ޝަޢުބާންމަހު ކުރެވޭ އަޅުކަމަކީ ރޯދަމަހަށް ތައްޔާރުވުމަށް ލިބޭ ތަމްރީނެއް: ހުތުބާ

ޝައުބާން މަހަކީ އެމަހެއްގެ މައްޗަށް މީސްތަކުން ޣާފިލްވެފައިވާ މަހެއްކަމުގައި ވީ ނަމަވެސް އެމަހަކީ އެތައް ގޮތަކުން ހެޔޮކަން ބޮޑުވެގެންވާ މަހެއްކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ކީރިތި ރަސޫލާ މުޙައްމަދު صلى الله عليه وسلمގެ ސުންނަތާއި ހަދީޘް ބަސްފުޅުތަކުން މިޘާލް ދައްކަމުން ހުތުބާގައި ބުނެފައިވަނީ އަހަރުގެ އެހެން މަސްތަކަށް ވުރެ އިތުރަށް ރަސޫލާ މުޙައްމަދު صلى الله عليه وسلم ޝައުބާން މަހު ސުންނަތް ރޯދަ ހިފުން އިތުރުކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން އަސްހާބު ބޭކަލުން ސުވާލުކުރެއްވުމުން ރަސޫލާ މުހައްމަދު صلى الله عليه وسلم ހަދީޘްކުރެއްވީ ރަޖަބު މަހާއި ރަމަޟާން މަހާ ދެމެދު، މީސްތަކުން އެމަހަކާ މެދު ޣާފިލް ވާ މައްސަރެއް އަންނަކަމަށެވެ. ނަމަވެސް އެމަހަކީ މީސްތަކުންގެ އަމަލުތައް މާތް ﷲގެ ހަޟްރަތަށް އުފުއްލަވާ މައްސަރެއްކަމުން ރޯދަފުޅަށް ހުންނަވަނިކޮށް އެކަލޭގެފާނުގެ އަމަލްތައް އުފުލިގެން ދިޔުމަކީ އެކަލޭގެފާނު އެދިވަޑައިގަންނަވާ ކަމެއް ކަމަށް ރަސޫލާ ހަދީޘް ކުރައްވާފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ޝައުބާން މަހަކީ އަހަރުގެ އެންމެ މާތް މައްސަރަށް (ރަމަޟާން) މަހަށް ތައްޔާރު ވުމަށް މީސްތަކުންނާ ބައްދަލުކުރާނެ އެންމެ މާތް މަސްކަމަށާއި މި މަހު ހެޔޮ އަމަލުތައް އިތުރުކުރުމަކީ ކީރިތި ނަބިއްޔާ މުހައްމަދު صلى الله عليه وسلمގެ ސުންނަތުން ސާބިތުވާ ކަމެއް ކަމަށެވެ.

ރާއްޖޭގެ ހުރިހާކަންކޮޅެއްގައިވެސް މިއަދު އިއްވުނު ހުކުރު ޚުތުބާގައި ބުނެފައިވަނީ ޝައުބާން މަހުގައި އަޅުކަން އިތުރުކުރުމަކީ ރަމަޟާން މަހަށް ތައްޔާރުވުމަށް ކުރެވޭ އަޅުކަމުގެ ތަމްރީނެއް ކަމަށާއި އަދި މި މަހަކީ ހަވާނަފްސް ތަކުންނާއި ޝަހުވާނީ އެދުންތަކުން ދުރުވެ އެންމެހާ ފާހިޝް އަމަލުތަކުން ރައްކާތެރިވެ ރޯދައިގެ މާތް އަޅުކަމަށް ތައްޔާރު ވުމަށް ލިބޭ އެންމެ އަގުހުރި ފުރުޞަތު ކަމަށެވެ.

comment ކޮމެންޓް