ދައުރުވާ ވީޑިއޯއަކީ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުމެއް، އެއްވެސް ނުރައްކަލެއް ނުހިނގާ: އެމްއޭސީއެލް

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯގެ މަންޒަރުތައް ދައްކުވައިދޭ ސްކްރީން ޝޮޓްތަކެއް.... ފޮޓޯ/ ސޯޝަލް މީޑިއާ

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ކުރިއަށްދިޔަ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުމުގެ ހަރަކާތްތަކެއް ކަމަށާއި، އެއާޕޯޓުގައި އެއްވެސް ނުރައްކާތެރި ހާދިސާއެއް ހިނގާފައި ނުވާކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ބުނެފިއެވެ.

އެމްއޭސީއެލްގެ މުވައްޒަފުންނަށް އަހަރީ ބޯނަސް ނުދީގެން ވީއައިއޭގައި ހަމަނުޖެހުމެއް ހިނގި ކަމަށް ބުނެ ބަޔަކު ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވީޑިއޯއާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި އެ ކުންފުނިން ބުނީ، އެ ވީޑިއޯއިން ފެންނަ މަންޒަރު ތަކަކީ ރޭ ވީއައިއޭގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކެއް ކަމަށެވެ.

"މީސްމީޑީއާގައި އެމް.އޭ.ސީ.އެލްއަށް އަމާޒުކޮށް ދައުރުކުރަމުންދާ ވީޑިއޯއާ ގުޅޭގޮތުން ދަންނަވަން. އެ ވީޑީއޯގައި ފެންނަ މަންޒަރުތަކަކީ، ރޭ ވީ.އައި.އޭގައި ކުރިއަށްގެންދިޔަ ސެކިއުރިޓީ އިމަޖެންސީ ފަރިތަކުރުންތަކުގެ ތެރެއިން ހިންގުނު ސިމިއުލޭޓެޑް ހަރަކާތްތަކެއްގެ މަންޒަރުތަކެއް." އެމްއޭސީއެލްއިން ނެރުނު ބަޔާނުބައި ބުންޏެވެ.

އާންމުންގެ މެދުގައި ކަންބޮޑުވުން އުފައްދައި، ކުންފުންޏާމެދު އޮންނަ އިތުބާރު ގެއްލުވާލުމުގެ ނިޔަތުގައި އަގުވެއްޓޭ ގޮތަށް ފަތުރަމުންދާ އެ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް އެމްއޭސީއެލް އިން ފާހަގަކުރިއެވެ.

މީގެއިތުރުން، ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތުތައް ނުފެތުރުމަށާއި، ރަސްމީ ޗެނަލްތަކުން ހާމަކުރާ މައުލޫމާތު ފިޔަވައި އެހެން މައުލޫމާތުތައް ދައުރުނުކުރުމަށް އެމްއޭސީއެލް އިން ވަނީ އާންމުންނަށާއި މީޑިއާތަކަށް އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް