ޕެނަލްޓީގައި ވީކޭ ބަލިކޮށް، ކުޑަހެންވޭރު ފައިނަލަށް

ދެވަނަ ޑިވިޝަންގެ ފައިނަލުގެ ޖާގައެއް ހޯދި ކުޑަހެންވޭރު ޔުނައިޓެޑް: އެޓީމުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި ޕެނަލްޓީ ޖަހައިގެން ވީކޭ ބަލިކޮށްގެން --- ފޮޓޯ/ ކުޑަހެންވޭރު

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ޕެނަލްޓީ ޖަހައިގެން ވީކޭ ސްޕޯޓްސް ކްލަބު ބަލިކޮށް، ކުޑަހެންވޭރު ޔުނައިޓެޑުން ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، 2-2 ލަނޑުން ދެ ޓީމު ވަނީ އެއްވަރުވެފަ އެވެ. ޕެނަލްޓީ ޝޫޓް އައުޓްގައި ވީކޭގެ މައްޗަށް ކުޑަހެންވޭރު ކުރި ހޯދީ 4-3 ލަނޑުގެ ނަތީޖާއަކުންނެވެ.

މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ވީކޭއަށް ރޮޑްރިގޭޒް މަޗާޑޯ ލެއިޓޯ ލީޑު ހޯދައިދިން ނަމަވެސް، ދެވަނަ ހާފު ފެށިތާ ދެ މިނެޓް ފަހުން މުހައްމަދު އަރީޝް ވަނީ ކުޑަހެންވޭރަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ތިން މިނެޓްގެ ތެރޭގައި ކޮންމެ ޓީމަކުން ވެސް ލަނޑެއް ކާމިޔާބުކުރިއެވެ. ކުޑަހެންވޭރަށް ޝަހީމް އަބްދުލް ގާދިރު ލީޑު ހޯދައިދިން ނަމަވެސް، އަބްދުﷲ ޖުނައިދު ވަނީ ވީކޭއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ކުޑަހެންވޭރުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ މުހައްމަދު އާމިރާއި، ޝަހީމް އަބްދުލް ގާދިރާއި، މުހައްމަދު ތިލްމީޒް އަދި ޑަ ސިލްވާ ބިނާ އެންޑަސަންއެވެ. ވީކޭގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ރޮޑްރިގޭޒް މަޗާޑޯ ލެއިޓޯއާއި، އަލީ ޝަމީމް އަދި އިބްރާހިމް ޖުނާހެވެ.

ދެވަނަ ޑިވިޝަންގެ ފައިނަލުގައި ކުޑަހެންވޭރާ ދެކޮޅަށް ނުކުންނަ ޓީމެއް ކަށަވަރުވާނީ މިރޭ ކުޅޭ ސެމީގެ ދެވަނަ މެޗަށްފަހުއެވެ. މިރޭ 9:00ގައި ކުޅޭ އެ މެޗުގައި ބައްދަލުކުރާނީ ކްލަބު ޒެފްރޯލްއާއި ޖޭޖޭ ސްޕޯޓްސް ކްލަބެވެ. ފައިނަލުން ޖާގަ ހޯދާ ދެ ޓީމަށް މާލޭ ލީގުގެ ކޮލިފިކޭޝަންގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

comment ކޮމެންޓް