ތިން މީހުން އެކުގައި ގޮސް ވަނީ ރަޔާންގެ ގެއަށެވެ. ގޭތެރޭގެ ސާފުކަމާއި ތަރުތީބުކަމުން ނަފީސާގެ ބަސް ހުއްޓުނެވެ. އެއީ ރަޔާންގެ މަސައްކަތް ހެއްޔެވެ؟ ކުރިން އަފްސަމް އުޅުނު ކޮޓަރިއަށް ނަފީސާމެންގެ ފޮށިތައް ވައްދާފައި ރަޔާން ނުކުތްއިރު، ނަފީސާ ހުރީ ރަޔާންމެންގެ ކޮޓަރި ދޮރު ކައިރީގައެވެ.

********

ކޮޓަރީގައި ޓަކި ޖަހައިލުމަށް އަތް އުފުލައިލިއިރު، ނަފީސާގެ ދެއަތުގައި ވަނީ މަޑު ތުރުތުރުލުމެއް އުފެދިފައެވެ. އެތައް ދުވަހެއްގެ އިންތިޒާރަށް ނިމުން އަންނައިރު، ނަފީސާގެ ހިތްވަރެއް ނެތެވެ. ޔަލްވީ ކަންތައް ކުރާނެ ގޮތެއް ނޭނގޭތީ އޭނާގެ ހިތް ބިރުގަތެވެ. ޔަގީނުންވެސް ޔަލްވީ ބަދަލުވެއްޖެއެވެ. ނޫންނަމަ، އަރާމާއި އުފާވެރި ދިރިއުޅުން ދޫކޮށްފައި އެހާ ގިނަ ދުވަސް ވަންދެން ޔަލްވީ އެގޭގައި ނޫޅުނީހެވެ.

"ޔަލްވީ ވީ އަމީރާއްތަމެން ގޭގަ" ނަފީސާ ޓަކިޖަހައިލުމުގެ ކުރިން ރަޔާން ބުނެލިއެވެ.

"ހީވެއްޖެއޭ މީހަކު ނޫޅޭހެން" ނަފީސާ އަވަސް އަވަހަށް އަތް ތިރިކޮށްލިއެވެ.

"މަންމަމެން ތައްޔާރުވެލަންވީނު...." ރަޔާން އެދުނެވެ. "އެކޮޅުން ޔަލްވީއާ ދިމާވާނެ"

"އެންމެ ރަނގަޅު! ރަޔާން ދެން އެކޮޅަށް ގޮސްލާ! ބައްޕަމެން ތައްޔާރުވެލައިގެން ދާނަން" ކޮޓަރިއަށް ވަންނަމުން ނިމާލު ބުނެލިއެވެ.

********

ކައިވެނީގެ ވަގުތު ކުޑަތަން ވިއެވެ. ފަހުގެ ތައްޔާރީތަކުގައި އުޅެފައި ޔަލްވީ ގެއްލުނެވެ. ޔަލްވީ ދިޔަ ތަނެއް އެކަކަށްވެސް ނޭނގުނެވެ. ނަފީސާމެން ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން، ރަޔާން ހުރީ ހާސްވެފައެވެ. ޔަލްވީ ދިޔަ ތަނެއް ނޭނގެއޭ ބުނާކަށް ނުކެރުނެވެ.

"ކާއެއްޗެހި ރެޑީކުރާ ތަނަށް ދިޔައީހެން ހީވަނީ.. އެބަ އަންނަން ބަލާލާފަ.." ނަފީސާގެ ސުވާލުތަކުން ސަލާމަތްވާން ރަޔާން ބަހަނާއެއް ހޯދިއެވެ.

"އެތާކު ނެތް ޔަލްވީއެއް" އަމީރާއަށް ބުނެވުނެވެ.

"އަނެއްކާ ޔަލްވީއަށް..." ނަފީސާ ހާސްވިއެވެ.

"ނަފީސާ ހާސްނުވެބަލަ!" ނިމާލު އެދުނެވެ. "ކޮންމެވެސް ކަމެއްގަ އުޅޭތީއޭ އެ ނުފެންނަނީ"

އަފްސަމް ހުރީ ލިމްޔާގެ ކޮޓަރި ދޮރުމަތީގައެވެ. އޭނާ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރަމުންދިޔައީ ކުރިމަތިން ފެންނަން ހުރި ދޮރު ހުޅުވޭނެ ވަގުތަކަށެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ދޮރު ހުޅުވިގެންދާނެއެވެ. އަފްސަމް އިންތިޒާރު ކުރަމުންދިޔަ ސޫރަ ފެންނާނެއެވެ. އޭގެ ފަހުގައި އޮތީ އަފްސަމްގެ ހުވަފެންތަކުގައި ކުލަ ޖެހުމެވެ. އަފްސަމްގެ ހިތް ނެގިނެގިފައި ޖެހެން ފެށީ ލިމްޔާގެ ކޮޓަރި ދޮރު ހުޅުވާލި ތަން ފެނުމުންނެވެ.

ރަންކުލައިގެ އެސްތަކަކުން ޖަރީކޮށްލެވިފައިވާ ހުދު ހެދުމުގައި ލިމްޔާ ހީވަނީ ހޫރު ޕަރީއެއް ހެންނެވެ. ހުދު ކުލައިގެ ޝޯލް އަޅާފައި ހުރީ ދުވަހަކުވެސް ނާޅާހައި ސާހީކޮށެވެ. ލުއި މޭކަޕެއްގައި ލިމްޔާ ހުރިއިރު އެރީތިކަމަށް ތައުރީފު ނުކުރާނެ މީހަކު މަދުވާނެއެވެ. އަފްސަމް ފެނުމުން ލިމްޔާ ހިނިތުންވެލިއެވެ. ހުރިހާ ގޮތަކުން ބެލި ނަމަވެސް، ލިމްޔާގެ ރީތިކަން އެތައް ގުނައެއް އިތުރުވެފައިވިއެވެ.

"ހާދަ ރާޅުބޮޑޭ...." އަފްސަމްގެ ކޮނޑުގައި ޖެހިގަންނަމުން ރަޔާން ބުނެލިއެވެ.

"ކުރިން އަހަރެން ބުނި އެއްޗެއްދޯ ތި ބުނެލީ؟" މާޒީ ހަނދާންވުމުން އަފްސަމަށް ހެވުނެވެ.

"އަހަރެން ބުނީމެއްނު އަހަންނަށްވެސް ދުވަހެއް އަންނާނެއޭ.. މީ އޭގެ ބަދަލު" ރަޔާންވެސް ހީގަތެވެ. "ދެން ނަގާ ރާޅު މާ ބޮޑުވާނެ"

"ބަދަލުހިފަން ތިހާ މޮޅުވެދާނެކަމަށް އަހަރެން ހީވެސް ނުކުރަން.. މިގަޑީ ދިމާނުކޮށް ހުރޭ!...." އަފްސަމްގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް ލިމްޔާ އާއި ވަކިނުވެއެވެ. އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް އޭނަ ހުރީ ލިމްޔާގެ ރީތިކަމުގެ ޖާދޫގައި ޖެހިފައެވެ.

"އަހަންނާ ދިމާކުރި ދުވަސް....." ރަޔާންގެ ޖުމްލަ ފުރިހަމަނުކުރެވުނީ ލިމްޔާގެ ފަހަތުން ނުކުތް ރީތި އަންހެންކުއްޖާ ފެނުމުންނެވެ.

"ޔާލް؟" ރަޔާންގެ ދެލޯ ބޮޑުވިއެވެ. ހިތުގެ ހިނގުން މަޑުޖެހިލިއެވެ.

އަފްސަމްވެސް ހުރީ ބަސްހުއްޓިފައެވެ. ލިމްޔާގެ ފަހަތުން ކަހަލަ ގޮތަކަށް ނުކުތް ޔަލްވީ ހުރީ މީހަކު އަޖައިބު ނުވާނެ ގޮތަކަށް ނޫނެވެ.

"ސަޕްރައިޒް މި ލިބުނީ މުޅިން އެހެން މީހެއްގެ ފަރާތުން.." އަފްސަމް ފަހުރުވެރިކަމާއިއެކު ރަޔާންގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ.

ޔަލްވީ ލައިގެން ހުރީ ކަޅުކުލައިގެ އަބާޔާ ހެދުމެކެވެ. ކަޅުކުލައިގެ ބުރުގަލަކުން ބޯ ނިވާކޮށްލާފައި ހުރިއިރު، ޔަލްވީ ހީވަނީ އެހެން މީހެއް ހެންނެވެ. ކުރިއަށްވުރެ އެތައް ގުނައެއް ޔަލްވީގެ ރީތިކަން އިތުރުވެފައިވިއެވެ. ރަޔާންގެ ހިއްސުތައް މަސައްކަތް ކުރުން ހުއްޓާލި ކަހަލައެވެ. ޔަލްވީގެ ރީތިކަމަށް ހިތުގެ އަޑިން ތައުރީފު ކުރެވުނެވެ. ޔަލްވީ ބުރުގާ އަޅާފާނެ ކަމަކަށް ރަޔާން ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ.

"ޔަލްވީ ބޭނުންވީ ރެންއަށް ސަޕްރައިޒްއެއް ދޭން" ލިމްޔާއަށް ނުހުރެވިގެން ބުނެލިއެވެ.

ރަޔާން މާވަރަކަށް ބަލަން ފެށުމުން ޔަލްވީ އިސްޖަހާލިއެވެ. ރަޔާން ބަލަހައްޓައިގެން ހުރިގޮތުން ހީވީ އަލަތު އަނބިމީހާ ފެނިގެން ބަލަން ހުރި ހެންނެވެ. އެ ނަޒަރުން އެތައް ވާހަކަތަކެއް ބުނެދިނެވެ. ރަޔާންގެ ދެލޯ ފެންކަޅިވާން އުޅުނީ ހިތަށް ލިބުނު އުފަލެއްގެ ބޮޑުކަމުންނެވެ. އެދުވަސް ދެކެން ރަޒީނާ ދުނިޔޭގައި ހުރިނަމަ، ކިހާ އުފާވީސް ހެއްޔެވެ؟

"އަދިވެސް ބަލަނީތަ؟" ރަޔާންގެ އަތުގައި ހިފާލިއިރު، ޔަލްވީގެ އަތް ވަނީ ފިނިވެފައެވެ.

"ތޭންކް ޔޫ" ރަޔާން ޔަލްވީގެ އަތަށް ފިތައިލިއެވެ.

"ކޮންކަމަކާ؟" ޖަވާބު އެނގޭއިރުވެސް ޔަލްވީއަށް އަހައިލެވުނެވެ.

"ޕާފެކްޓް ވައިފްއަކަށް ވާން މަސައްކަތް ކުރާތީ" ރަޔާން ދިނީ ޔަލްވީ އުއްމީދުކުރި ޖަވާބެއް ނޫނެވެ. އެއަށްވުރެ މާ ފުރިހަމަ ޖަވާބެކެވެ.

"އަހިވަކަކާ ޖެހިގެން ޔާލްވެސް ފާވީއޭ" އެފަދަ ވަގުތެއްގައިވެސް އަފްސަމް ބެލީ ރަޔާންމެންނާއި ދިމާކުރެވޭތޯއެވެ.

"ތިބުނީ އިދިކޮޅަށް.." ޔަލްވީ އަފްސަމްއަށް ބަލައިލާފައި ލޯ އަޅައިލިއެވެ.

"ތިބައި އަދިވެސް ރަނގަޅުކުރަންޖެހޭ އިނގޭ.. މީހުންނާ ދިމާއަށް ލޯއަޅާކަށް ނުވާނެ.. ލިމްހެން އުޅެން ދަސްކޮށްބަލަ!" އަފްސަމް ލިމްޔާގެ ކައިރިއަށް ޖެހުނެވެ. އަތުގައި ހިފާލިއެވެ. ލިމްޔާ ލަދުން އަވަހަށް އަތް ދަމައިގަތެވެ.

"އަހަރެންވެސް އެބައޮތް ސަޕްރައިޒްއެއް ދޭންވެފަ" ރަޔާން ހަމައެކަނި ޔަލްވީއަށް އިވޭވަރަށް ބުނެލިއެވެ. "އިރުކޮޅަކުން އެނގޭނެ.."

އެންމެންގެ ނަޒަރު ހުއްޓުނީ އެތެރެއަށް ވަދެގެން އައި ދެ ޖޯޑަށެވެ. ޔަލްވީ ފެނުމުން، ނަފީސާއެކޭ އެއްވަރަށް ނިމާލުވެސް ހުރީ އަޖައިބުވެފައެވެ. ފެނުނީ އެ ދެމީހުންވެސް އުއްމީދުކުރިފަދަ މަންޒަރެއް ނޫނެވެ. ޔަލްވީ ބަދަލުވެފައިވާވަރު ހުރީ އެ ދެމަފިރިންގެ ކުރިމަތިން ފެންނާށެވެ.

"ނިމާލު އަހަރެމެންގެ ދަރިފުޅު...." ނަފީސާއަށް އޭނާގެ ދެލޮލަށް ޖަމާވި ކަރުނަތަކެއް ނުހިފޭއްޓުނެވެ. "އެއީ ހަމަ އަހަރެމެންގެ ދަރިފުޅުތަ؟"

"އާނ ނަފީސާ! އެއީ ހަމަ އަހަރެމެންގެ ދަރިފުޅު... އަހަރެމެންނަށް ނުވި ކަންތައް އެ ކުރީ ރަޔާން... އަހަރެންގެ ހިތް ބުނީ ރަނގަޅަށް... ރަޔާން ޔަލްވީ ބަދަލުކޮށްފި.." ނިމާލުގެ ދެލޯވެސް ފެންކަޅިވާން އުޅުނެވެ.

"އަހަރެން..." ނަފީސާއަށް ރޮވުނީއެވެ.

ނިމާލު އަވަސް އަވަހަށް ނަފީސާ ގޮވައިގެން މީހުންތަކާއި ދުރަށްޖެހުނެވެ.

"ނަފީ.... މީ ރޯންވީ ވަގުތެއް ނޫން.... އުފާކުރަންވީ ވަގުތު..." ނަފީސާގެ ލޮލުން އަންނަމުން ދިޔަ ކަރުނަތައް ފޮހެލަދެމުން ނިމާލު ވާހަކަ ދެއްކިއެވެ. "ނަފީ ވާނެ ވަރަށް ހިތްވަރުކުރަން... ތިހެން ހުރެގެން ޔަލްވީގެ ކުރިމައްޗަށް ދިޔުން އެހާ ރަނގަޅެއް ނުވާނެ!"

"އަހަރެން ބޭނުން ޔަލްވީ ކައިރިއަށް ދާން..." ނަފީސާގެ ދެލޯ ހޯދީ ޔަލްވީއެވެ.

"ކައިވެނީގެ ކަންކަން ނިމެންދެން މަޑުކޮށްލާ ނަފީ.... ކުރިންވެސް ކެތް ކުރީނު..." ނިމާލު އެދުނެވެ. "މިގަޑީ އަހަރެމެން ގޮސްގެން ބޮޑު ކަންތައްގަނޑަކަށްވެސް ވެދާނެ... މި އުފާވެރި މާހައުލު އަހަރެމެންގެ ސަބަބުން ހަރާބުވެގެންދިޔަ ދީގެން ނުވާނެ!..."

ޔަލްވީއަށް ނުފެނުނަސް، ރަޔާނަށް ނިމާލުމެން ފެނުނެވެ. ދެމީހުން މާދުރުގައި މަޑުކޮށްލައިގެން ތިބިގޮތުން، އަދި ޔަލްވީއަށް ފެންނަން ބޭނުން ނުވާކަން ރަޔާން ދެނެގަތެވެ.

"ކޮން ސަޕްރައިޒެއް ދޭ ވާހަކަ ބުނީ؟" ކައިވެނީގެ މަޖިލިސް ފެށުނުއިރުވެސް ރަޔާން ބުނި ކަންތައް ނުވާތީ ޔަލްވީއަށް އަހައިލެވުނެވެ.

"މިހާ ރީތިވެލައިގެން ހުރީމަ، ސަޕްރައިޒް ކުޑަކޮށް ލަސްކޮށްލީ..." ރަޔާން ބުނެލިއެވެ. "އިހަށް ބޭނުންވަނީ ލޯބިވާ ވާހަކަ ބުނަން... މިހާރު މާބޮޑަށް ލޯބިވާން ފަށައިފި..."

"އަސްލުވެސް ރީތިތަ؟" ޔަލްވީ ބޭނުންވީ ތަކުރާރުކޮށް ރަޔާން ލައްވާ ތައުރީފު ކުރުވާށެވެ.

"މިހާރު ބޭނުންވަނީ..." ރަޔާން ޔަލްވީއާއި ކައިރިވެލިއެވެ. ޖުމުލައިގެ ބާކީބައި އޭނާ ފުރިހަމަކުރީ ޔަލްވީގެ ކަންފަތް ކައިރީގައެވެ.

ޔަލްވީ ލަދުން ރަޔާނާއި ދުރަށްޖެހުނެވެ. ހަމަ އެހާ އަވަހަށް އަތުގައި ހިފާލިއެވެ.

ޔަލްވީ އާއި ރަޔާންގެ ހަރަކާތްތަކަށް ބަލަން ދުރުގައި ތިބި ނަފީސާ އާއި ނިމާލުގެ ތުންފަތްމަތިން ހިނިތުންވުން ފިލާނުދެއެވެ. އަމިއްލަ ދަރިފުޅަށް ނުދެވުނު ތަރުބިއްޔަތު އެލިބުނީ ރަޔާންގެ ފަރާތުންނެވެ.

********

"އަނބި ގަބޫލުކޮށްފިން...." އަފްސަމްގެ ޖުމްލަ އާއިއެކު ލިމްޔާއަށް ދެލޯ މަރާލެވުނެވެ.

އެތައް ދުވަހަކު ލިމްޔާގެ ހިތުގައި ކަނޑާ ބިންވަޅު ނެގިފައިވި ރަޔާންގެ ނަން އަބަދުގެ އަބަދަށް ހިތުގައި ކަފުންކޮށް ވަޅުލެވުނެވެ. މިއަދަށްފަހު ލިމްޔާގެ ހިތުގައި ވާނީ ހަމައެކަނި އަފްސަމްގެ ނަމެވެ. އެއީ އޭނާ އަމިއްލަ ނަފުސަށް ވީ ވައުދެކެވެ.

ރަޔާން ޔަލްވީގެ އުނަގަނޑުގައި އަތްއަޅުވާލިއެވެ. ރަޔާންގެ ކޮންމެ އަމަލަކާއި އެއްވަރަށް ރަޔާންގެ ތައުރީފުގެ ބަސްތަކުން ޔަލްވީ ހުރީ އުފަލުން މޮޔަވާވަރުވެފައެވެ.

ކައިވެނި ވެވުނު ޖޯޑުގެ ކައިރިއަށް އެންމެ ފުރަތަމަ ދިޔައީ ރަޔާންގެ ދެމަފިރިންނެވެ. ރަޔާން އޭނާގެ އަތުގައި އޮތް ސިޓީއުރަ އަފްސަމްގެ އަތަށް ލައިދިނެވެ.

"ބާއްޖަވެރި ހަޔާތަކަށް އެދެން...." ލިމްޔާއަށް ބަލައިލަމުން ރަޔާން ބުނެލިއެވެ.

"ތޭންކް ޔޫ.." ލިމްޔާ ހިނިތުންވެލިއެވެ.

ލިމްޔާއަކީ ރަޔާންގެ ގާތް އެކުވެރިއަކަށްވިޔަސް ދިމާވި ކަންތައްތަކަށްފަހު ލިމްޔާ އާއި އެހާ ގާތްކޮށް ވާހަކަ ދައްކާކަށް ރަޔާނަކަށް ނުކެރެއެވެ. ލިމްޔާވެސް އެފަދައެވެ. ރަޔާންގެ ހިތުން ލިމްޔާއަށް ދެވިފައިވާ އެކުވެރިކަމުގެ މަގާމަށް ދުވަހަކުވެސް ބަދަލެއް ނާދެއެވެ.

އަލަތު ދެމަފިރިންނަށް މަރުހަބާ ކިޔުމަށްފަހު ރަޔާން އާއި ޔަލްވީ ވެސް ގެއަށް ދިޔުމަށް ހިނގައިގަތެވެ. މުޅި ދުވަހު އުޅެންޖެހުނުލެއް ބުރަކަމުން ޔަލްވީ ހުރީ ވަރަށް ބޮޑަށް ވަރުބަލި ވެފައެވެ.

"ދެން ކޮބާތަ ސަޕްރައިޒް.." ޔަލްވީއަށް އަހައިލެވުނެވެ.

"ގެއަށް ވަނީމަ ފެންނާނެ" ރަޔާން ބުނެލިއެވެ.

ގޭގެ ދޮރު ހުޅުވައިލިއިރު ޔަލްވީގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. ރަޔާން ދޭން އުޅެނީ ކޮންކަހަލަ ހަދިޔާއެއް ހެއްޔެވެ؟

"މަންމާ!...." ޔަލްވީ ސިހުނީ ސިޓިންގްރޫމުގައި ހުރި ނަފީސާ ފެނުމުންނެވެ.

ޔަލްވީ ހުއްޓުން އެރިއެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް ނޭޅުނެވެ. އެތައް ދުވަހަކަށްފަހު ނަފީސާ ފެނުމުން، ކަންތައް ކުރަންވީގޮތް އޭނާގެ ސިކުނޑިއަކަށް ނައެވެ. ހުދު ނަފީސާވެސް ހުރީ ޔަލްވީ ކަންތައް ކުރާނެގޮތެއް ނޭނގޭތީ ހިތް އަވަސްވެފައެވެ. ކުރިއެކޭ އެއްގޮތަށް ޔަލްވީ އޭނާ ބާކީކޮށްފިނަމަ، ނަފީސާގެ ހިތް ހަލާކުވާނެއެވެ. ޔަލްވީ ގަބުވެފައި ހުއްޓާ ރަޔާން ޔަލްވީގެ އަތުގައި ހިފާލިއެވެ. ޔަލްވީގެ އަތްތިލަ ވަނީ ފިނިވެފައެވެ. އެ އަތުގައި މަޑު ތުރުތުރުލުމެއްގެ އަސަރު ވިއެވެ.

"މީ އަހަރެން ދޭން ބުނި ސަޕްރައިޒް" ރަޔާން މަޑުމަޑުން ބުނެލިއެވެ. "ދޭ އަވަހަށް މަންމަ ކައިރިއަށް.... އަހަރެން ބޭރުގަ މަޑުކޮށްލާނަން"

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު