ސަންޢާ (މޭ 10) :ޔަމަންގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރާ ހޫޘީ ޖަމާއަތާ އެކު ވާހަކަ ދައްކައިގެން ޔަމަންގެ މައްސަލަ ސުލްޙަވެރިކަމާ އެކު ހައްލުކުރަން މަސައްކަތް ކުރުމަށް އެގައުމުގެ ކުރީގެ ރައީސް އަލީ އަބްދުﷲ ސާލިޙް ވިދާޅުވެއްޖެ އެވެ.
ސާލިޙްގެ ޕާޓީކަމަށްވާ ޖެނެރަލް ޕީޕަލްސް ކޮންގްރެސްގެ އަންހެން ގޮފިން ބޭއްވި މަހާސިންތާއެއްގައި ވާހަކަ ދައްކަވަމުން ސާލިޙް ވިދާޅުވީ ޔަމަންގެ ރައްޔިތުންގެ ބޮލަށް ބޮންއަޅައި ޔަމަންގެ ބަނދަނރުތައް ޙިސާރުކޮށް ރައްޔިތުން ބަނޑަށް ޖައްސައިގެން މައްސަލަ ހައްލުނުކުރެވޭނެ ކަމަށާ ހޫޘީންނަކީ ވެސް ޔަމަންގެ ރައްޔިތުންގެ ތެރޭގައި ހިމެނޭބައެއްކަމުގަ އެވެ.
ސާލިޙް މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ އޭނާއާއި ހޫޘީންގެ ލީޑަރު އަބްދުލްމަލިކް އަލްހޫޘީ އާ ދެމެދު މައްސަލަޖެހި ދެފަރާތުގެ ކޯޅުން ބޮޑުވެ އެއްބޭފުޅަކު އަވަހާރަކޮށްލަން އަނެއް ބޭފުޅަކު މަސައްކަތްކުރަމުން ގެންދާ ކަމަށް ސައޫދީ ނޫސްއެޖެންސީން ޚަބަރުތަކެއް ފަތުރާފައި ވަނިކޮށެވެ.
ޔަމަންގެ ހަނގުރާމަ ހިނގަމުންދަނީ އެއްކޮޅުން ސާލިޙްއަށް ވަފާތެރި ސިފައިންގެ ބާރުތަކާއި ހޫޘީން ޖަމާއަތް އެކުވެގެން އުފައްދާފައިވާ އިދިކޮޅު އެލަޔަންސުންނާއި އަނެއްކޮޅުން ޔަމަންގެ ރައީސް އަބްދުރައްބު މަންސޫރި ހާދީގެ ބާރުތަކާއި އެބާރުތަކަށް ވާގިވެރިވާ އަރަބި ކޯލިޝަން އާ ދެމެދުގަ އެވެ.
އަރަބި ކޯލިޝަންގައި ހިމެނެނީ ސައޫދީ އަރަބިޔާއާއި ގަތަރާއި ޔޫއޭއީ އެވެ. ޔަމަންގެ ސިޓީތަކާއި ވިލެޖްތަކަށް ބޮންއަޅައި ތަންތަން ސުންނާފަތިކޮށްފައި ވަނީ އަރަބި ކޯލިޝަނަށް ނިސްބަތްވާ ސައޫދީ ވައިގެ ސިފައިންނާއި ގަތަރާއި ޔޫއޭއީގެ ވައިގެ ސިފައިންނެވެ. ޔަމަންގެ ބަނދަރުތައް ވެސް ހިސާރުކޮށްފައި ވަނީ އަރަބި ކޯލިޝަނުންނެވެ.
ހާދީގެ ސަރުކާރުން އަރަބި ކޯލިޝަންގެ އެހީ ހޯދާއިރު ސާލިޙް ވިދާޅުވީ އޭނާއާއި ހޫޘީންގެ ގުޅިފައިވާ ބާރުތަކުން އީރާނާ ނުގުޅެންވީ ސަބަބެއްނެތް ކަމުގަ އެވެ. އަރަބި ކޯލިޝަންގައި ހިމެނޭ ސައޫދީ އާއި ގަތަރާއި ޔޫއޭއީ އަކީ އެމެރިކާއި އިސްރާއީލާ ގުޅިފައިވާ ބާރުތަކެއްކަމަށް ވެސް ސާލިޙް ތުހުމަތު ކުރެއްވި އެވެ.
ޔަމަންގެ ދާޚިލީ ހަނގުރާމަ ފެށުނީ އެގައުމުގެ ވެރިކަން ކޯލިޝަނެއްގެ ތެރެއިން ހިއްސާކުރުމަށް ހޫޘީންނާއި ސާލިޙް ރައީސް ހާދީގެ ކިބައިން އެދުމުން އެކަމަށް އިޖާބަދެއްވުމަށް ހާދީ ދެކޮޅު ހެއްދެވުމާ އެކު ޙޫޘީން ހާދީ ޙިސާރުކޮށް އޭނާގެ ބާރުތައް ކަނޑުވާލަން މަސައްކަތްކުރަން ފެށުމުންނެވެ. ހޫޘީން މިގޮތަށް މަސައްކަތް ކުރަންފެށުމުން ސާލިޙްވަނީ އޭނާގެ ސަރުކާރު ދިފާއުކޮށްދިނުމަށް ޓަކައި ޔަމަންގެ ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ފުރްސަތު ސައޫދީ އަރަބިޔާއަށް ދީފަ އެވެ.
ސައޫދީން ޔަމަންގެ ހަނގުރާމައިގެ ތެރެއަށްވަނީ އަރަބި ކޯލިޝަނަކާ އެކު ދެތިން މަސްތެރޭގައި ހޫޘީންނާއި ސާލިޙްގެ ބާރުތައް ބަލިކޮށް ވެރިރަށް ސަންއާ ހިފައި ހާދީގެ ވެރިކަން އަނބުރައި އިއާދަކޮށްދޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ސައޫދީން ޔަމަނަށް ވަދެގަތްތާ ދެއަހަރު ވީއިރު ވެސް މިމަގްސަދު އަރަބި ކޯލިޝަނަށް ހާސިލު ކުރެވިފައެއް ނުވެ އެވެ. މީގެއިތުރުން ދެފަރާތުގެ ހަމަލާތަކުގައި ޔަމަންގެ އެތައް ހާސް ބަޔަކު މަރުވެ އެގައުމުގެ ބޮޑުބައިވަނީ މުޅިން ހަލާކުވެ ސުންނާފަތި ވެފަ އެވެ. (ނޫސްއެޖެންސީތައް)