އެކާވީސްވަނަ ޤަރުނުގައި އަޅުގަނޑުމެންގެ މަސްއޫލިއްޔަތު

އިސްލާމީ ޤައުމުތަކުގައި ހުރިހާ ބާވަތެއްގެ ވަސީލަތްތަކެއް އެބަހުއްޓެވެ. އެ ވަސީލަތްތައް ހެޔޮގޮތުގައި ބޭނުންކޮށްގެން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ހުރިހާ މުހުތާދުތަކެއް ފުއްދޭނެއެވެ. އިސްލާމީ އެއް ޤައުމަކަށް އަނެއް ޤައުމެއްގެ ބޭނުންތައް ފުއްދައި ދިނުމުގެ އެކަށޭނަކަން ހޯދިދާނެއެވެ. އިސްލާމީ ޤައުމުތަކުގެ ދަނޑުވެރިކަން ތަރައްޤީކޮށްގެން އިސްލާމީ ޤައުމުތަކަށް ކާބޯތަކެތީގެ ފުދުންތެރިކަން ހޯދޭން އެބައޮތެވެ. އިސްލާމީ ޤައުމުތަކުގައި އުފައްދާ ފޭރާމުން އެންމެހައި މުސްލިމުންގެ އުނުއޮރިޔާން ނިވާކުރެވޭން އެބައޮތެވެ. އޭރުން އަޅުގަނޑުމެންނަށް "ބޭރުން ގެންނަ ތަކެއްޗަށް ރޭރު ނުވެ" ފަރު ޖެހޭނެއެވެ. އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ޤާބިލުކަންވެސް ހުރިބަޔަކަށްވެސް ވެވިދާނެއެވެ. އިސްލާމީ ޤައުމުތަކަކީ ދަނޑުވެރި ޤައުމުތަކެވެ. އެހެންކަމަށް ވުމާއެކުވެސް އިސްލާމީ ޤައުމުތަކަށް ބޭނުންވާ ގޮވާމުގެ ދެބައިކުޅަ އެއްބައި ނުވަތަ އެއަށްވުރެވެސް ބޮޑުބައެއް ގެންނާންޖެހެނީ ބޭރު ޤައުމުތަކުންނެވެ. މިއީ އަޅުގަނޑުމެން މޮޅިވާންޖެހޭ ކަމެކެވެ. އިސްލާމީ ޤައުމުތަކުގައި ދަގަނޑުގެ މަސައްކަތްތެރިކަމުގެ އެކަށޭނަ ޤާބިލިއްޔަތެއްވެސް ހުނަރުވެރިކަމެއްވެސް ނެތެވެ. އަނެއްކޮޅުން އަރަހުށި މާތް ﷲ އެކަލާނގެ ފޮތުގައި މީގެ ސާދަ ސައްތަ އަހަރު ކުރީން ވަނީ ދަގަނޑުގެ މުހިންމުކަން މުސްލިމުންނަށް ބަޔާންކޮށްދެއްވައިފައެވެ. އެކަލާނގެ ވަޙީކުރައްވާފައި ވެއެވެ.

"އަދި ތިމަން ރަސްކަލާނގެ ދަގަނޑު ބާވައިލެއްވީމެވެ. އޭގައި ނުހަނު ގަދަފަދަކަމާއި، މީސްތަކުންނަށް މަންފާތަކެއް ވެއެވެ." (އަލްޙަދީދު: 25)

އަޅުގަނޑުމެން މި އާޔަތް ވަރަށްގިނައިން ކިޔަވަމުއެވެ. އެކަމަކު ދަގަނޑުގައި ލައްވައިފައިވާ ގަދަފަދަކަމުގެ ބޭނުންހިފައި އަސްކަރީ ބާރު ހޯދުމަށްޓަކައި ހަތިޔާރުގެ އިންޑަސްޓްރީ ތަރައްޤީ ކުރާކަށެއް ނުވިސްނަމުއެވެ. މި ކީރިތި މޫރިތި އާޔަތް މުސްލިމުންނަށް އެކަމަށް ބާރު އަޅުއްވައެވެ. ހަމައެއާއެކު ދަގަނޑުގައި ލައްވައިފައިވާ މަންފާގެ ބޭނުންހިފައި މީސްތަކުންނަށް ލާބައާއި މަންފާ ހޯދުމަށްޓަކައި މަދަނީ މަސައްކަތްތެރިކަން ކުރިއަރުވައި އެ ހުނަރު ލިބިގަންނަން ހަނދާންކޮށްދެއްވައިފައި ވާއިރުވެސް އަޅުގަނޑުމެން މުސްލިމުން އެ ނަޒަރުން މި އާޔަތާމެދު ވިސްނައެއް ނުލަމުއެވެ.

އިސްލާމީ ޤައުމުތަކުގައި ރޯމުދާ ވަރަށްވެސް ގިނައެވެ. މި އުންމަތުގެ މައިދާންތަކާއި، ޞަޙަރާތަކާއި، ވާދީތަކާއި، ފަރުބަދަތަކުގެ ތެރޭގައްޔާއި، ކަނޑުތަކާއި ކޯރުތަކުގައި އެތަކެތި ވިހުރުވިފައި އެބަހުއްޓެވެ. އަޅުގަނޑުމެންގެ ޤައުމުތަކުގެ ޖޯގުރަފީ އަހަންމިއްޔަތުވެސް އެންމެން ޤަބޫލުކުރެއެވެ. އިންސާނީ މުއްސަނދިކަންވެސް ފުދިފައި އިތުރުވާވަރަށް އެބަހުއްޓެވެ. މި އަގުހުރި ޚަޒާނާތައް އެންމެ ހެޔޮގޮތުގައި ބޭނުން ކުރުމުގެ ހޭލުންތެރިކަން އަޅުގަނޑުމެންގެ ކިބައިގައި އުފެދި، ރަނގަޅު ގޮތުގައި އެތަކެތީގެ ބޭނުން ހިފައިގެން ހީވާގިކަމާއެކު މަސައްކަތް ކުރަން ދަސްކޮށްފިނަމަ ޝަރަފުވެރި ދިރިއުޅުމެއް ފަށައިގަނެވިދާނެއެވެ. އަޅުގަނޑުމެން ދިރިއުޅޭންވީ އަޅުގަނޑުމެންގެ ދުޝްމިނުން އެދޭ ނިކަމެތި ގޮތުގައެއް ނޫނެވެ. އަޅުގަނޑުމެންގެ މަސްލަހަތު ލާޒިމުކުރާ ގޮތަށެވެ. އަޅުގަނޑުމެންގެ ބުއްދިވެރިކަން އަޅުގަނޑުމެންނަށް މަގު ދައްކާ ޝަރަފުވެރި ގޮތަށެވެ.

އިންސާފުވެރި މުޖުތަމަޢެއް ބިނާކުރުން

އިސްލާމީ ޤައުމުތަކާއި މުސްލިމުން ތަރައްޤީގެ ބޮންތީގައި ހިފުމަށްޓަކައި އިޖުތިމާޢީ ނަހަމަކަމާއި ބޭއިންސާފާ ދެކޮޅަށްވެސް އަޅުގަނޑުމެން ޖިހާދުގެ ދިދަ އުފުލައިލާން ޖެހެއެވެ. އިޖުތިމާޢީ ފަސާދައާއި، އަނިޔާއާއި ބޭއިންސާފުވަނީ އިސްލާމީ ޤައުމުތަކުގައި ޢާއްމުވެފައެވެ. އިޖުތިމާޢީ އަދާލަތު ޤާއިމުކުރުން އަޅުގަނޑުމެންގެ މައްޗަށް ލާޒިމެވެ. ޙައްޤުވެރިޔާއަށް އޭނާގެ ޙައްޤު ލިބޭނެކަން ކަށަވަރުކޮށްދޭން ޖެހެއެވެ. ކޮންމެ މުވައްޒަފަކަށްވެސް ރަނގަޅު މުސާރަ ހޯދައިދޭންޖެހެއެވެ. މަސައްކަތު މީހުންނަށް ރަނގަޅު އުޖޫރަ ލިބިދޭން ޖެހެއެވެ. ހައިހޫނުކަމުގައި ތިބި މީހުންނަށް ކާބޯތަކެތި ލިބޭންޖެހެއެވެ. ބަލި މީހުންނަށް ހޭހަންކުރެވި ބޭސް ލިބޭން ޖެހެއެވެ. ވާލެއް އިޔާރެއް ނެތް މީހުންނަށް އެހީތެރިކަން ހޯދައިދޭންޖެހެއެވެ. އުނުފޭރާން ބޭނުންވާ މީހުންނަށް ފޭރާން ހޯދައިދޭންޖެހެއެވެ. އެންމެންނަށްވެސް އެމީހަކު ބޭނުންވާ ވަސީލަތްތައް ތަނަވަސްވާން ޖެހެއެވެ. އިންސާފުވެރި މުޖުތަމަޢެއް ބިނާކުރުމުގެ މަސައްކަތަކީ ޙަޤީޤަތަށް ބަލާނަމަ އިސްލާމްދީން ދިރުވައި ކުރިއެރުވުމުގެ މަސައްކަތެވެ.

ޖިންސުއްލަޠީފުންގެ އަހައްމިއްޔަތު ޤަބޫލުކުރުން

އަންހެނުންގެ އަހައްމިއްޔަތު ޤަބޫލުކޮށް އެކަނބަލުންނަށް ޙައްޤު މަޤާމު ދިނުމަކީވެސް ކޮންމެހެންވެސް ކުރާންޖެހޭ ކަމެކެވެ. އަޅުގަނޑުމެން ވަރަށް ސާދާގޮތަކަށް މަތިމަތީން ވިސްނައިލާއިރުވެސް އަންހެނުންނަކީ ޢަދަދުގެ ގޮތުންވެސް މުޖުތަމަޢުގެ ދެބައިކުޅަ އެއްބައެވެ. ގެއާއި މުޖުތަމަޢުގައި އެ ކަނބަލުންގެ ސީދާ ނުފޫޒު އޮވެއެވެ. ރަނގަޅު ގޮތުގައެވެ. ނުވަތަ ނުރަނގަޅު ގޮތުގައެވެ. މި ދެގޮތުގައިވެސް އެ ކަނބަލުން މުޖުތަމަޢަށް އަސަރު ފޯރުވައެވެ. އެހެންކަމުން މުސްލިމު ފިރިހެނުންގެ މައްޗަށް ލާޒިމުވެގެންވަނީ އަންހެނުންނާމެދު އަދާކުރާންޖެހޭ އިސް ވާޖިބު އަދާކުރުމެވެ. ގެ ބެލެހެއްޓުމާއި، ޢާއިލާއާ އަޅާލުމާއި، އިންސާނީ ނަސްލު ތަރުބިޔަތު ކުރުން ފަދަ އަގު އަރައިހުރި މަސައްކަތްތަކުގައި އެ ކަނބަލުންނަށް އެއްބާރުލުން ދިނުމެވެ. މިއީ، ދެ ރައުޔަކަށް ޖާގައޮތް ކަމެއް ނޫނެވެ. ތަޖުރިބާކުރާން ބޭނުންމީހުން މިކަން ތަޖުރިބާ ކޮށްފިއެވެ. ނުކުތީ ހަމަ މި ނަތީޖާއެވެ. އަންހެނުންގެ މަޤާމަކީ އެހެން ބަޔަކަށް ފުރޭނެ މަޤާމެއް ނޫނެވެ. އެހެންކަމުން އަންހެނުންނަށް ފުރިހަމަޔަށް އެއްބާރުލުން ދޭންޖެހޭނެއެވެ. ޞާލިޙު އަނބީންނަށާއި، ހެޔޮލަފާ މަންމައިންނަށާއި، އޯގާވެރި އުޚުތުންނަށާއި، ލާބައާއި މަންފާހުރި ރަށްވެހީންނަށް އެ ކަނބަލުންނަށް ވެވޭނެ ގޮތުންނެވެ.

ބޭނުންޖެހޭ ހިނދު މަސައްކަތްކުރުމުގެ ޙައްޤު އެ ކަނބަލުންނަށް ލިބިގެންވާކަމަށްވެސް އަޅުގަނޑުމެން އިޢުތިރާފުވާން ޖެހެއެވެ. އެ ކަނބަލުންނަށް ނުވަތަ އެކަނބަލުންގެ ޢާއިލާތަކަށް ބޭނުންވެއްޖެނަމަ އެ ކަނބަލުންނަށް ގެއިން ބޭރުގައިވެސް މަސައްކަތް ކުރެވޭނެއެވެ. ޝުޢައިބު ޢަލައިހިއްސަލާމްގެ ޙާދިޘާ އަޅުގަނޑުމެންނަށް މަގުދައްކައި އިރުޝާދު ދޭ ފަދައިންނެވެ. އެކަލޭގެފާނު މުސްކުޅިފުޅު ވުމުން އެކަލޭގެފާނުގެ ދެ ދަރިކަނބަލުންވަނީ ބަކަރިތަކަށް ފެންދެއްވަން ބޭރަށް ގެންދަވައިފައެވެ. އެެހެންކަމުން ކުދިންނަށް ތަޢުލީމު ދިނުމާއި، ބޭސްފަރުވާ ކުރުމާއި، މި ނޫންވެސް ތިލަފަތް ހަމަ ދާއިރާތަކުގައި މުޖުތަމަޢަށް އެ ކަނބަލުންގެ ޚިދުމަތް ބޭނުންވާ ކޮންމެ ހިނދެއްގައި އެ ކަނބަލުންނަށް އެކަމުގެ ޙައްޤާއި އެކަމުގެ ފުރުޞަތު އޮތުން ލާޒިމެވެ. އަޅުގަނޑުމެން ހަނދާންކުރާން ޖެހެއެވެ. އަންހެނުންނަށް ލިބެންވާ ރަނގަޅު މަޤާމު ލިބިއްޖެނަމަ ޤައުމުގެ ދަރީންގެ ޅަފަތުގެ ދައުރު ހޭދަވާނީ އެދެވޭ ރަނގަޅު ގޮތުގައެވެ. ޢާއިލާތައް ދިރިއުޅޭނީ އުފަލާއި ހިތްހަމަޖެހުމުގައެވެ. މުޖުތަމަޢުގެ ޙަޔާތް ވޭތުވަމުންދާނީ ހަމަޖެހުމާއި މަސަލަސް ކަމުގައެވެ.

އިންސާފުވެރި ސިޔާސީ ނިޒާމެއް އުފެއްދުން

އިންސާފުވެރި ސިޔާސީ ނިޒާމަކަށް ބޭނުންވާ އެންމެ މުހިންމު އެއް ސަބަބަކީ މަތީގައި ބަޔާންކުރެވިފައި އެވާ އަމާޒުފަތްގަނޑުތަކަށް ވާޞިލުވުމެވެ. އެ އަމާޒުތަކަށް ވާޞިލުވެވޭނީ އިންސާފުވެރިސިޔާސީ ނިޒާމެއް އުފައްދައިގެންނެވެ. އާދެ، ހުރިހާ ރައްޔިތުންނަށް އެބައިމީހުންނަށް ލިބޭންޖެހޭ ޙައްޤުތައް ހަމަޔަށް ލިބިދޭ ނިޒާމެކެވެ. އިންސާނާގެ މަޤާމާއި، ދަރަޖަ އޮޅުވާނުލައި ފުރިހަމަޔަށް ވަޒަންކުރާ ނިޒާމެކެވެ. އޭނާގެ މިނިވަންކަމާއި، އޭނާގެ ރައުޔަށް އިޙުތިރާމް ލިބުމުގެ ޖާމިނަކަށްވާ ފަދަ ސިޔާސީ ނިޒާމެކެވެ. އިންސާނާގެ ޖާނާއި، މާލާއި، ޢިއްޒަތް ފާރަވެރިވެ ބަލަހައްޓައިދޭ ނިޒާމެކެވެ. އެ ނިޒާމެއްގެ ރޫޙަކީ މަޝްވަރާ ކަމުގައިވާ ނިޒާމެކެވެ. ހޭލުންތެރިކަމާއި، ހެޔޮއެދުމާއި، މަސްއޫލިއްޔަތާ ހަވާލުވެ ޒިންމާދާރުވުމުގެ ޖަޒުބާ އުފައްދައި ކުރިއަރުވާ ސިޔާސީ ނިޒާމެކެވެ. އެ ނިޒާމުގެ އޮނިގަނޑަކަށް ވާންޖެހޭނީ އިސްލާމީ ޝަރީޢަތުގެ އިމުގެ ތެރޭގައި ބިނާވެފައިވާ އޮނިގަނޑެކެވެ. އެ ނިޒާމުގެ މަޤްޞަދަކީ އިސްލާމީ އުންމަތް އަލުން ތެދުވެ ހިންދެމިލުން ކަމުގައި ހެދުން ލާޒިމެވެ. އެ ނިޒާމަކީ ގަދަބަދަވިކަމާއި، ގޮށްމުށުބާރުގެ ވެރީންނާއި، ނުބައި ރޭވުންތައް ރާވާ ނަޒާހަތްތެރިކަމެއް ނެތް ބައިބައިގަނޑު ދިފާޢުކޮށްދޭ ނިޒާމަކަށް ވެގެން ނުވާނެއެވެ. އަދި ކީއްތޯއެވެ؟ އެ ނިޒާމު ވާންޖެހޭނީ ޢާއްމުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާ ނިޒާމަކަށެވެ. އެއްވެސް ކަހަލަ ތަފާތު ކުރުމެއްނެތި އެންމެންގެ މައްޗަށް އެއްގޮތަކަށް އިލާހީ ޤާނޫނު ތަންފީޒުކުރާ ނިޒާމަކަށެވެ. މޮޅުދެރައިގެ ތަފާތެއް ނުގެންގުޅޭ ނިޒާމަކަށެވެ.

އުންމަތުގެ އެއްބައިވަންތަކަން

އިސްލާމީ އުންމަތުގެ ހަށިގަނޑުގައި ވަރަށް ފުން ޒަޚަމެއް އެބަހުއްޓެވެ. ވީހާވެސް އަވަހަކަށް އެ ފާރުގަނޑު ފަސޭހަވޭތޯ ފަރުވާކުރަން ޖެހެއެވެ. އެ ފާރުގަނޑަކީ އުންމަތުގެ ބައިބައިވުމާއި ޚިޔާލު ތަފާތުވުމުގެ ޒަޚަމުގެ ފާރުގަނޑެވެ. އިސްލާމީ އުންމަތުގެ ވަޙްދަތުގެ މުޖައްރިބު ފަރުވާއިން ފަރުވާކޮށް އެ ޒަޚަމު ފުރައިލަން ޖެހެއެވެ. އެހެނީ ކަނޑައި ބުރިބުރިކޮށް ބައިބައިކޮށް ހާވިޔާ ކުރެވިފައިވާ އުންމަތެއްގެ އެއްވެސް މުސްތަޤްބަލެއް ނޯންނާނެއެވެ. އެއް ދުވަސްވަރެއްގައި މި އުންމަތް އޮތީ އެއްބައިވަންތަކޮށެވެ. އެކަތިގަނޑަކަށެވެ. ނަމަވެސް މިއަދު އިސްލާމީ އުންމަތަކީ ތަފާތު ޤައުމުތަކުގެ މައްޗަށް އެކުލެވޭ ޖަމާޢަތެކެވެ. ޚުދު އެ ޤައުމުތައްވެސްވަނީ ތަފާތު ވިލިވިއްޔަށާއި އޮޅިއޮޅިޔަށް ބެހި ވަކިވަކިވެފައެވެ. ފޮތިފޮތި ވެފައެވެ. ހަމައެކަނި މިއެއްވެސް ނޫނެވެ. އިރުއިރުކޮޅުން އެއްބަޔަކު ގެންދަނީ އަނެއް ބަޔެއްގެ ވައިނޮޅިއަށް ފިތަމުންނެވެ. އެއްބަޔަކުދަނީ އަނެއްބައެއްގެ ނަފުރަތާއި ރުޅިވެރިކަމުގެ ޝިކާރަޔަކަށް ވަމުންނެވެ.

މިއާ ޚިލާފަށް މި ޒަމާނަކީ ތަފާތު ފިކުރުތަކާއި ޚިޔާލުތަކުގެ ޤައުމުތައް އެއްބައިވަންތަކަން އުފައްދަމުންގެންދާ ދުވަސްވަރެވެ. އެބައިމީހުންގެ ޒަމާންވީ ދެބަސްވުންތަކާއި، ނަސްލީ ވާދަވެރިކަމާއި، ދީނީ ހަނގުރާމަތަކާއި ސަރަހައްދީ ކޯޅުންތައް ހަނދާން ނައްތައިލައިފައެވެ. ދަގައްފާނަށް ދަގަނޑު ދަމާގޮތަށް ގުޅިފައިވާ މަސްލަޙަތުތަކަށްޓަކައި އެ ޤައުމުތައް އެއްބަޔަކު އަނެއްބަޔަކާ އަންނަނީ ކައިރިވަމުންނެވެ. އެބައިމީހުންގެ ކަޅު މާޒީ ފަހަތަށް ދޫކޮށްލައިފައި މިހާރު ގެންދަނީ ތަފާތު އިއްތިހާދުތަކާއި، ގުޅިފައިވާ ބާޒާރުތައް އުފައްދަމުންނެވެ. އެބައިމީހުން ދެކެމުންދަނީ ކިރާއި ހަކުރަށްވުމުގެ ހުވަފެންތަކެވެ.

ނަމަވެސް މި ލޮބުވެތި އުންމަތް އަދިވެސް މިއޮތީ މާނިދީގައެވެ. ހޭލުމުގެ ނިޝާނެއްވެސް ނުފެނެއެވެ. އަދިވެސް ކުރިޔަށްދަނީ ދެބަސްވުމެވެ. ކޯޅުމެވެ. ހަނދާންކުރަމާ ހިނގާށެވެ. އަޅުގަނޑުމެން މިގޮތަށް ފޮތިފޮތިވެފައި، ބައިބައިވެފައި ކޯޅިކޯޅި ތިބެގެނެއް އަޅުގަނޑުމެންނާ ދެކޮޅަށް ރޭވޭ ފުޅާ ދާއިރާގެ ރޭވުންތަކާ ކުރިމައްޗެއް ނުލެވޭނެއެވެ. އަޅުގަނޑުމެން އެކުވެރިވެ އެކަތިގަނޑަކަށްވެގެން މެނުވީ ކާމިޔާބުގޮތެއްގައި އަޅުގަނޑުމެންގެ އަމިއްލަ ނަފުސުތައް ދިފާޢެއް ނުކުރެވޭނެއެވެ. އަޅުގަނޑުމެން މިގޮތަށް ކުދިކުދި އޮޅިއޮޅިޔަށް ތިބެގެންނެއް މަތިހަށިނަގައިގެން ތިބެ އަދުގެ ދުނިޔޭގެ ބޮޑެތި މީހުނާ ހަތަރުކަޅި ހަމަކޮށްލުމުގެ ޤާބިލުކަމެއް ނުލިބޭނެއެވެ. އެހެންކަމުން މުޅި އިސްލާމީ އުންމަތް އެއްބައިވެ އެކުވެރިވުން ކޮންމެހެން ލާޒިމެވެ. މުޅި އުންމަތުގެ މަސްލަހަތަށްޓަކައެވެ. އެންމެންގެ އަމާޒުފަތްގަނޑަށް ވާޞިލުވުމަށްޓަކައި ވެސްމެއެވެ.

އުންމަތް ހޭލުންތެރިކުރުމުގެ ބޭނުންތެރިކަން

އިސްވެ ބަޔާންކުރެވުނު އަމާޒުތަކަށް ވާޞިލުވުމަށްޓަކައި އިސްލާމީ އުންމަތް ނިދީން ހޭލަން ވެއްޖެއެވެ. އެކަމަށްޓަކައި އަޅުގަނޑުމެންގެ އީމާނާއި އަޚްލާޤު ދަރަޖަތަކަކަށް މައްޗަށް އުފުލާން އެބަޖެހެއެވެ. މިއަދުގެ މާއްދީ މުސްލިމުންގެ ކިބައިގައި ރޫޙާނިއްޔަތުގެ މަތިވެރިކަން އަލުން ކުރިލައި އާރޯވާ ވަރަށެވެ. އަބަދުވެސް ހަނދާންކުރާން ޖެހޭނެއެވެ. އިސްލާމީ އުންމަތް އައު ހޭލުމަކުން ހޭލައްވަން ބޭނުންވާ ކަންކަން ހަމައެކަނި މާއްދީ ކުރިއެރުމަކުން ފުރިހަމައެއް ނުކުރެވޭނެއެވެ. ޝައްކެއް ނެތެވެ. މާއްދިއްޔަތާއި ރޫޙާނިއްޔަތަކީ ތަރައްޤީގެ މަގުގައި ކުރިޔަށް ދުއްވަން ބޭނުންވާ އިންޖީނުގެ ދެ ފުރޮޅެވެ. އެ ދެ ފުރޮޅު އެކުގައި އެއްވަރަށް ހަލުއިކުރާން ޖެހޭނެއެވެ.

މި ކަމަށްޓަކައި ބޭނުންވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ފެތުރިފައިވާ ހުރިހާ މުސްލިމުންގެ ޚިޔާލުތައް މުއްސަނދިކޮށް ފިކުރުތައް މަތީ ފެންވަރަކަށް ކުރިއެރުވުމެވެ. ހަމައެއާއެކު އަތުލަން ބޭނުންވާ ބޮންތިތައް ފާހަގަކޮށް އުންމީދުގެ ވެއްޓެއް އުފެއްދުމެވެ. މި މަތިވެރި މަޤްޞަދަށްޓަކައި މިޒަމާނުގެ މުސްލިމުން ހާނައި ތަރުބިޔަތުކޮށް ބޭނުންވާ ފެންވަރަށް ގެންދަން ޖެހެއެވެ. ތަހުޒީބީ ގޮތުންނާއި، އަޚުލާޤީ ގޮތުންނާއި، ނަފްސިއްޔާތުގެ ގޮތުންނާއި، ޢިލްމީ ގޮތުން ތަރުބިޔަތު ދީގެންނެވެ. ހަވާނަފުސުގެ އަޅުވެތިކަމުން މިނިވަންވެފައި ތިބި، ސަރަހައްދީ ސިޙުރު ޖެހިފައި ނެތް ފަރުދުންތަކެއް ބިނާކުރާން އެބަޖެހެއެވެ. ޝިރުކުގެ ވިދުވަރާއި ވިދާބެބުޅުންތަކުގެ އަވާގައި ޖެހި ހައްޔަރުނުވާނެ ޖީލެއް އުފައްދާން އެބަ ލާޒިމުވެއެވެ. ކުރިމަތިވާ އުނދަގޫތަކާއި ތުރާތަކުން ހައިރާންވެ ގޮތްހުސްނުވާފަދަ ހިތްވަރާއި، ފަންވަރުހުރި، ޢަޒުމު ވަރުގަދަ ދަރީންތަކެއް ތައްޔާރުކުރާން އެބަ ޖެހެއެވެ. އެފަދަ ނާޒުކު ޙާލަތުތަކަށް ބާރު ފޯރުވައި ޙައްޤާއި ތެދުމަގުގައި ފިސާރި ކެރިގެން ސާބިތުވެ ތިބުމުގެ ޤާބިލުކަންހުރި ޖީލެއް ބިނާކުރާން ޖެހެއެވެ.

ބަޔާންކުރެވިދިޔަ މަތިވެރި މަޤްޞަދުތައް ޙާޞިލު ކުރެވޭނެ ޖައްވެއް އުފެއްދުމަށްޓަކައި އިންސާނީ ތަރުބިއްޔަތަށް ނުފޫޒު ފޯރުވޭނެ ހުރިހާ އިދާރާތަކެއް ގުޅި، އެންމެން އެއް ހިތްވެގެން މަސައްކަތްކުރާން ޖެހެއެވެ. މިސްކިތްތަކާއި މަދަރުސާތަކެވެ. ނޫސްތަކާއި މަޖައްލާތަކެވެ. ރޭޑިއޯއާއި ޓެލެވިޒަނެވެ. ފިލްމާއި، އެނޭުންވެސް މަޢުލޫމާތު ފަތުރައި، ފިކުރާއި ޚިޔާލުތައް ބައްޓަންކުރާ ޒަމާނީ ހުރިހާ ވަސީލަތްތަކެކެވެ. ކުރުކޮށް ދަންނަވާނަމަ ހުރިހާ މުސްލިމުން މިކަމަށް އަތުކުރި އޮޅައިލައި އަތާއި އަތް ގުޅައިލަންޖެހެއެވެ. ޝަރީކަކު ނުވާ އެއްކައުވަންތަ ﷲ އަށް އީމާންވުމަށް ގޮވައިލެވޭ ގޮވައިލުމުގައްޔާއި، އިސްލާމްދީނުގެ ތެދުވެރި ދަޢުވަތުގެ މެސެޖު ދުނިޔެއަށް ރައްދުކޮށް، އާޚިރަތުގެ ދާއިމީ ބަގީޗާއަށް އާރޯކަން ގެނައުމަށް ދުނިޔޭގެ ޙަޔާތުގައި ކުރެވޭ މަސައްކަތުގައި އެންމެންގެ ޙިއްސާ އެކުލަވައިލުމަށްޓަކައެވެ.

އާދެ، މިއީ އެ ނުކުތާތަކެއް ހަނދާނުގައި ބަހައްޓައިގެން ކުރިޔަށް ދިޔުމުން އުންމަތެއްގެ ޙައިޘިއްޔަތުން މުސްލިމުންނަށް ކުރިޔަށް ދެވޭނެ ނުކުތާތަކެވެ. އިސްލާމީ އުންމަތަކީ މާއްދީ، ރޫޙާނީ، ތަހުޒީބީ، އަފްރާދީ ހުރިހާ ބާވަތެއްގެ ޚަޒާނާތަކަކުން މުއްސަނދިކަން ލިބިފައިވާ އުންމަތެކެވެ. އެހެންކަމުން އަޅުގަނޑުގެ މި ހުށަހެޅުންތަކާ އެއްގޮތަށް އަޅުގަނޑުމެންގެ ވަޞީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކޮށްފިނަމަ އެކާވީސްވަނަ ސައްތައިގައިވެސް އަޅުގަނޑުމެންގެ ގެއްލިފައިވާ ޝަރަފުވެރި މަޤާމާއި، ޢިއްޒަތާއި، ޙުރުމަތް ހޯދައިގަނެވުމަކީ އެކަށީގެންނުވާ ކަމެއް ނޫނެވެ. ނަމަވެސް މި މަޤްޞަދު ހާސިލުކުރެވޭނީ އިސްލާމީ އުންމަތަށް އެކަށޭނަ އާ ލީޑަރޝިޕެއް ލިބިގެންނެވެ. ނިޔަތުގެ އިޚްލާސްތެރިކަން ހުރި ނުގުޑާފަދަ ޢަޒުމެއްގައި ހީވާގި މަސައްކަތްތަކެއް ކުރާނެ ލީޑަރޝިޕެކެވެ. ހަމައެފަދައިން މި ހުށަހެޅުންތައް އަޅުގަނޑުމެންގެ ތަޢުލީމީ، ސަގާފީ، ސިޔާސަތުތަކުގެ ބިންގަލަކަށްވެސް ހަދާންޖެހޭނެއެވެ. އަޅުގަނޑުމެންގެ ދީނީ ޗެނަލްތަކާއި، އާންމު މީޑިޔާއިން މި ކަންކަން އެދެވޭގޮތުގައި އިޝްތިހާރުކޮށް ފަތުރަންވެސް ޖެހޭނެއެވެ. ޢާއިލާތަކާއި، މަދަރުސާތަކާއި، ވެރީންނާއި، އާންމުންނާއި، ޚާއްސުން އަދި ޙަޔާތުގެ ހުރިހާ މައިދާންތަކެއްގައި ޙަރަކާތްތެރިވާ އެންމެން މިކަމުގައި އެހީތެރިވެ، ވާގިވެރިވެ، ގުޅިގެން މަސައްކަތްކުރާން ޖެހޭނެއެވެ.

comment ކޮމެންޓް