އަޒްލަފް ޝައުފާއަށް ފަސްދީ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލިއެވެ.
ނަރުސްކުއްޖަކު އެތެރެއަށް ވަނުމަށްފަހު، ޑިސްޗާރޖް ސަމަރީ ހަވާލުކޮށްލުމުން އަޒްލަފް ނުކުތީ ޝައުފާގެ ގާތުގައި، އޭނާ ބޭރުގައި މަޑުކޮށްލައިގެން އެބަ ހުރީމޭ ބުނެފައެވެ. އަޒްލަފް ހުރީ ޝައުފާ ގެއަށް ލާފައި ދާންވެގެންނެވެ. އެ ޙާލަތުގައި ޝައުފާ އެކަނިކޮށްލަން އޭނާގެ ޒަމީރު ތަނެއް ނުދިނެވެ.
އަޒްލަފް ނުކުތްތަނާ އެތަނުން ލުޔޫނާއާ ދިމާވުމުން އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޮފް ދުވަހުވެސް ހޮސްޕިޓަލުގައި އަޒްލަފް ހުރުމުން ލުޔޫނާ ސުވާލުކޮށްލިއެވެ. އެއާއެކު އަޒްލަފް ކުރު ގޮތަކަށް ވީގޮތް ކިޔައިދިނެވެ. ޝައުފާގެ އާއިލާގެ މީހެއް ނެތްކަމާއި އެހެންވެގެން އައިސްލީކަމުގައި ބުނެލިއެވެ. ލުޔޫނާ ހިނިތުންވެލިއެވެ.
އެ ދެމީހުން ވާހަކައިގައި ތިއްބާ ޝައުފާ ނުކުމެލިއެވެ. ލުޔޫނާއާ އެހާ ގާތްކޮށް ވާހަކަ ދައްކަމުން ދިޔަ އަޒްލަފް ފެނުމުން ޝައުފާގެ ހިތަށް ގޮތެއް ވެލިއެވެ. ލުޔޫނާ އަޒްލަފްއާ ވާހަކަ ދައްކާލާފައި ދިޔުމުންވެސް އަޒްލަފް އެ ދިމާލަށް ބަލަހައްޓައިގެން ހީނލައިގެން ހުރި މަންޒަރު ވީ އޭނާގެ ހިތަށް އުނދަގޫކުރުވި މަންޒަރަކަށެވެ. އެއީ މީގެ ކުރިން އަޒްލަފް އޭނަ ނޫން އެހެން އަންހެން ކުއްޖަކަށް ބެލި ނަޒަރެއް ނޫނެވެ. އޭނާއާ މެދު އެހިތުގައިވާ އިޙްށާސްތައް މުޅީން އެހެން ދިމާލަކަށް ފުރޮޅިގެންދާފަދަ އިޙްސާސްއެއް ޝައުފާއަށް ކުރެވުނެވެ.
އަޒްލަފްއާއެކު ގޮސް ގެއަށް ދާން ކާރަށް އެރި ޝައުފާއަށް އިރުއިރުކޮޅަކާ އަޒްލަފްއާ ދިމާލަށް ބަލައިލެވެއެވެ. އެހިތުގައި އޭރު ވަނީ ވަރުގަދަ ހައިޖާނުގަނޑެއް އުފެދިފައެވެ. އޭނާ ގެއަށް ލާފައި އަޒްލަފް ދިޔުމުންވެސް ޝއުފާއަށް ހުރެވުނީ އަޒްލަފްގެ ޚިޔާލުތަކުގައި ގެއްލިފައެވެ. އަޒްލަފްގެ ރަނގަޅުކަމާއި އޭނާގެ ހެޔޮލަފާ އަޚްލާޤާ ދޭތެރޭ ވިސްނުނު ވަރަކަށް އަމިއްލަ ކުށުގެ އިޙްސާސްކުރެވި އަޒްލަފްއާ އަލުން ގުޅުމުގެ ޚިޔާލުތައް އޭނާއަށް ވެރިވާން ފެށިއެވެ.
*****
އަޒްލަފްގެ ނަސޭޙަތަށްފަހުވެސް މައުވާ ފެންނަ ހިސާބަށް ނުގޮސް އަފްނާންއަށް ހުރެވުނީ ދުވަސްކޮޅަކަށެވެ. މައުވާގެ ހަނދާންވާ ކޮންމެ ފަހަރަކު ހިތުގައި ހީވަނީ މީހަކު ވިކައިގަންނަހެންނެވެ. ބޭނުންވަނީ މައުވާއާ ވަކިން ވާހަކަ ދައްކަން ނަމަވެސް، އެ ފުރުސަތެއް އޭނާއަކަށް ދުވަހަކުވެސް ނުލިބެއެވެ. ބައެއް ދުވަސް ދުވަހު އޭނާ ދާއިރު، ރާމިޒާ ހުރެއެވެ. އަދި އަނެއްބައި ދުވަސް ދުވަހު، ޒާޔާ ނުވަތަ ޔޫޝައުއާ ދިމާވެއެވެ. ކޮންމެ ދުވަހަކުވެސް ނުކުންނަން ޖެހެނީ މާޔޫސްކަމާއެކުގައެވެ. އޭނާއާ ޒާޔާއާ ޔޫޝައުގެ މެދުގައިވެސް ވަނީ ނުތަނަވަސްކަމެވެ. އަފްނާން މައުވާގެ ކައިރިއަށް ދާ ކޮންމެ ދުވަހަކު ވެސް މައުވާ އެވަރަށް ރޮޔެވެ. އަފްނާންއަށް މާފުކުރަން އޭނާ ބޭނުން ނުވާފަދަ އެވެ. އެހެންނަަމަވެސް، އަފްނާންގެ އެ ލޮލުގައިވާ ވޭނާ ޖަޒުބާތުތަކުގެ ސަބަބުން އެހިތް މަޑުކަފަކޮޅަކަށްވެގެން ދަނީއެވެ. ހިތާ އެ ހިތުގެ ވިންދާ، ސިކުނޑީގެ ހައިޖާނުގަނޑުގެ ތެރޭގައި މައުވާ ހީވަނީ މޮޔަވެދާނެހެންނެވެ. ޤަބޫލުކުރަން ބޭނުން ނުވިޔަސް އަދިވެސް އެހިތުގެ ކަނެއްގައި އަފްނާންއާ މެދު އިޙްސާސްތަކެއް ވެއެވެ. ފުން ޖަޒުބާތުތަކެއް ވެއެވެ. އެހުރިހާ ކަމަކަށްފަހުވެސް އަފްނާންގެ ނަން ނޫނީ މައުވާގެ ހިތުގައި ނުވެއެވެ. އެކަމާ އޭނާ އަމިއްލަ ނަފްސަށްވެސް އަޑު ލައެވެ. އެހާ އަނިޔާވެރިއަކަށްޓަކައި އަދިވެސް އެހިތުގައި ޖާގައެއް ވަނީ ކީއްވެގެން ހެއްޔެވެ؟ ނަފްރަތު ނުކުރެވެނީ ކީއްވެގެން ހެއްޔެވެ؟ އެއީ އޭނާގެ އަލަތު ލޯބި ވީމަ ހެއްޔެވެ؟
މައުވާ އެގޮތަށް ރޯ މަންޒަރު ފެނުމުން އެންމެ އުނދަގޫވަނީ ޔުޝައުއަށެވެ. އަފްނާންގެ ސަބަބުން މައުވާއަށް ކިހާ ވޭނެއް ލިބިއްޖެ ހެއްޔެވެ؟ އަލުން އަފްނާންއަށް ފުރުސަތު ދޭން އޭނާ ބޭނުންނުވާ ސަބަބަކީވެސް އެއީ އެވެ. ދެވަަނަ ފަހަރަށް އަފްނާންގެ ސަބަބުން މައުވާއަށް ދެރައެއް ލިބޭކަށް އޭނާ ބޭނުމެއް ނޫނެވެ. މައުވާއަށް ނުލިބުނު ހުރިހާ އުފަލެއް ޚުދު އޭނާގެ ފަރާތުން މައުވާއަށް ދިނުމަށް އަމިއްލަ ޒަމީރުވެސް ގޮވަން ފަށައިފިއެވެ. އެހެންނަމަވެސް، ޖެހިލުންވަނީ މައުވާގެ ހިތުގައި އަދިވެސް އަފްނާން ދިރިއުޅޭތީއެވެ. މައުވާގެ ކަރުނަތަކުގެ ފަހަތުގައި ފޮރުވިފައިވާ ލޯބި އޭނާއަށް ފެންނާތީއެވެ. އަމިއްލަ ހިތުގެ އިޙްސާސްތަކުގެ ކުރިމަތީގައި މީގެ ކުރިން އޭނާ އަބަދުވެސް އިސްކުރީ މައުވާގެ އުފާތަށް ނަމަވެސް، މިއަދު އަމިއްލަ އެދުން އިސްކުރަން ބޭނުންވާން ފެށިއެވެ.
*****
އަފްނާން މައުވާއާ ބައްދަލުކުރަން ދިޔަ ދުވަހެކެވެ.
"މައު ޕްލީޒް... އަޑު އަހާބަ. އަހަރެން ކިހިނެއް ސާބިތުކޮށްދޭނީ އަހަރެން މައު ދެކެ ލޯބިވާވަރު. " މައުވާގެ އަތުގައި ހިފައްޓަން މަސައްކަތް ކުރަމުން އަފްނާން ވާހަކަ ދެއްކިއެވެ. "އިޓް ވޯޒް އަ މިސްޓޭކް."
"ގައިގަ އަތް ނުލާވެސް ވާހަކަ ދެއްކޭނެ. ދުރުގަ ހުރެބަލަ." މައުވާގެ ރުންކުރު ޖުމްލަތައް، އަފްނާންގެ ކަންފަތުގައި ގުގުމާލުމާއެކު، ހިތުގައި މަޑުމަޑު ރިހުމެއް އުފެދުނެވެ.
"ސޮރީ..... އަހަންނަށް އިތުރު ފުރުސަތެއް ނުދޭނަންތަ؟" އަފްނާން ސުވާލުކޮށްލިއެވެ. "މައު. އެހާވަރަށް އަހަންނަށް ނަފްރަތުކުރަނީތަ؟"
"ޔޫ ޑިޒާރވް އިޓް." އަފްނާންގެ ވާހަކަ ނިމުމާއެކު މައުވާ ބުންޏެވެ.
"ދެން ކީއްވެ ސީދާ އަހަންނާ ދިމާލަށް ބަލާފަ ތިހެން ބުނަން އެއްފަހަރުވެސް ނުކެރެނީ؟ ކީއްވެ ނަޒަރު ސީދަކޮށްފަ ވަހަކަ ނުދައްކަނީ؟ ކީއްވެތަ ދުރު ބަލަހައްޓައިގެން އޮވެ އަބަދު ވާހަކަ ދައްކަނީ؟" ދުރުބަލަން އޮތް މައުވާއާ އަފްނާން ކުރިމަތިކުރުވި ސުވާލުތަކުގެ ސަބަބުން އޭނާއަށް ލޯ މަރައިލެވުނެވެ. "އަހަންނަށް އެނގޭ އަހަންނެކޭ އެއްގޮތަށް މައުވެސް އަހަރެން ދެކެ ލޯބިވާކަން. އެހެން ނޫނީ ތިގޮތަށް އޮވެ ވާހަކައެއް ނުދައްކާނެ. ލުކް އެޓް މީ..."
މައުވާ އަދިވެސް އޭނާ ދެކެ ލޯބިވާކަން އަފްނާންއަށް އެނގެއެވެ. އެ ދެލޮލުން ފެންނަ އަސަރުތައް އެކަނިވެސް އެކަމަށް ހެކި ދެއެވެ. އެހެންނަމަވެސް މައުވާ އަލުން އޭނާއަށް ފުރުސަތު ދޭން ޖެހިލުންވަނީއެވެ. މާޒީގެ ސަބަބުން، އިތުބާރު ނުކުރެވެނީއެވެ. އަލުން އެހިތް ހަލާކުކޮށްލަފާނެތީ، ދެވަނަ ފުރުސަތެއް ދޭން އުޒުރުވެރިވަނީއެވެ. އަފްނާންގެ އާދޭސްތަކަށް ބީރުކަންފަތެއް ދޭން މައުވަ މަސައްކަތްކުރިއެވެ.
"ބުނެފީމެއްނު ލޯތްބެއް ނުވެޔޭ. އަހަރެން އަފްނާންއަށް ނަފްރަތުކުރަމޭ." ދުލުން އެ ބަސްތައް ބޭރުވިއެއްކަމަކު މައުވާގެ ހިތުގެ އިޙްސާސްތަކާ އަމަލުތައް ބުނެދެމުން ދިޔައީ މުޅީން އެހެން ވާހަކައެކެވެ. ހަޤީގަތުގައި، އޭނާ އަފްނާން ދެކެ ލޯބިވިޔަސް، އެކަން ހާމަކުރަން އުޒުރުވެރިވަނީއެވެ. ހިތަށް ލިބުބު ޒަޚަމްތައް އަދިވެސް ހުރީ ހަމަ އެހާ ތާޒާކޮށެވެ. އަފްނާންއަށް ދެ އަހަރު ފާއިތުވިއެއްކަމަކު، އޭނާ އަދިވެސް ހުއްޓި އެ ހުރީ މީގެ ދެއަހަރު ކުރީގައި އަފްނާން އޭނާ ދޫކޮށްލި ހިސާބުގައެވެ. އެ ހާދިސާގެ ކޮންމެ މަންޒަރެއްމެ ސިކުނޑީގައި ބިންވަޅު ނެގިފައިވާއިރު، އެންމެ ކަމެއްވެސް ހަނދާނުން ފުހެވިގެން ނުދެއެވެ. އެ ދުވަހު ހިތަށް ވީ ތަދު މިއަދުވެސް ވެއެވެ. އެ ދުވަހު ވޭން އެޅި ވަރަށް މިއަދުވެސް ވޭން އަޅައެވެ. ވީއިރު އަފްނާންއަށް މާފުކުރާނީ ކިހިނަކުން ހެއްޔެވެ؟
މައުވާ އެބުނީ ތެދެއް ނޫންކަން އަފްނާންގެ ހިތަށް ފަހުމްވިއެއްކަމަކު، އެ ބަސްތައް މައުވާގެ ދުލުން އަޑު އެހުމަކީ ފަސޭހަކަމަކަށް ނުވިއެވެ.
"އެކަންތައް މަތީން ހަނދާން ނައްތާނުލެވޭނެތަ މައު؟" މާޔޫސީ އަޑަކުން އަފްނާން ސުވާލުކޮށްލިއެވެ. "އައު ފެށުމަކުން އަހަރެމެން ދެމީހުންނަކަށް ނުފެށޭނެތަ؟"
"އަފްނާން ތިހެން ބުންޏަސް، އަހަންނަށް އެއީ އަދިވެސް އިއްޔެ ވީކަމެއް." އެހެން ބުނެލާފައި މައުވާ އޭނާގެ ފޯނު ނަގާ ކޮންމެވެސް އެއްޗެއް އަޅުވައިލިއެވެ. "އަފްނާން ހަނދާން ނެތިއްޔާ އަހަރެން ހަނދާން ކޮށްދީފާނަން."
އަފްނާންއާ ދިމާލަށް ފޯނު އަނބުރާލަމުން، މައުވާ ދައްކައިލީ އެރޭގެ ވީޑިއޯއެވެ.
"ޕްލީޒް ސްޓޮޕް..... މައު....." އަފްނާން އެދުނެވެ. "ކިހިނެއް މައު ތި ހޯދީ؟"
"އަހަންނަށް ވެސް މި ދޭނެ މީހަކު ވެދާނެއެއްނު ހަމަ. އެހެން ނޫނަސް މި މުޅި ޔުނިވާރސިޓީގަވެސް ވައިރަލްވިއެއްނު. އަފްނާން ހީކުރީ އަދިވެސް އަހަންނަށް އެއްވެސް ކަމެއް ނޭނގެކަމަށްތަ؟" މައުވާ ސީދާ އަފްނާންގެ ދެލޮލަށް ބަލައިލިއެވެ. "މިއަށް ބަލައިލާ ކޮންމެ ފަހަރަކު އަފްނާންއަށް ފުރުސަތު ދޭން ނުޖެހޭނެ އެތަކެއް ސަބަބެއް އަހަންނަށް ފެނޭ. އަހަރެން އަފްނާންއަށް މާފުކުރަން ނުޖެހޭ އެތައް ސަބަބެއްވެސް. އަދި އަހަރެންގެ ނަފްރަތު އަފްނާންއަށް ހައްްޤުވާން ޖެހޭ އެތަކެއް ސަބަބެއް ވެސް."
މަައުވާގެ އެ ބަސްތައް ހީވީ އަފްނާންގެ ކޯތާފަތުގައި އަޅައިލި ހޫނު އެތިފަހަރެއް ހެންނެވެ. މިޔަ ތޫނު ހަންޖަރަކަށްވުރެ އެ ބަސްތައް ތޫނެވެ. ހިތަށް ހެރުމާއެކު ލޭ އޮހޮރިގެން ހިނގައްޖެއެވެ.
"ލީވް." މައުވާ ބުނެލިއެވެ. އޭނާއަށް އަފްނާންގެ ދެލޮލުގެ ތެރެއިން ފެނުނު ވިދުމާއެކު، މެއަށް ގޮތެއް ވެލިއެވެ. ހިތުގެ ހިނގުމަށް ބަދަލު އައެވެ. އޭނާގެ ކުރިމަތީގައި އިސްޖެހިގެން އަފްނާން ދިޔަގޮތުން އެ މޫނަށް ބަލަހައްޓައިގެން މައުވާއަށް އޮވެވުނެވެ. ދެލޮލުގެ ތެރެއަށް ޖަމާވެފައިވާ ކަރުނަތައް ކޯތާފަތުގައި ރޮނގު ދަމާލައިފިއެވެ. ފިނިކަން އިޙްސާސްވުމާއެކު ކަރުނަތައް ފުހެލާފައި އޭނާ އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ.
އިތުރަށް އެތަނުގައި ހުންނަން ކުޅަދާނަ ނުވުމުން އަފްނާންވެސް ގޮސް ނުކުމެލިއެވެ. ކޮޓަރީގެ ދޮރަށް ބަލައިލުމަށްފަހު، އިސްޖަހާލައިގެން ހުރެ އެތަނުން ނުކުންނަން ދިޔައިރު، ޚުދު އޭނާގެ ދެލޯ ވެސް ކަރުނުން ފުރިއްޖެއެވެ. މަންޒަރު ފުސްވާން ފެށުމުން އަތުގެ ނުފުށުން ބޮޑުވާ އިނގިލިން ދެލޯ ފުހެލިއެވެ. އެ މަންޒަރު އެތަނަށް ވަދެގެން އައި ރާމިޒާގެ ލޮލުގައި ވެސް އަޅައިގަތެވެ. ލޯ ފުހެލާފައި އިސް އުފުލައިލި އަފްނާންގެ ލޮލުގައި ރާމިޒާ އަޅައިގަތުމާއެކު އިސްޖަހާލަމުން އޭނާ ފިޔަވަޅުތަށް ބާރުކޮށްލީ ރާމިޒާއަށް އެއްޗެއް ބުނާނެ ފުރުސަތު ނުދިނުމުގެ ގޮތުންނެވެ.
*****
ޝައުފާ އާއިންއާ ބައަދަލުކުރަން އައީ އަޒްލަފްއަށް ވެސް ގުޅާފަައެވެ. އާއިންއާއެކު ވަގުތުކޮޅެއް ހޭދަކޮށްލާފައި ޝައުފާ އަޒްލަފްއާ ވަކިން ވާހަކަ ދައްކާލަން ބޭނުން ވާ ވާހަކަ ބުނުމުން އަޒްލަފްވެސް ދެކޮޅެއް ނުހަދައެވެ. އެ ދެމީހުން ނުކުތީ ޕޫލް އޭރިޔާއަށެވެ. އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު، އެންމެ ފުރަތަމަ ވާހަކަ ދެއްކީ ޝައުފާއެވެ.
"އަޒްލަފް." އޭނާ ގޮވައިލިއެވެ. "އަހަންނަށް މާފުކުރޭ. އަޒްލަފްއާ ދޭތެރެ އަހަންނަށް ކަންތައްކުރެވުނީ ވަރަށް ގޯސްކޮށް."
ހަޤީގަތުގައި ވެސް މިއަދު ޝައުފާއަށް އޭނާގެ ކުށް އިޙްސާސްވެއްޖެއެވެ. އަޒްލަފްއާ މެދު ކަންތައް ކުރެވުނު ގޮތާ ދޭތެރޭ އޭނާ އިންތިހާއަށް ދެރަވެއެވެ. އަތުން ގެއްލުނީ އަގު ބޮޑު ޖަވާހިރެއްކަން މިއަދު އެހިތަށް ފަހުމްވެއްޖެއެވެ.
"އަހަރެން މާފުކޮށްފިން." އަޒްލަފް ބުނެލިއެވެ. "މިހާރު ބޭނުމެއް ނުވޭ އެ ޗެޕްޓަރ އަލުން ހުޅުވާކަށް."
"އަޒްލަފް..." ޝަައުފާ އަޒްލަފްއަށް ގޮވަައިލީ ވަރަށް ބޮޑު ވާހަކައެއް ބުނަން ނަމަވެސް، އަޒްލަފްގެ ނަން ކިޔާލުމާއެކު، ހީވީ އެ ދުލުގައި ތަޅެއްލެވުނު ހެންނެވެ.
"ބުނެބަލަ..." އެންމެފަހުން އަޒްލަފް ވާހަކަ ދެއްކިއެވެ.
"އަހަރެމެން... އަހަރެމެން ދެމީހުން...... އަހަންނަށް އިތުރު ފުރުސަތެއް ނުދޭނަންތަ؟" ހިތްވަރު ކޮށްފައި ޝައުފާ ވާހަކަ ދެއްކިއެވެ. އުނދަގުލުން ނަމަވެސް އެހިތުގެ އެދުން އޭނާ، ހާމަކޮށްލިއެވެ. "އަޒްލަފް. އަހަރެން ބޭނުން މިގުޅުމަށް އިތުރު ފުރުސަތެއް ދޭން."
"ޝައުފާ...." ފުން ނޭވާއެއް ލަމުން އަޒްލަފްއަށް ގޮވާލެވުނެވެ. ޝައުފާގެ މޫނުމަތިން ފެނުނު ނާއުންމީދުގެ އަސަރުތަކުން އުނދަގޫވި ނަމަވެސް، އަޒްލަފް އަޑު އެހީ އޭނާގެ ހިތުގެ އަޑެވެ.
"އަހަރެން ޝައުފާއަށް މާފުކުރިޔަސް އަލުން އަހަރެންގެ އަނތްބެއްގެ މަޤާމު ދޭކަށް ބޭނުމެއް ނޫން..." ސީދާ ސީދަލަށް އަޒްލަފް ޖަވާބު ދިނެވެ. އެއްވެސް ޖެހިލުމެއްނެތި އަޒްލަފް ޖަވާބު ދިން ގޮތުންނާއި އެ އަޑުގައިވި ސާބިތުކަމުން، އަޒްލަފްގެ އެ ނިންމުން ބަދަލުނުވާނެކަން ޝަައުފާއަށް އެނގުނެވެ. އޭނާގެ ހަނދާނަށް އަންނަން ފެށީ އަޒްލަފްއާއެކު ފެނުނު އަންހެންކުއްޖާއެވެ. އަޒްލަފްގެ މޫނުމަތިން ފެނުނު އަސަރުތަކެވެ. އެއާއެކު، އަޒްލަފްގެ ހިތުން އެ އަންހެން ކުއްޖާއަށް ޖާގައެއް ދެވިފައިވާކަން އޭނާއަށް ޔަޤީންވިއެވެ. ވިސްނުނު އިރު މާ ލަސްވީކަން ޝައުފާއަށް ފަހުމްވިއެވެ.
“އައެމް ސޮރީ. އަހަންނަކަށް ނެތް ޝައުފާ އަހަރެންގެ ލައިފްއަށް އަލުން ގެނެވޭކަށް." އަޒްލަފްގެ ހިތުގެ އެދުމަކީ އެއީއެވެ. މިއަދު ޝައުފާއާ ދުރުގައި ހުރުމަކީ އަޒްލަފްއަށް އުނދަގޫކަމެއް ނޫނެވެ.
"އަހަރެން މިއުޅެނީ ރަށަށް ފުރަންވެގެން." އެ އަޑު އަހަން ހުރެފައި، ޝައުފާ ބުނެލިއެވެ. "އަދި އެއްފަހަރު އާއިންއާ ބައްދަލުކޮށްލަން ބޭނުން."
"މާލެ އަޔަސް ޝައުފާ ބޭނުން އިރަކު އާއިންއާ ބައްދަލުކުރަން އާދެވޭނެ." ޝައުފާގެ މޫނުމަތީގައިވި ހިތްހަލާކުވާފަދަ އަސަރުތަކުން އަޒްލަފްއަށްވެސް ކުޑަކޮށް އުނދަގޫވިއެވެ. އެހެންނަމަވެސް އޭނާގެ އެ ނިންމުމަކީ ދެން ބަދަލުވާނެ ނިންމުމެއް ނޫނެވެ. ޝައުފާއަށް ހެޔޮ ވިސްނުނީތީ އޭނާ ހުރީ އެކަމާ ހިތްހަމަ ޖެހިފައެވެ.
އަޒްލަފް ޝައުފާ ގޮވައިގެން އާއިން ކައިރިއަށް ދިޔުމުން އޭނާ އެތަކެއް ފަހަރަކު އާއިންގެ ނިތާ ކޮލުގައި ބޮސްދިނެވެ.
"މަންމި ވަރަށް ހަނދާންވާނެ ދަރިފުޅު މަތިން." ފަހު ފަހަރަށް އާއިންގެ ގައިގައި ބައްދާލަމުން ޝައުފާ ބުނެލިއެވެ.
"މަންމި ދަނީތަ؟" ޝައުފާ އާއިން ތިރީގައި ބަހައްޓާފައި ދާން އެނބުރިލުމުން އާއިން ސުވާލުކޮށްލިއެވެ. "މަންމި ދެން ކޮން އިރަކުން އަންނާނީ."
ކަރުނުން ފުރިގެންވީ ދެލޯ އާއިންއަށް ފޮރުވަން ވެގެން އަނެއް ފަރާތަށް އެނބުރިގެން ހުރެލާފައި، ޝައުފާ ހަމަޖެހިލަމުން އާއިންއަށް ބަލައިލިއެވެ.
"ވަރަށް އަވަހަށް އަންނާނަން." ޝައުފާ ހިިނިތުންވެލިއެވެ.
އެގެއިން ނުކުމެގެން ޝައުފާ ފަސް އެނބުރުމެއްނެތި ދިޔައީ އޭނާ އުޅޭ އެޕާރޓްމެންޓަށެވެ. އޭނާގެ އެއްޗެހިތައް ޕެކްކޮށްފައި އޭރު ސިޓިންރޫމުގައި ހުއްޓެވެ. ވަށައިގެން އެ އެޕާރޓްމެންޓަށް ބަލައިލުމާއެކު ތޫނު ރިހުމެއް މޭގައި އުފަންވެގެން އަތުވެއްޖެއެވެ. ލަސް ފިޔަވަޅުތަކެއްގައި ގޮސް ސޯފާގައި އިށީނުމާއެކު ރޮވެން ފެށިއެވެ. މާޒީގެ ކޮންމެ ހަނދާނެއް ވަކިވަކީން އައިސް އޭނާގެ ސިކުނޑިއާ ގުޅެމުން ދިޔައެވެ. ޝައުފާގެ ވޭނީ ރުއިމުގެ ސަބަބުން މުޅިތަނަށް މަޑު ގިސްލުމެއްގެ އަޑު ވެރިވެގެން ދާކަށް ގިނަ އިރެއް ނުނެގިއެވެ.
*****
ރޭގަނޑެކެވެ. އަފްނާން މައުވާ ގާތަށް ދިޔައިރު، ޒާޔާއާއި ޔޫޝައު ވެސް ތިއްބެވެ. އޭރު މައުވާ ހުރީ އެނދުގައި ހިފައްޓާލައިގެން ކޮޅަށެވެ. އެ މަންޒަރު ފެނުމުން އަފްނާންއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. އެހެންނަމަވެސް، ޔޫޝައުމެންނާ ހީހީފައި ސަކަރާތްޖަހަމުން ދިޔަ މައުވާގެ ތުންފަތް މަތީގައިވި ހިނިތުންވުން އަފްނާން ފެނުމާއެކު ވަގުތުން ފަނޑުވިއެވެ. މީހާގެ ހަރަކާތްތައްވެސް މަޑުޖެހުނެވެ.
"ވައި އާރ ޔޫ ހިޔަރ. ޕްލީޒް ގޯ..." މައުވާ ބުނެލިއެވެ. "ޕްލީސް... ޖަސްޓް ލީވް މީ އެލޯން."
"މައު..." އަފްނާން ވާހަކަ ދައްކަން އުޅުނު ނަމަވެސް ޔޫޝައު އެ ފުރުސަތެއް އަފްނާންއަކަށް ނުދިނެވެ.
"މައު އެބުނީނު ދާށޭ. އޭނަގެ ބަހަށް ކުޑަކޮށްވެސް ޤަދަރުކުރަންޏާ ދެންވެސް މިތަނުން ދޭ." ޔޫޝައު އަފްނާންގެ ވާހަކަ މެދު ކަނޑާލަމުން ބުނެލިއެވެ.
"ހޫ އާރ ޔޫ؟......... އަހަރެން މި ވާހަކަ ދައްކަނީ މައުވާއާއޭ. ޔޫޝައުއަކާ ނޫނޭ. " އަފްނާންގެ ގާތަށް ރުޅި އަންނަ ގޮތްވިއެވެ. ޔޫޝައު ހުންނަ ފަހަރެއްގައި މައުވާ ކައިރިއަށް އާދެވޭ ދުވަހެއްވިއްޔާ ޙާލަތަކީ އެއެވެ. ކިތަންމެ ދުވަހަކު އެއްޗެއް ނުބުނެ ވޭތޯ އޭނާ ކެތްކޮށްފިއެވެ.
"މައުވާ ދެކެ ތިހާ ލޯބިވާކަމަށް މީގެ ކުރިންވެސް ދައުވާކުރީމު. އެކަމަކު ވީ ކިހިނެއް؟ ޔޫ ރުއިންޑް ހާރ ލައިފް." ޔޫޝައު ގާތަށް ވެސް ރުޅި އަތުވެއްޖެއެވެ. ދެމީހުން ޒުވާބުކުރަން ފެށުމުން އެ ދެމީހުން ހުއްޓުވަން ޒާޔާ އެއްޗެއް ބުނި ނަމަވެސް އެކަކުވެސް އަޅައެއް ނުލައެވެ.
"ކުރެވުނު ވަރު ކުޑަވެގެންތަ މިތަނަށް އައިސް ކޮންމެ ދުވަހަކު މައުވާ އެވަރަށް ރޮއްވާފަ ތިދަނީ؟ އޭނ. އެކަމަކު ބުނަންތަ؟ ދެނެއް ނުކެރޭނެ އެހެން އެކަން ވާކަށް." ޔޫޝައު ބުންޏެވެ. އަފްނާން އަންނަ ކޮންމެ ދުވަހަކު މައުވާގެ ދެލޮލުން އެ ފޫދޭ ކަރުނަތައް ޔޫޝައުގެ ހިތަށް އުނދަގޫ ކުރުވަން ފެށިއެވެ. "މައުވާއަށް ދެން އަފްނާންގެ ފަރާތުން އިތުރު ހިތާމަތަކެއް ކުރިމަތިވިޔަކަ ނުދޭނަން. އައި ވޯންޓް ލެޓް ޔޫ މޭކް ހަރ ކްރައި އެނީމޯ، އިނަފް އިޒް އިނަފް.... ޖަސްޓް ގެޓް ލޮސްޓް ފްރޮމް ހިއަރ."
"ބުނެފީމެއްނު ޔޫޝައުއަކާ އަހަރެން ވާހަކައެއް ނުދައްކަމޭ. ކަލޭ ކިތަންމެ ވަރެއް ކުރިޔަސް މައުވާއާ އަހަންނާ ގުޅުމެއް ނެތްކަމަކަށް ނުވާނެ. " އަފްނާން ބުންޏެވެ.
"ތިދައްކަނީ މާކުރީގެ ވާހަކައެކޭ. ލީވް." ޔޫޝައު ދެބުމަ ގޮށްޖަހައިލިއެވެ.
"މައު.. ލިސެން ޓު މީ... " އަފްނާން މައުވާއާ ދިމާލަށް ހިނގައިގަތުމުން ޔޫޝައު އޭނާ ހުއްޓުވިއެވެ.
"ކުރިމަތިން ދުރަށް ދޭ." ދެބުމަ ގޮށްޖަހައިލި އަފްނާން ބުންޏެވެ.
"ނުދާނަން. އައި ވޯންޓް ގިވް އެނަދަރ ޗާންސް ފޯރ ޔޫ ޓު ހާރޓް ހާރ." ޔޫޝައުވެސް ގޮތެއް ދުލެއް ނުކުރިއެވެ. އަފްނާން އޭނާ ކޮއްޕާލީ ޔޫޝައު ކުރިމަތިން ދުރަށް ނުދިޔުމުންނެވެ. ދެވަނަ ސިކުންތުގައި ދެން ފެނުނީ ޔޫޝައު އައިސް އަފްނާންގެ ގަމީހުގެ ގިރުވާނުގައި ހިފައިގަތްތަނެވެ. މައުވާ ވެސް ހާސްވެ އެ ދެމީހުންނަށް ގޮވައިލިއެވެ. އޭރު އޭނާގެ ދެލޯ ފެންކަޅިވެއްޖެއެވެ.
"ދޫކުރޭ." އަފްނާން ދަތްކުނޑި ވިކައިލިއެވެ.
"ޔޫޝައު ދޫކޮށްބަލަ ދެން." ޒާޔާ ބުނެލިއެވެ.
"ސްޓޭ އައުޓް އޮފް ދިސް ޒާ. ދޭ މައުވާ ކައިރިއަށް." މައުވާއަށް ބަލައިލުމާއެކު، ޔޫޝައު ބުނެލީ، މައުވާއަށް އެހާ އިރު ކޮޅަށް ނުހުރެވޭނޭހެން ހީވުމުންނެވެ.
"ހާދަ ވަރެކޭ ވެފަ ތިހުރީ؟ ކަލޭ މައުވާއާ ހިތާވަނީތަ؟" އަފްނާންއަށް އޭނާގެ ރުޅިގަނޑު ކޮންޓްރޯލެއް ނުކުރެވުނެވެ. ޔޫޝައުގެ އަތް ފޮޅުވާލަމުން އޭނާ ހަޅޭއްލަވަައިގަތެވެ.
"އާނ. ހިތާވޭ. ދެން ކީއްކުރެވޭނީ؟.." ޔޫޝައުގެ ޖުމްލައިން ހީވީ ތަނުގައި ބޮމެއް ގޮށްވާލިހެންނެވެ. "އަހަރެން މައުވާ ދެކެ ލޯބިވޭ. އެކަމަކާ ކަލެއަކާ ކީއް؟"
(ނުނިމޭ)