"ހުރިހާ ގޮތަކުން އެހީވާނަމޭ" ގާސިމް ވިދާޅުވީ ރިޝްވަތު ދިނުމުގެ މާނާގައި: ދައުލަތް

ގާސިމް އިބްރާހީމް މިނިވަންކުރުމަށް ގޮވާލައި ކުރާ މުޒާހަރާއެއްގެ ތެރެއިން ---- ސަން ފޮޓޯ

ޖުމްހޫރީ ޕާޓީ ދޫކޮށް، ޕީޕީއެމަށް ވަޑައިގެންނެވި މެމްބަރުން، އަލުން ޖޭޕީއާ ގުޅިވަޑައިގެންފި ނަމަ "އެހެން ގޮތް ގޮތުން ވެސް އެހީވާނަމޭ" ވިދާޅުވެ ގާސިމް އިބްރާހިމް ދެއްކެވި ވާހަކަފުޅަކީ ރިޝްވަތުގެ މާނާގައި ވިދާޅުވި ވާހަކަފުޅެއް ކަމަށް ދައުލަތުން ބުނެފި އެވެ.

ދައުލަތުން އެހެން ބުނެފައި ވަނީ ގާސިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާއާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގަ އެވެ.

ރިޝްވަތުގެ ތުހުމަތު ގާސިމްގެ މައްޗަށް ކުރަނީ ކޮން މީހަކަށް ރިޝްވަތު ދޭން އުޅެގެންތޯ ދިފާއީ ވަކީލުން ކޮށްފައިވާ ސުވާލަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލާ ނިއުމާ މުހައްމަދު ވަހީދު ވިދާޅުވީ ވަކި މީހަކަށް ނޫނަސް ވަކި ބަޔަކަށް ވެސް ރިޝްވަތު ހުށަހެޅިދާނެ ކަމަށެވެ.

ގާސިމް ދެއްކެވި ވާހަކަފުޅަށް ބަލާ އިރު، ރިޝްވަތު ހުށަހަޅަން އުޅުއްވީ މަޖިލިސް މެމްބަރުންނަށް އެކަނިކަން އެނގޭ ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާސިމްގެ ވާހަކަފުޅުން މާލީ ގޮތުން އެހީވާނަމޭ ބުނި ކަމަށް ދޭހަވާ ކަމަށް ދައުލަތުން ބުންޏެވެ.

ވޯޓު ދިނުމާއި ވޯޓު ނުދިނުމަކީ މަޖިލިސް މެމްބަރުންނަށް އޮތް އިޚްތިޔާރެއް ކަމަށާއި ވަކި ގޮތަކަށް ވޯޓުދޭން އެދުނުކަން ގާސިމްގެ ވާހަކައިން ދޭހަވާ ކަމަށް ވަކީލާ ވިދާޅުވި އެވެ.

ގާސިމްގެ މައްޗަށް ދައުވާ ކުރީ އޭނާ ފާޅުކޮށްފައިވާ ޚިޔާލެއްގެ މައްޗަށް ބިނާކޮށް ނޫން ކަމަށާއި ދައުވާ ކުރީ ދައްކާފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ދައުލަތުގެ ވާހަކަތަކަށް ރައްދު ދެއްވަމުން ގާސިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ނޫރުއްސަލާމް ސުވާލުތަކެއް ކުރެއްވި އެވެ.

އެހީތެރިވުން ޚިލާފު ވަނީ ކޮން ގާނޫނަކާތޯ ނޫރު ސުވާލު އުފެއްދެވި އެވެ. އަދި އެހީތެރިވުމަކީ އިސްލާމްދީނުގައި ވެސް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ގާސިމް ދެއްކެވި ވާހަކަ ޚިލާފުވަނީ އިސްލާމްދީނުގެ ކޮން އަސްލަކާތޯ ވިދާޅުވެ ވެސް ނޫރު ސުވާލު އުފެއްދެވި އެވެ.

ދައުލަތުން ކުރާ ދައުވާގައިވާ ފަދައިން ގާސިމް ވާހަކަދެއްކެވި ކަމަށް އޭނާގެ ފަރާތުން އިއުތިރާފުވެފައިވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވަމުން ގާސިމްގެ ވަކީލު ހިސާން ހުސައިން ވިދާޅުވީ އޭނާ ވާހަކަފުޅު ދެއްކެވީ ދައުލަތުގެ ވަކީލު ވިދާޅުވާ އިބާރާތުން ނޫން ކަމަށެވެ. ހަމައެހެންމެ ގާސިމް ވާހަކަފުޅު ދެއްކެވީ ދައުވާގައިވާ އިބާރާތުން ނޫން ކަމަށާއި އޭނާ ވާހަކަފުޅު ދެއްކެވީ ޖަލްސާގެ ރެކޯޑިންގައިވާ އިބާރާތުން ކަމަށް ހިސާން ވިދާޅުވި އެވެ.

ގާސިމްގެ ފަރާތުން މިއަދު ވަނީ ދިފާއީ ހެކިތަކެއް ހުށަހަޅުއްވައިފަ އެވެ. މަސީހާ އެއްކޮޅަށް ވޯޓު ހޯދަން ޕީޕީއެމްގެ ބައެއް މަޖިލިސް މެމްބަރުން ދެއްކެވި ވާހަކައިގެ ވީޑިއޯ ރެކޯޑިން ހިމެނޭ ސިޑީއެއް ވަނީ ދިފައީ ހެއްކެއްގެ ގޮތުގައި ހުށަހަޅައިފަ އެވެ.

އިދިކޮޅު ކޯލިޝަންގެ އެއްބަސްވުމާއި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ޔައުމިއްޔާގެ އިތުރުން މަޖިލީހުގައި ނަގާ ވޯޓުތަކަށް ތާއީދު ހޯދަން މަސައްކަތް ކުރުމަކީ އެމެރިކާގެ ގާނޫނުގައި އޮންނަ ކަމެއްކަން ސާބިތުކުރަން ވަނީ އެ ގައުމުގެ ގާނޫނެއް ހުށަހަޅައިފަ އެވެ.

comment ކޮމެންޓް