''ރޫހުވަނީ ތިނަދޫގައޭ'' ކިޔައިފައިވާ މަރިޔަމް ދައްތަ ނިޔާވެއްޖެ

''ރޫހުވަނީ ތިނަދޫގައޭ'' ލަވައިން ރާއްޖެއަށް މަޝްހޫރުވި، ތިނަދޫ ސިޓީގެ ލަވަކިޔުންތެރިޔާ މަރިޔަމް ދީދީ (މަރިޔަމް ދައްތަ) މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

ތިނަދޫ ކައުންސިލްގެ ރައީސް ސައުދު އަލީ "ސަން"އަށް އެ ކަން ވަނީ ކަށަވަރުކޮށްދެއްވައިފައެވެ. ސައުދު ވިދާޅުވި ގޮތުގައި އެއީ މުޅި ތިނަދުއަށް ވެސް ލިބުނު ހިތާމައެކެވެ.

މަރިޔަމް ދައްތައަކީ ލޯފަން މީހެކެވެ. އޭނާއަކީ މުޅި ތިނަދޫގެ ހުރިހާ ރައްޔިތުން ވެސް ވަރަށް އިހުތިރާމް ކުރާ ޝަހުސިއްޔަތެކެވެ.

"ފެންމީރުވި ރީތި ރަށޭ މިއީ، ރޫހުވަނީ ތިނަދޫގައޭ" ލަވައިން މަގުބޫލުކަން ހޯދުމަށް ފަހު، ކުޅަދާނަ ޅެންވެރިޔާ އަބްދުﷲ އަފީފްގެ ގިނަ ޅެންތަކެއް މަރިޔަމްދައްތަގެ އަޑުން ރެކޯޑް ކޮށްފައިވެއެވެ.

ސައުދު ވިދާޅުވީ މަރިޔަމް ދައްތަ މިއަދު ވެސް ބައެއް މީހުންނާ ބައްދަލުވިކަން އެނގިފައިވާ ކަމަށެވެ. އަދި ބަނދަރުމަތިން އޭނާއަށް ވެސް މަރިޔަމް ދައްތަ މިއަދު ފެނުނުކަމަށް ވިދާޅުވިއެވެ.

"މަރިޔަމް ދައްތަ ނިޔާވުމަކީ ވަރަށް ބޮޑު ހިތާމައެއް. މުއްސަނދި މަހުޖަނަކަށް ނުވި ނަމަވެސް މަރިޔަމް ދައްތައަކީ މުޅި ރާއްޖޭގެ ލޯތްބާއި އިހްތިރާމް ހޯއްދަވައިފައިވާ ކަނބަލެއް،" ސައުދު ވިދާޅުވިއެވެ.

އަންހެން ދަރިއަކު ހުންނަ މަރިޔަމްދައްތަ ނިޔާވިއިރު އުމުރަކީ 73 އަހަރެވެ.

comment ކޮމެންޓް