Sun Online
ސަން މީޑިއާ ގްރޫޕް

ސަން ކުރުވާހަކަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

އެޑިޓޯރިއަލް
ލިޔުނީއެޑިޓޯރިއަލް

ރަމަޟާން މަހަށް ހާއްސަކޮށްގެން ސަން މީޑިއާ ގްރޫޕުން ބާއްވާ ކުރުވާހަކަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި އަހަރުގެ ރަމަޟާން މަހަށް އަމާޒުކޮށްގެން ސަން އިން ކުރިޔަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން މި މަހުގެ 23 ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ވަނީ ހުޅުވައިލައިފަ އެވެ.

ސަން ކުރުވާހަކަ މުބާރާތުގައި ބައިވެރި ވެވޭނީ، އުމުރުން 18 އަހަރު ފުރިފައިވާ ފަރާތްތަކަށެވެ. އަދި ޕްރޮފެޝަނަލް ވާހަކަ ލިޔުންތެރީންނަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތެއް ނޯންނާނެ އެވެ.

މިފަހަރު ވާހަކަ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ، ސަން އޮންލައިންގައި ޝާއިއުކުރުމަށާއި އަދި ސަން ޓީވީން ބްރޯޑްކާސްޓު ވެސް ކުރާ ގޮތަށެވެ.

މި މުބާރާތުގައި ބައިވެރިކުރާން ފޮނުވާ ވާހަކަތައް ވާން ޖެހޭނީ މީގެ ކުރީން ޝާއިއުކޮށްފައި ނުވާ ވާހަކަތަކަށެވެ. ކޮންމެ ވާހަކައެއްގެ ދިގުމިން ހުންނަން ވާނީ 6-8 ސަފްހާއާ ދެމެދުގަ އެވެ. އަދި މުބާރާތަށް ހުށަހަޅާ ވާހަކައެއް ކިޔުމުގައި 20 މިނިޓަށް ވުރެ ކުރުވެގެން ނުވާނެ އެވެ. އަދި 22 މިނިޓަށް ވުރެ ދިގުވެގެން ނުވާނެ އެވެ.

މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާ ފޯމު، އޮންލައިންކޮށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފަ އެވެ. އަދި މުބާރާތުގައި ބައިވެރިކުރާ ވާހަކަތައްވެސް މި ފޯމާއެކު ހުށަހެޅޭނެއެވެ.

މުބާރާތުގައި ބައިވެރިކުރާ ވާހަކަތައް ފޮނުވާނީ މައިކްރޯސޮފްޓް އޮފީސް ވޯޑް ފޯމެޓްގަ އެވެ. ވާހަކަ ފޮނުވާނީ ވާހަކައިގައި ޖަހަން ބޭނުންވާ ފޮޓޯއާ ވެސް އެކުގަ އެވެ. މީގެ އިތުރުން ރެކޯޑްކޮށްފައިވާ ވާހަކަތައް ފޮނުވާނީ، ވޭވް ފޯމެޓްގައި، ސީޑީއަކަށް ރެކޯޑްކޮށްފަ އެވެ.

މި މުބާރާތުގައި ބައިވެރިކުރާ ވާހަކަތަކަށް މާކްސް ދޭނީ ސަން އިން އެކަމަށް ކަނޑައަޅާފައިވާ ފަނޑިޔާރުންގެ ޓީމަކުން 60 ޕަސެންޓް އަދި އެސްއެމްއެސް އަށް 40 ޕަސެންޓެވެ. މި އަހަރުގެ ކުރުވާހަކަ މުބާރާތުން އެއްވަނަ އަށް ހޮވޭ ވާހަކަ އަކަށް -/12،000 ރުފިޔާ ދެވަނަ އަށް -/8000ރ. އަދި ތިން ވަނަ އަށް -/6000ރ. ދިނުމަށް ވަނީ ނިންމައިފަ އެވެ.

ވާހަކަ ކިޔުއްވައި އަދި ރެކޯޑް ކުރުމަކީ އެ ވާހަކައެއް ބައިވެރިކުރާ ފަރާތުގެ ޒިންމާއެއް ކަމަށް ވީނަމަވެސް، ސަންގެ ފަރާތުން އެހީތެރިކަމަށް އެދިއްޖެ ނަމަ، ސަންގެ ސްޓޫޑިއޯގައި ރެކޯޑުކުރުމުގެ އިންތިޒާމް ހަމަޖައްސައި ދެވޭނެ އެވެ.

މުބާރާތުގައި އިންސާފު ކުރުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި، ކިޔުންތެރިކަމުގެ ބަޔާއި ހުށަހެޅުންތެރިކަމާއި އިހްސާސްތައް ފޯރުކޮށްދޭ ގޮތާއި ލިޔުންތެރިކަމުގެ ބަޔާއި އިބާރާތުގެ ބަދަހިކަމަށް ބެލެވޭނެ އެވެ.

×
DB released.