ބާސާއަށް މެސީގެ އިންޒާރެއް- ''ރެއުސް ގެނެސްގެން ނުވާނެ''!

ބާސެލޯނާގެ ޓްރާންސްފަރ ޓާގެޓް ބޮރޫޝިއާ ޑޯޓްމަންޑުގެ ފޯވާޑް މާކޯ ރެއުސް (ކ)، އަދި ބާސެލީނާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީ (ވ): މެސީ ވަނީ ރެއުސް ގެނައުން ރަނގަޅު ނޫންކަމަށް ބުނެ ބާސާއަށް އިންޒާރު ދީފައި -- ފޮޓޯ: ދަ ސަން

ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ބާސެލޯނާގެ އެޓޭކިން ލައިން އިތުރަށް ވަރުގަދަކުރުމަށް، އެޓީމަށް ޖަރުމަނުގެ ތަރި މާކޯ ރެއުސް ގެންނަން އުޅޭތީ، އެއީ އެއްގޮތަކަށް ވެސް ކުރުން ރަނގަޅު ކަމެއް ނޫންކަމަށް ބުނެ ލިއޮނަލް މެސީ ބާސާއަށް އިންޒާރުދީފިއެވެ.

މެސީ ބުނީ، ބާސާގެ އެޓޭކިން ވަރުގަދަކުރާން ކުޅުންތެރިއަކު ހޯދާނަމަ، ރެއުސް ނޫން ކުޅުންތެރިއަކުވެސް ހޯދިދާނޭ ކަމަށާއި އެހެން ނަމަވެސް، އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނާން ޖެހުމުގެ ވަރުގަދަ ރެކޯޑެއް އޮތް ރެއުސް ގެނައުމަކީ، އެއްގޮތަކަށް ވެސް ކޮށްގެން ވާނޭ ކަމެއް ނޫންކަމަށެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ ޑޮން ބެލަންއިން ވަނީ، ލަ ލީގާ ޗެމްޕިއަން ބާސާއިން ދަނީ މެސީއާއެކު ބާސާގެ އެޓޭކިންގައި ބައިވެރިވުމަށް ބޮރޫޝިއާ ޑޯޓްމަންޑުގެ ހުނަރުވެރި ފޯވާޑް ރެއުސްއަށް 'ކަޅިއަޅަމުންދާކަމަށް' ރިޕޯޓުކޮށްފައެވެ.

އެހެން ނަމަވެސް، އާޖެންޓީނާގެ ކެޕްޓަން، ބާސާއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ މި ޓްރާންސްފަރއާ މެދު އެއްގޮތަކަށްވެސް ހިތްހަމަ ނުޖެހޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ޖަރުމަނުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އިރު ރެއުސްއަށް ވަނީ، އަނިޔާގެ ސަބަބުން އެ މުބާރާތުން ފުރުސަތު ގެއްލިފައެވެ. އަދި ހަމަ އެހެންމެ، 2014 ވަނަ އަހަރާއި 2016 ވަނަ އަހަރާ ދެމެދުވެސް ރޫސްވަނީ އަނިޔާގެ ސަބަބުން ހަ މަސްދުވަހު ކުޅުމާ ދުރުގައި ހުރެފައެވެ.

މިހާރު އުމުރުން 27 އަހަރުގެ ފޯވާޑަށް ވަނީ، މި ސީޒަންގައިވެސް ބުންޑަސް ލީގާގައި އެންމެ 15 މެޗު ކުޅުމަށްފަހު އަނެއްކާވެސް އަނިޔާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ.

ރެއުސް ވަނީ، މި ސީޒަންގައި ޖަރުމަނު ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑަށް ފަސް ލަނޑު އަދި، ޗެމްޕިއަންސް ލީގުގެ ހަތަރު މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް