މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ދެވަނަ ދުވަހު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ކުޅުންތެރިން ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.
އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ އިންޑިވިޖުއަލް އިވެންޓްގެ މެޗުތައް މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުރިއަށްދާއިރު، އެމްއޭސީއެލްގެ ކުޅުންތެރިން ރޭ ކުޅުނު ތިން މެޗު ވެސް ވަނީ ކާމިޔާބުކޮށްފައެވެ.
އެމްޕީބީއޭ ކްލަބު ހައުސްގައި ކުރިއަށްދާ އެ މުބާރާތުގެ އިންޑިވިޖުއަލް އިވެންޓްގައި ރޭ އެމްއޭސީއެލްގެ ނަދީމްއާއި، ރިޔާޒް އަދި މުއައްޒިން ވަނީ ކުޅުނު މެޗުތައް ކާމިޔާބުކޮށްފައެވެ. އެމްއެންޑީއެފްގެ ނާޝިދު އަތުން 4-2 ފްރޭމްއިން ނަދީމް މޮޅުވިއިރު، ރިޔާޒް ވަނީ 4-2 ފްރޭމްއިން އެމްއެންޑީއެފްގެ ފަތުހުﷲ ޖަމީލް ބަލިކޮށްފައެވެ. އަދި އިސްލާމިކް ބޭންކްގެ ޔާމީން އަތުން މުއައްޒިން ވެސް މޮޅުވީ 4-2 ފްރޭމްއިންނެވެ.
އިންޑިވިޖުއަލް އިވެންޓްތަކުގައި ރޭ 16 މެޗެއް ކުރިއަށްދިޔައެވެ. އެ އިވެންޓްތަކުގެ މެޗުތަކަށްފަހު ޓީމް އިވެންޓްގެ މެޗުތައް ފެށުމަށް ހަމަޖެހިފައިވެއެވެ. އެ މުބާރާތުގައި ޖުމްލަ 13 ޓީމެއް ވާދަކުރާއިރު، ޓީމް އިވެންޓް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.
ޓީމް އިވެންޓްގެ ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ޑީއެސްސީއާއި، އެމްޕީއެލްއާއި، ޓީމް ވިލާއާއި، މާލޭ ވޯޓަރ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)އާއި، ރައީސް އޮފީހާއި، ޕޮލިސް ކްލަބު އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއެވެ.
ގްރޫޕް އޭގައި ހަތް ޓީމު ހިމެނުނު ނަމަވެސް ގްރޫޕް ބީގައި ހިމެނެނީ ހަ ޓީމެވެ. ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ސްޓެލްކޯއާއި، މޯލްޑިވިއަންއާއި، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އާއި، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާއި، ކަސްޓަމްސް ރެކްރިއޭޝަން ކްލަބު (ސީއާރްސީ) އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އެވެ.
އެ މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗު ފިޔަވާ ހުރިހާ މެޗެއް ކުޅުމަށް ހަމަޖެހިފައި ވަނީ ރޭސްޓު 4 އަށެވެ. ސެމީ ފައިނަލް މެޗުތައް ރޭސްޓު 5 އަށް ކުޅުމަށް ހަމަޖެހިފައިވާއިރު، ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ރޭސްޓު 6 އަށެވެ.