ދުބާއީގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށްގެން ދިވެއްސަކަށް ދުބާއީ ދަތުރެއް!

ޝާހު ރުކް ޚާންއާ އެކު އަޝްރަފް --- ފޮޓޯ/ ޓައިމްސް އޮފް އިންޑިއާ

ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ ދުބާއީގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށްގެން، ދިވެހި ރައްޔިތަކަށް ދުބާއީއަށް ދިއުމުގެ ފުރުސަތު ލިބިއްޖެއެވެ.

މި ފުރުސަތު ލިބުނީ ގދ. ވާދޫއަށް ނިސްބަތްވާ، 37 އަހަރުގެ މުހައްމަދު އަޝްރަފަށެވެ. އަޝްރަފަކީ ބޮލީވުޑްގެ ފިލްމީތަރި ޝާހް ރުކް ޚާންގެ ވަރުގަދަ ފޭން ކްލަބް "އެސްއާރުކޭ ޔުނިވާސް" ހިންގާ ފަރާތެވެ.

"އެސްއާރުކޭ ޔުނިވާސް"ގެ އެޑްމިނުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ އިރު، ޝާހު ރުކް ޚާންގެ ޚަބަރުތަކާއި ފޮޓޯތަކާއި ވީޑިއޯތައް އެ ޕޭޖުގައި ޝެއާކޮށް ހަދައި އުޅެނީ އަޝްރަފްގެ އިރުޝާދުގެ ދަށުންނެވެ.

ޝާހު ރުކް ޚާނަކީ ދުބާއީގެ ޑިޕާޓްމެންޓް އޮފް ޓޫރިޒަމް އެންޑް ކޮމާޝަލް މާކެޓިންގް ނުވަތަ "ދުބާއީ ޓޫރިޒަމް"ގެ ބްރޭންޑް އެމްބެސެޑަރެވެ.

އަޝްރަފް "ސަން"އަށް ބުނި ގޮތުގައި، ދުބާއީ ޓޫރިޒަމްގެ ޕްރޮމޯޝަނަލް ވީޑިއޯއެއް، ތިން މިލިޔަނަށް ވުރެ ގިނަ ލައިކްސް ލިބިފައިވާ، އޭނާގެ "އެސްއާރުކޭ ޔުނިވާސް" ފޭން ކްލަބުގައި ޝެއާ ކުރީއެވެ.

އަޝްރަފް ބުނި ގޮތުގައި، "އެ ވީޑިއޯ ގިނަ ބަޔަކަށް ރީޗުވެ، ދުބާއީގެ ޓޫރިޒަމަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުވެގެން ދިޔަކަން، ދުބާއީ ޓޫރިޒަމަށް ފާހަގަވީ" އެވެ.

ދުބާއީ ޓޫރިޒަމުން އަޝްރަފަށް ފޮނުވި އީމެއިލެއްގައި ބުނީ، ދުބާއީގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމަށް އޭނާ ކޮށްދިން މަސައްކަތަށް ޝުކުރު އަދާކުރުމުގެ ގޮތުން، އޭނާ ދުބާއީއަށް އައިސް ތިން ދުވަސް ހޭދަކުރުމުގެ ފުރުސަތު ދޭ ކަމަށެވެ.

ދުބާއީ ޓޫރިޒަމުން ހަމަޖައްސައިދޭ އެ ދަތުރުގައި، ޝާހު ރުކް ޚާން ފެނިގެންދާ 2014 ވަނަ އަހަރުގެ ބޮލީވުޑް ފިލްމް "ހެޕީ ނިއު އިޔާ"އާއި، ޝާހުއާ އެކު ދުބާއީ ޓޫރިޒަމުން ހިންގާ "ބީ މައި ގެސްޓް" ކެޕްމޭނުގެ ވީޑިއޯތައް ޝޫޓުކުރި ތަންތަން ބަލާލުމަށް ދިއުމާއި، އެހެނިހެން ކަންކަންވެސް ރާވާފައިވެއެވެ.

އަޝްރަފަށް ލިބުނު މި ޚާއްސަ ފުރުސަތުގައި އޭނާ ދުބާއީއަށް ފުރުމަށް ހަމަޖެހިފައިވަނީ މެއި 17ގައެވެ. އެނބުރި އަންނާނީ މެއި މަހުގެ 21 ވަނަ ދުވަހުއެވެ.

މާލޭގައި އަމިއްލަ ކުންފުންޏެއްގައި މަސައްކަތް ކުރާ އަޝްރަފަށް މިދިޔަ އަހަރުގެ ތެރޭގައި ވަނީ، އޭނާގެ ތަރި ޝާހް ރުކް ޚާނާ އިންޑިއާގައި ބައްދަލުކުރުމުގެ ފުރުސަތުވެސް ލިބިފައެވެ.

އަޝްރަފް ހިންގާ ޝާހު ރުކް ޚާންގެ ފޭންކްލަބް "އެސްއާރުކޭ ޔުނިވާސް"އަކީ ސޯޝަލް މީޑިއާގައި އެންމެ ވަރުގަދައަށް ހިންގާ އެއް ފޭންކްލަބެވެ.

comment ކޮމެންޓް