ޔަމަނުގެ އާ ބޮޑުވަޒީރު ޝާޔާ އަލް ޒިންދާނީ އާއި ކެބިނެޓް މެމްބަރުން ރިޔާސީ ލީޑަޝިޕް ކައުންސިލްގެ ރައީސް ރަޝާދު އަލް އަލީމީގެ ކުރިފުޅުމަތީގައި ހުވާކުރައްވައިފިއެވެ. ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ސައުދީ އަރަބިއާގެ ވެރިރަށް ރިޔާޟުގައެވެ.
ޒިންދާނީ އިސްކޮށް ހުންނަވައިގެން އާ ސަރުކާރެއް އެކުލަވާލާނެކަން ޔަމަނުގެ ރިޔާސީ ކައުންސިލުން އިއުލާނުކުރީ ހުކުރު ދުވަހެވެ. ރިޔާޟުގައި ހަފްތާތަކެއް ވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ކެބިނެޓުގައި ތިން އަންހެނުން ހިމެނޭ ގޮތަށް 34 ވަޒީރުން އައްޔަންކޮށްފައިވެއެވެ.
އާ ސަރުކާރުގައި ކުރީގެ 10 ވަޒީރުންވެސް ހިމެނިވަޑައިގަންނަވައެވެ. އެގޮތުން އިންފޮމޭޝަން މިނިސްޓަރު މުއައްމަރު އަލް އެރިޔާނީއާއި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ނާއިފް އަލް ބަކްރީ އާއި އެގްރިކަލްޗާ، އިރިގޭޝަން އެންޑް ފިޝަރީޒް މިނިސްޓަރު ސަލީމް އަލް ސޮޤަތުރީ އާއި އިންޓީރިއާ މިނިސްޓަރު އިބްރާހިމް ހައިދާން އާއި ވޯޓާ އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު ތައުފީގު އަލް ޝަރުޖާބީ އާއި އިންޑަސްޓްރީ އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު އަލް އަޝްވާލް އާއި ޕަބްލިކް ހެލްތު އެންޑް ޕޮޕިއުލޭޝަން މިނިސްޓަރު ޤާސިމް ބުހައިބެ އަދި ޖަސްޓިސް މިނިސްޓަރު ބަދުރު އަލް އަރާދާ ކެބިނެޓްގައި ހިމެނިވަޑައިގަންނަވައެވެ.
އާ ކެބިނެޓުގައި ހިމެނޭ ތިން އަންހެން ވަޒީރުންނަކީ ޕްލޭނިން އެންްޑް އިންޓަނޭޝަނަލް ކޯޕަރޭޝަންއަށް ހަމަޖެއްސެވި އަފްރާހު އަބްދުލްއަޒީޒް އަލް ޒޫބާއާއި ގާނޫނީ ވަޒީރު ކަމަށް ހަމަޖެއްސެވި، ގާޒީ އިޝްރާގު ފަދުލް އަލް މަކްތާރީއާއި އަންހެނުންގެ ކަންކަމާ ބެހޭ މިނިސްޓަރު ކަމަށް އައްޔަން ކުރެއްވީ އަހުދު މުހައްމަދު ސަލީމް ޖާސޫސްއެވެ.
ސިޔާސީ މަގާމުތަކުގައި އަންހެނުން ބާރުވެރި ކުރުމަށް ތަކުރާރުކޮށް ގޮވާލާ ދަނޑިވަޅެއްގައި ކުރީގެ ސަރުކާރުގައި އަންހެނުން ނެތުމުން އެތެރެއާއިި ބައިނަލްއަގުވާމީ ފާޑުކިޔުން ޔަމަނަށް އަމާޒުވިއެވެ.
ކެބިނެޓްގައި އަންހެނުން ހިމެނޭހެން ޔަމަނުގެ އާ ސަރުކާރު ފެންނާނެ ކަމަށް އުންމީދުކުރާ ކަމަށް އެ ގައުމުގައި ހުންނަ އެމެރިކާގެ އެމްބަސީންވެސް ވަނީ ބުނެފައެވެ.
ޒިންދާނީ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ކުރީގެ ބޮޑުވަޒީރު ސަލީމް ޞާލިހް ބިން ބްރޭކްގެ އިސްތިއުފާ ރިޔާސީ މަޖިލީހުން ބަލައިގަތުމުންނެވެ.
އާ ސަރުކާރު އެކުލަވާލީ ޖެނުއަރީ މަހުގެ ނުވަ ވަނަ ދުވަހު ޔަމަނުގެ ދެކުނުގެ ވަކިވެގަތުމަށް މަސައްކަތްކުރާ މައިގަނޑު ޖަމާއަތް، ދެކުނު ޓްރާންސިޝަނަލް ކައުންސިލް (އެސްޓީސީ) އާއި ދެމެދު އުފެދިފައިވާ ފިތުނަތައް ކުޑަކުރުމުގެ މަގުސަދުގައި ރިޔާޟްގައި މަސްތަކެއް ވަންދެން ކުރިއަށް ގެންދިޔަ މަޝްވަރާތަކަކާ ގުޅިގެންނެވެ.