ސަޢޫދީ ޢަރަބިއްޔާއިން ޔަމަނަށް ކާބޯތަކެއްޗާއި އަސާސީ ހިޔާވަހިކަމަށް ބޭނުންވާ ތަކެތި ފޯރުކޮށްދީފައިވާ ކަމަށް، ސަޢޫދީ ސަރުކާރުން ހާމަކޮށްފިއެވެ.
'އެކްސް'ގައި ސަޢޫދީގެ ފޮރިން މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައިވަނީ، ކާބޯތަކެއްޗާއި އަސާސީ ހިޔާވަހިކަމަށް ބޭނުންވާ ތަކެތި ސަޢޫދީ ސަރުކާރުގެ ވިހި އެހީގެ ލޮރީ މެދުވެރިކޮށް، ޔަމަންގެ 13,000އެއްހާ މީހުން އުޅޭ އަލް-ޢަބްރު އަވަށަށް ފޯރުކޮށްދީފައިވާ ކަމަށެވެ.
ޔަމަނުގެ އަލް-ޢަބްރު އަވަށަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ އިންސާނިއްޔަތަށް ޓަކައި ކުރާ މަސައްކަތުގެ ތެރެއިން ކަމަށް، ސަޢޫދީ ސަރުކާރުން ބުންޏެވެ.
އޭގެ އިތުރުން އެ އަވަށުގައި ހިންގަމުން އަންނަ ފުޑް ސެކިއުރިޓީ އާއި ދަނޑުވެރިކަމުގެ 140 އަށް ވުރެ ގިނަ މަޝްރޫއަކާއި، ހިޔާވަހިކަމުގެ 60 އަށް ވުރެ ގިނަ މަޝްރޫއާއި، ތައުލީމާ ގުޅޭ 50 އަށް ވުރެ ގިނަ މަޝްރޫއާއި، 50 އަށް ވުރެ ގިނަ ފެނާއި ނަރުދަމާގެ މަޝްރޫއާއި، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ 60 އަށް ވުރެ ގިނަ މަޝްރޫއުތަކަށް އެހީތެރިކަން ދެމުން އަންނަ ކަމަށްވެސް ސަޢޫދީ ސަރުކާރުން ބުންޏެވެ.
ޔަމަނުގެ އަލް-ޢަބްރު އަވަށް އޮންނަ ހަޟްރަމައުތު ޕްރޮވިންސަކީ ސަޢޫދީގެ ބޯޑަރު ހިއްސާކުރާ ދެ ޕްރޮވިންސްގެ ތެރެއިން އެއް ޕްރޮވިންސެވެ. ފާހަގަކުރެވޭ ގޮތުގައި އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)އިން ވާގިވެރިޔާ "ސަދަން ޓްރާންސިޝަނަލް ކައުންސިލް" (އެސްޓީސީ) އިން ޔަމަނުގެ އަލް-މަޙްރާ ޕްރޮވިންސާއި ހަޟްރަމައުތު ޕްރޮވިންސުގެ ސަރަހައްދުތަކެއް ވަނީ ހިފައިފައެވެ. އެހެންވެ ޔޫއޭއީއާއި ސަޢޫދީއާ ދެމެދު އޮތީ ނުތަނަވަސްކަމެއް އުފެދިފައެވެ.
ޔަމަނުގެ އެކި ސަރަހައްދުތައް ކޮންޓްރޯލް ކުރަނީ އެކި ޖަމާއަތްތަކުންނެވެ. އެގޮތުން ޔަމަނުގެ ވެރިރަށް ސަނާ ހިމެނޭހެން އުތުރުގެ ސަރަހައްދަކީ 1990ގެ ތެރޭ އުފެދުނު ހަތިޔާރު އެޅި ޖަމާއަތެއްކަމަށްވާ ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދެކެވެ. ސައުދީ އަރަބިއްޔާއާ ހިއްސާކުރާ ޔަމަނުގެ ބޯޑަރު ސަރަހައްދުގެ ބޮޑު ކޮންޓްރޯލެއް ވެސް އޮންނަނީ ހޫތީންގެ އަތްދަށުގައެވެ.
ދެހާސް ސާދަވަނަ އަހަރު ހޫތީން ސަނާ ހިފުމާއެކު އެއިރުގެ ރައީސް އަބްދުރައްބޫ މަންސޫރު ހާދީ ޔަމަނުން ފިއްލަވައިވަޑައިގަތެވެ. އެއާއެކު ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ގައުމު ވެއްޓުނެވެ. ހޫތީންނަކީ އިރާނުން ވާގިވެރިވާ ޖަމާއަތެކެވެ. ސައުދީން ވާގިވެރިވާ ޖަމާއަތްތަކާ ހަނގުރާމަކުރަމުން އަންނަތާ އެތައް އަހަރެއްވީ ނަމަވެސް އަދިވެސް ޔަމަނުގެ އުތުރުގެ ބޮޑު ސަރަހައްދެއް އޮތީ ހޫތީންގެ ބާރުގެ ދަށުގައެވެ.
ދުނިޔެ ބަލައިގަންނަ ޔަމަނުގެ ސަރުކާރަކީ 2022ވަނަ އަހަރު އުފެދުނު "ޕްރެޒިޑެންޝަލް ލީޑާޝިޕް ކައުންސިލް" (ޕީއެލްސީ) އެވެ. ނަމަވެސް ޕީއެލްސީގެ ބާރުގެ ދަށުގައި އޮތީ ޔަމަނުގެ ވަރަށް ކުޑަ ސަރަހައްދެކެވެ. މިއީ ސައުދީ އަރަބިއްޔާއާއި ވާގިވެރިވާ، ދުނިޔެ ބަލައިގަންނަ ސަރުކާރެވެ. ޕީއެލްސީން ބުނާ ގޮތުންނަމަ އެ ޖަމާއަތުގެ ބޭނުމަކީ ސުލްހަ ގާއިމްކޮށް އަލުން ޔަމަނު އާރާސްތުކުރުމެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ތިންވަނަ ޖަމާއަތަކީ "ސަދަން ޓްރާންސިޝަނަލް ކައުންސިލް" (އެސްޓީސީ) އެވެ. އެސްޓީސީއަކީ 2017ވަނަ އަހަރު އުފެދުނު ވަކިވެގަތުމުގެ ހަރަކާތެކެވެ. އެސްޓީސީގެ މައިގަނޑު ބޭނުމަކީ ޔަމަނުގެ ދެކުނުގައި، އަމިއްލަ މިނިވަން ވަކި ދައުލަތެއް ގާއިމްކުރުމެވެ. އެއް ގައުމެއްގެ ގޮތުގައި 1990ގައި ކަނޑައެޅުމުގެ ކުރިން ޔަމަނަކީ ދެ ގައުމެކެވެ. އެއީ އުތުރު ޔަމަނާއި، ދެކުނު ޔަމެނެވެ.
އެސްޓީސީއަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އިން ވާގިވެރިވާ ޖަމާއަތެކެވެ. އެސްޓީސީއާއި، އެ ޖަމާއަތަށް ވާގިވެރިވާ ފަރާތްތަކުން ބޭނުންވަނީ ޔަމަނުގެ މައި ބަނދަރުކަމަށްވާ އާދެންއާއި، އެ ބަނދަރު ވަށައިގެން ހުރި ޕްރޮވިންސްތަކާއި، ޔަމަންގެ އިރުމަތީ ސަރަހައްދުގެ ބާރުވެރިކަން ހޯދާށެވެ. އެ ކަމަށް ޓަކައި އެ ޖަމާއަތަށް ބޭނުންވާ ފައިސާއާއި، އަސްކަރީ ތަމްރީންތައް ޔޫއޭއީން ފޯރުކޮށްދެއެވެ.