އިނގިރޭސި ޕްރިމިއާލީގުގައި މިރޭ ސްޓޯކްސިޓީ އަތުން ހޯދި ތިން ޕޮއިންޓާ އެކު ގަދަ ހަތަރަކަށް އެރުމަށް އާސެނަލުން ކުރަމުން އަންނަ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިއްޖެއެވެ.
އާސެނަލްއިން ސްޓޯކް ސިޓީގެ މައްޗަށް ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ.
އާސެނަލް ކުޅުންތެރީންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އެ މެޗުގައި އެޓީމަށް ފުރަތަމަ ލަނޑެއްޖަހައި ލީޑު ނަގައިދިނީ އޮލިވާ ޖީރޫއެވެ. މެޗުގެ 42 ވަނަ މިނިޓްގައި އޭނާ އެލަނޑު ކާމިޔާބުކުރީ ހެކްޓާ ބެލެރިންގެ އެހީތެރިކަމާއެކުއެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ އެ ނަތީޖާއާއެކުއެވެ.
އާސެނަލްއިން ދެވަނަ ގޯލެއް ކާމިޔާބުކޮށް ލީޑު ފުޅާކުރީ މެޗުގެ 55 ވަނަ މިނިޓްގައެވެ. އެލަނޑު ކާމިޔާބުކޮށްދިނީ މެސުޓް އޮޒިލްއެވެ. އޮޒިލްއަށް އެލަނޑު ޖަހަން އެހީތެރިވެދިނީ އެލެކްސް ސަންޗޭޒްއެވެ.
މެޗުގެ 67 ވަނަ މިނިޓްގައި ސްޓޯކް ސިޓީންވަނީ ލަނޑެއްޖަހައި އުންމީދު އާކޮށްފައެވެ. ސްޓޯލުން ލަނޑު ކާމިޔަބުކުރިތާ މާ ގިނައިރުތަކެއްނުވެ 76 ވަނަ މިނިޓްގައި ސަންޗޭޒްވަނީ ހިތްގައިމު ގޯލެއް ކާމިިޔާބުކޮށްދީ ނަތީޖާގެ ފަރަގު ބޮޑުކޮށްދީފައެވެ.
އާސެނަލްގެ ހަތަރުވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ޖަހައިދިން ޖީރޫއެވެ. އާރޮން ރަމްސީގެ އެހީތެރިކަމާއެކު އޭނާ އެލަނޑު ކާމިޔާބުކުރީ މެޗުގެ 80 ވަނަ މިނިޓްގައެވެ.
މި މެޗުގެ ނަތީޖާއާއެކު އާސެނަލް މިވަގުތު އޮތީ 69 ޕޮއިންޓާ އެކު ލީގު ތާވަލްގެ 5 ވަނަ މަގާމްގައެވެ. އެޓީމަށް ބާކީ ދެ މެޗު އޮތްއިރު ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތުވެސް އަދި އެބައޮތެވެ. މެޗުން ބަލިވި ސްޓޯކް ސިޓީއޮތީ ތާވަލްގެ 13 ވަނަ މަގާމްގައެވެ.