އައިޝަތު ތާރާ ހަމްދޫން، 13،އަށް އޭނާ ސްކޫލު ކުދިންގެ ލަވަ މުބަރާތުގައި ހުށަހަޅައިދިން ލަވަ ޚާއްސަ ވަނީ އެންމެ ސަބަބަކާ ހެދިއެއް ނޫނެވެ. މި ލަވަ އޭނައަށް ޚާއްސަވާ ސަބަބުތައް ބައިވަރެވެ.
ކުރުކޮށް ބުނާ ނަމަ މި ލަވައިން ދޭހަ ކޮށްދެނީ އޭނާގެ މުޅި ދިރިއުޅުމެވެ. މި ލަވައިން ތާރާ ބުނެދިނީ، އުމުރުން ހަތަރު އަހަރުގައި ލިބުނު އޯޓިޒަމް ހުންނަ ކޮއްކޮ، ކެއިތް އިޒް އަޒީނާ އެކު އޭނާގެ ދިރިއުޅުން ބަދަލުވެގެން ދިޔަ ގޮތެވެ. ކޮއްކޮއާ މެދު މުޖުތަމައު ދެކޭ ގޮތް ފެނުމުން ހިތުގައި ފުނި ޖެހުނު ޝަކުވާތަކެވެ. ތާރާގެ މަންމަވާ ގުރުބާނީއެވެ. ހާއްސަ އެހީއަށް ބޭނުންވާ ކުދިން މުޖުތަމައުން ބާކީ ނުކުރުމަށް އެދި ކުރާ އާދޭހެވެ. ތާރާގެ ކޮއްކޮއާ މެދު ކުރާ އުންމީދުތަކެވެ.

ހިތުގެ އެންމެ ފުންމިނުގައި ވަޅުލައިގެން އުޅުނު މި ހުރިހާ ޖަޒުބާތެއް ލަވައެއްގެ ގޮތުގައި ބަންޑުން ކޮށްލި އިރު ތާރާއަށް ހުރީ ހަމަ ރަނގަޅަށް ވެސް ރޮވިފައެވެ. އަޑުގައި ހުރި ތުރުތުރު އެޅުމުން އޭނާއަށް ކޮށްފައި ހުރި އަސަރު ސިއްރެއް ނުވިއެވެ. އެތައް ބައެއްގެ ސަމާލުކަން މި ލަވައަށް ލިބުނީ ވެސް ލަވަ ކިޔަމުން ދިޔަ ވަގުތު ތާރާއަށް ކޮށްފައިވާ އަސަރު ސިއްރު ނުވުމުންނެވެ. "އޯބޭދަރުދުޔާ"ގެ ރާގަށް އަހުމަދު ޝާޒް، "ތަޖޫބެ" ލިޔުނު އެ ޅެމުގައިވި ޖަޒުބާތަށް މުޅި އޯޑިއަންސް ވެސް ތިބީ ގެނބި ހުސްވެފައެވެ.
ތާރާގެ ހުށަހެޅުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން އޭނާގެ މަންމަ މުނީޒާ އަބްދުﷲ ބުނީ ލަވަ މުބާރާތުގައި ތާރާ ހުށަހެޅި ލަވަ އޭނާގެ ކޮއްކޮއަށް ހާއްސަ ކުރުމަކީ ތާރާ އަމިއްލައަށް ނިންމި ނިންމުމެއް ކަމަށެވެ.
"ތާރާ ބުނީ ތާރާ ބޭނުންވަނީ ހަމަ މެސެޖެކޭ ދޭން. އަޅުނގަޑަށް ކުޑަ ދަރިފުޅު ލިބުނު ހިސާބުން އަޅުގަނޑުގެ ދިރިއުޅުން ބަދަލުވެ އަމިއްލައަށް ކުރި ސްޓްރަގަލް އެންމެ ކައިރިން ފެންނާނީ ތާރާއަށް،" ދެ ކުދިންގެ ކަންތައް އެކަނި ބަލަހައްޓާ މުނީޒާ ބުންޏެވެ.

މި ލަވައާ ގުޅިގެން ވާހަކަދައްކަމުން ތާރާ ބުނީ އޭނާ ދޭން ބޭނުންވި މެސެޖު ލަވައިން ވަރަށް ރަނގަޅަށް ބުނެދެވުން ކަމަށެވެ.
"އެއީ، ބޭނުންވަނީ ބޭރު މީހުން ވެސް ކޮއްކޮއަށް ރަނގަޅަށް ޓްރީޓް ކުރަން. ހާއްސަ އެހީއަށް ބޭނުންވާ އެއްވެސް ކުއްޖަކަސް ތަފާތުކޮށް ޓްރީޓް ނުކުރަން ބޭނުންވަނީ. އެއީ ވެސް މުޖުތަމައުގެ ބައެއްގެ ގޮތުގައި ބަލައިގަންނަން،" އޭނާ ބުންޏެވެ.
މިހާރު ނުވަ އަހަރު ވެފައިވާ ހާއްސަ އެހީއަށް ބޭނުންވާ ކޮއްކޮއަށް މުޖުތަމައުގައި ކުރިމަތިވާ ތަފާތުކުރުންތަކުގެ ކުޑަ މިންވަރެއް ހިއްސާ ކުރަމުން ތާރާ ބުނީ، ޕާކަކަށް ދިޔަސް މީހުން ކޮއްކޮއާ ކައިރި ވެސް ނުވާ ކަމަށެވެ. އަދި، ކޮއްކޮ ބައިވެރިކޮށްގެން ކުޅެން ބޭނުން ނުވާއިރު އެތައް ބަޔަކު މަގުމަތީ ހުއްޓި ހުރެ ކޮއްކޮއަށް ބަލައި ކަމަށް ތާރާ ބުންޏެވެ.
ކޮއްކޮ ކުޑައިރު ނުކެވުމާއި ހިނގާބިނގަވެ އުޅެން ހުރި އުނދަގޫތަކުގެ ސަބަބުން މަންމަގެ ގިނަ ވަގުތު ކޮއްކޮއަށް ހުސްކުރަން ޖެހުމުން ތާރާ އެންމެ ފުރަތަމަ ދެރަވެއެވެ. މަންމަގެ ފަރާތުން އޭނާއަށް ވެސް އެފަދަ ސަމާލުކަމެއް ލިބެން އޭނާ ބޭނުންވިއެވެ.
"އެކަމަކު މިހާރު ގަބޫލުކުރެވޭ ކޮއްކޮއަށް ހާއްސަ އެޓެންޝަން ބޭނުންވަނެކަން. އަޅުގަނޑު ދެކޭ ގޮތުގައި ކޮއްކޮއަކީ ވެސް ނޯމަލް ކުއްޖެއް. ބޭނުންވަނީ އެންމެން ވެސް އެފަދަ ކުދިންނާ މެދު އެހެން ދެކެން،" ތާރާ ބުންޏެވެ.
މުޖުތަމައުގައި މިފަދަ ކުދިން ބަލައިނުގަންނަ މީހުން ގިނަކަން މުނީޒާ ވެސް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ދެރަވާ ފަދަ އެއްޗެހި ވަރަށް ގިނަ ފަހަރު މީހުން ބުނާ ކަމަށް މުނީޒާ ބުންޏެވެ.

" އެއް ދުވަހަކު ލިފްޓްގައި ހުއްޓައި މީހަކު އަހަނީ މިއީ މަންމަނު ކުއްޖެއްހޯ. އަޅުގަނޑަށް ހުރެވުނު ތަން ވެސް ނޭންގުނު،" ނުވަ އަހަރުގެ ދަރިފުޅަށް ކުރިމަތިވާ ތަފާތުކުރުންތައް ހިއްސާކުރަމުން މުނީޒާ ބުންޏެވެ.
ލަވަ މުބާރާތުގައި ވަނައެއް ލިބުމަށް ދެމައިން އުންމީދު ކުރި ނަމަވެސް މުނީޒާގެ އެންމެ ބޮޑު އާމާޒަކީ ވަނައެއް ނޫނެވެ. އޭނަ ބޭނުން ވަނީ ތާރާ ބޭނުންވާ ފަދައިން މުޖުތަމައަށް ތާރާ ބޭނުންވާ މެސެޖު ފޯރުކޮށްދިނުމުގެ ފުރުސަތު ދޭށެވެ.
"ތާރާއަށް ހުރީ އިމޯޝަނަލީ ވަރަށް ބޮޑަށް ލަވަތެރެއަށް ވަދެވިފައި. އަޑުގަ ކުޑަ ތުރުތުރު އެޅުމެއް ވެސް ހުރި. ފަހުން އިން ކަޑި ކީއިރު ވެސް އިނގޭ އަޅުގަނޑަށް ތާރަ އިމޯޝަންސް ހިފައްޓައިގެން ހުރި ވަރު،" އޭނާ ބުންނެވެ.
މިހެން މި ވާހަކަތައް ހިއްސާ ކުރިއަސް މިފަދަ އިހުސާސްތައް އެންމެ ފުރިހަމައަށް ކުރެވޭ މިފަދަ ކުއްޖަކު އެންމެ ކައިރިން ފެންނަ މީހަކަށެވެ. ނަމަވެސް ތާރާގެ އިހުސާސްތަކުގެ ސަބަބުން އެތައް ބަޔަކު ރޮއްވާލިއެވެ.
"ވަރަށް ގިނަ މީހުން ގުޅާފައި ވެސް ބުނި ވަރަށް ދެރަވިއޭ. އިތުރައް އަޑުއަހާ ހިތުން ހުއްޓައޭ ނިމުނީ،" މުނީޒާ ބުންޏެވެ.
މި ލަވައިގެ ޅެން ތާރާ ބޭނުންވި ފަދައިން ގެނެސްދިނީތީ މުނީޒާ، ތަޖޫބެއަށް ޚާއްސަ ޝުކުރެއް އަދާކުރިއެވެ.

"އެންމެ ފުރަތަމަ ޅެން އަޑުއިވުން އިރު ވަރަށް ދެރަވި. މީގަ މިއިނީ ކުރު ގޮތަކަށް ބުނަންޏާ އަޅުގަނޑުމެންގެ މުޅި ދިރިއުޅުން ގެނެސްދީފައި. މަންމަގެ ސައިޑުންނާ، ތާރާ ދެކޭ ގޮތާ، ކޮއްކޮއާ ދޭތެރޭ މީހުން ދެކޭ ގޮތާއި ތާރާ ކޮއްކޮއާ މެދު ކުރާ އުންމީދާ އެ ހުރިހާ ގޮތަކުން ވެސް ގުޅޭ،" އޭނާ ބުންޏެވެ.
ތާރާއަށް ވަނައެއް ނުލިބުނަސް މިއަދު ތާރާގެ މުޅި އާއިލާ ވެސް އޭނާއާ މެދު ފަޚުރުވެރި ވެއެވެ. އެއީ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާ މެދު ކަންތައްވާ ގޮތާއި އެކަން ބަދަލުވާން ބޭނުންވާ މިންވަރު ތާރާ ހާމަ ކޮށްދިނުމުންނެވެ.