުރާ އިންޖިނިއަރުންނަށް 274،000 ޔޫރޯ ދިނުމަށް ނިންމައިފަ އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން އުފައްދާނީ ބިމުން 10 މީޓަރު މަތިން ދަތުރު ކުރެވޭ އުޅަނދުތަކެކެވެ.

ތިން ފުރޮޅު ލީ މި އުޅަނދުތައް އުފައްދަނީ ޑްރޯމް ޓެކްނޮލޮޖީ ބޭނުން ކޮށްގެނެވެ. ބޮޑުމިނުގައި 9.5 ފޫޓު އަދި ހަތަރު ފޫޓު ހުންނަ އުޅަނދުތަކަށް ގަޑިއަކު 62 މޭލަށް ދުއްވުމުގެ ގާބިލްކަން ލިބިގެންވެ އެވެ.

"ސްކައިޑްރައިވް"ގެ ނަން ދީފައިވާ އެ ކާރުތައް އުފެއްދުމުގެ ފަހަތުގައިވާ މާސްޓަމައިންޑް އަކީ ޖަޕާނުގެ ގްރޫޕެއް ކަމަށްވާ ކާޓިވޭޓާ އެވެ.

އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ 2020 ވަނަ އަހަރު ޓޯކިޔޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 2020 ވަނަ ސަމާ އޮލިމްޕިކްސްގެ ދަންމަރު ރޯ ކުރުމަށް އުދުހޭ ކާރު ބޭނުން ކުރުމަށެވެ. އަދި އަންނަ އަހަރުގެ ފަހުކޮޅު، ފުރަތަމަ މޮޑެލް ނިންމައި ޓެސްޓު ކުރާނެ ކަމަށް ބެލެވެ އެވެ.

އެމެރިކާ، ޗައިނާ، ޖަރުމަން އަދި ނެދަލޭންޑްސްގެ ކުންފުނިތަކުން ވެސް އަންނަނީ އުދުހޭ ކާރު އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ޖަރުމަނުގެ ކުންފުނި ލިލިއަމް އިން ވަނީ މިދިޔަ އޭޕްރީލް މަހު ކާމިޔާބު ކަމާ އެކު އުދުހޭ ކާރެއް ޓެސްޓު ކޮށްފަ އެވެ.

ދެ މީހުންގެ ޖާގައިގެ އެ ކާރުގައި ގަޑިއަކު 186 މޭލަށް ދަތުރު ކުރެވޭނެ އެވެ.

އެ އުޅަނދުތައް ބޭނުން ކުރުމާއި ލައިސަންސް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާނީ އެީ ސަލާމަތީ ގޮތުން ފުރިހަމަ އުޅަނދެއްތޯ ބެލުމަށް ފަހު އެވެ.

އުދުހޭ ކާރުގެ ޓެކްނޮލޮޖީއަށް ގޫގުލް އަދި ޓެލްސާ ފަދަ ގްލޯބަލް ޓެކް ޖަޔަންޓްސް އިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. (އިންޑެޕެންޑެންޓް)

comment ކޮމެންޓް