ދަތުރެއްގައި ދިޔަ ޓެކްސީ ޑުރައިވަރަކު ކުއްލި ގޮތަކަށް މަރުވެއްޖެ

ފުލުހުން ޓެކްސީތައް ޗެކްކުރަނީ-- ފޮޓޯ: ފުލުހުން

ދަތުރެއް ކުރަމުން ދިޔަ ޓެކްސީ ޑުރައިވަރަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު ކުއްލި ގޮތަކަށް މަރުވެފައި ވަނީ ކުލީ ދިވެލީގެ ޑުރައިވަރެއް ކަމަށްވާ ބ.އޭދަފުށީ ފީރޯޒުގޭ،55، އަބޫބަކުރު އިބްރާހިމް އެވެ.

އެސެންޓަރުގެ ޑުރައިވަރަކު ސަން އަށް މައުލޫމާތު ދިންގޮތުގައި ބަކުރު މަރުވެފައި ވަނީ އެރޭ 7:00 ޖަހާ އެހާކަންހާއިރު ދަތުރެއް ކުރަމުންދަނިކޮށް މެޔަށް ތަދެއް އަރައިގެން ވެއްޓިގެންނެވެ.

"ޖަމާލުއްދީން ސްކޫލު ކައިރިން އެޑްވާންސް މެޑިކަލް އާއި ދިމާލަށް ލަބާލިތަނާހެން އުނދަގޫވެގެން ބަކުރު ޓެކްސީން ފެއިބީ، އޭރު ފަސިންޖަރަކު އިން ފަހަތުގައި، ފައިބާފައި ހުއްޓާ ވެއްޓެމުން ވެއްޓެމުން ވެއްޓުނީ،" އޭނާ ބުންޏެވެ.

ބަކުރަށް ފަރުވާ ދިނުމަށް އެސަރަހައްދުގައި ތިބި މީހުން ޓެކްސީއަކަށް ލައި އޭނާ އައިޖީއެމްއެޗްއަށް ފޮނުވިއެވެ. ބެލެވޭ ގޮތުގައި އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

ބަކުރާ އެކު ޓެކްސީ ކުރަން މަސައްކަތްކުރާ ބައެއް ފަރާތްތަކުން މައުލޫމާތު ދޭގޮތުގައި ބަކުރު ބަލިވެ އުޅޭތާ ދުވަސްގަނޑެއް ވަނީ ވެފަ އެވެ. މިފަހަކުން އޭނާ ޓެކްސީ އިން ވެސް ފެންނަނީ ވަރަށް މަދުން ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް