އައިޑޮލްގެ ފިނާލޭގައި ޝަލަބީގެ "އާދޭސް" އަޑު އިއްވާލާނެ

ޝަލަބީގެ "އާދޭސް" ލަވަ ރިލީޒް ކުރާނީ އައިޑޮލް ސީޒަން ދޭއްގެ ފައިނަލް ޝޯ ގައި----

މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ ގްރޭންޑް ފިނާލޭ ވަރަށް ވެސް ފޯރިގަދަ ވާނެ ކަން ކަށަވަރެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ އައިޑޮލްގެ ގަދަ ތިނެއް ޔަގީންވެފައިވާއިރު އަންނަ ހޮނިހިރު ދުވަހުގެ ރޭ އޮންނަ ފިނާލޭ ޝޯ ގެ ފޯރިވެސް އެހާ ގަދަ ވާނެކަން ޔަގީނެވެ.

އައިޑޮލްގެ ފިނާލޭ ޝޯ ކުޑަތަން ވަމުންދާއިރު އެ ޝޯގެ ތެރޭގައި ނުހަނު ގިނަ ސަޕްރައިޒްތައް ހުންނާނެ އެވެ. މިދިޔަ އަހަރުގެ އައިޑޮލްގެ ދެވަނަ ޝަލަބީ އިބްރާހީމް ވެސް އެނާގެ ވަރަށް ހާއްސަ ހަދިޔާއެއް އައިޑޮލްގެ ތެރެއިން ދޫކޮށްލާނެ އެވެ. މިފަހަރު އޮތީ އޭނާގެ ފުރަތަމަ ވީޑިއޯ ލަވަ "އާދޭސް" ބެލުންތެރިންނަށް ދައްކާލުމެވެ. ފޭނުން ނަށް މިފަހަރު ވެސް ދޫކޮށްލާނީ ސަތޭކަ ޕަސެންޓް އަމިއްލަ ރާގެކެވެ.

އަންނަ ހޮނިހިރު ދުވަހުގެ ރޭ އޮންނަ ފައިނަލް ޝޯގައި "އާދޭސް" ލަވަ ރިލީޒް ކުރަން ހަމަޖެހިފައިވާއިރު ރޭ މިވަނީ އެ ލަވައިގެ ޕޯސްޓަރު ބެލުންތެރިންނަށް ދައްކާލާފައެވެ. ޕޯސްޓަރު ރިލީޒް ކޮށްފައިވަނީ ޕީއެސްއެމްގަ އެވެ.

"އާދޭސް" ލަވައިގެ ޕޯސްޓަރު ރިލީޒް ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---

ޕޯސްޓަރު ރިލީޒް ކުރުމަށް ފަހު "ސަން"އާ ވާހަކަ ދައްކަމުން ޝަލަބީ ބުނީ، އެ ލަވައަކީ ދެ ލޯބިވެރިންގެ ދޭތެރޭގައި ބުނަން ބޭނުންވާ އެތައް ވާހަކަތަކެއް ހިއްސާކޮށްފައިވާ އަދި ފިރިހެނަކަ އަންހެން ކުއްޖަކާ ދިމާލަށް ބުނާ ބައެއް ބަސް ބޭނުން ކޮށްފައިވާ ކޮންމެ މީހެއްގެ ހަނދާނުންވެސް ފޮހެލަން ދަތިވާނެ ލަވައެއް ކަމަށެވެ.

އޭނާ ބުނީ، އެ ލަވަ އެއީ ތިން މަސް ދުވަހުގެ މަސައްކަތް ކަމަށާއި އެއީ ވަރަށް ގިނަ ބައެއްގެ އެހީއާއެކު ބުރަ މަސައްކަތެއް ކޮށްގެން ނެރޭ ލަވައެއް ކަމަށެވެ. އޭނާ ބުނީ އައިޑޮލްގެ ޝޯގައި އޭނާގެ އެ ލަވަ ރިލީޒް ކުރަނީ އައިޑޮލްގެ ގެނެސްދޭ ޕީއެސްއެމް އަކީ އޭނާއަށް ވަރަށް މުހިއްމު ތަނެއް ކަމަށް ވާތީ ކަމަށެވެ.

"މީ ޕީއެސްއެމްގެ މީހެއް، އަބަދުވެސް އެމީހުން ރިޕްރެޒެންޓް ކުރާނީ. އެމީހުން ޝަލަބީ ގެނައި މިހިސާބަށް،" ޝަލަބީ ބުންޏެވެ.

ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އައިމިނަތު ޝާޔަން ޝާހިދު ވިދާޅުވީ، މިކަހަލަ ކަންކަމުގައި ޝަލަބީ އަށް އެންމެ ފުރިހަމަ އެއްބާރލުން ޕީއެސްއެމްގެ ފަރާތުން ލިބޭނެ ކަމަށެވެ.

"ޝަލަބީ އަކީ އަސްލީ ޕީއެސްއެމްގެ މެންބަރެއް. ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އެއް އަޑު. މިކަހަލަ ކަންކަމުގަ ފުރިހަމަ އަށް އެއްބާރުލުން ދޭނަން،" ޝާޔަން ވިދާޅުވި އެވެ.

ޝަލަބީ ދާދި ފަހުން ނެރުނު ލަވަ "ބޭނުމޭ އިޝްގާ" ގެ ކަވާ ވެސް ވައިގަ ހިފާފައި ވާއިރު ކުރިޔަށް ވެސް އޭނާގެ ހަދިޔާތައް ހުރީއެވެ. އަންނަ ރޯދަ މަހު ވެސް ޝަލަބީގެ އަޑު އިވޭނެ ކަން ކަށަވަރެވެ. އެކަމަކު މިހާރު އަދި އެވާހަކަތް ދެއްކުން އަވަސް ކަމަށް ޝަލަބީ ބުންޏެވެ. ދޭން ބޭނުން ވަނީ ސަޕްރައިޒެވެ.

comment ކޮމެންޓް