ބަލޮޓެލީ މިއަދު ހުންނާން ޖެހޭނީ ރޮނާލްޑޯއާ އެއްފެންވަރެއްގައި: މަންޗިނީ

މާރިއޯ ބަލޮޓެލީ ވަނީ، މި ސީޒަންގެ މިހާތަނަށް ނީސްއަށް 14 ލަނޑު ޖަހައިދީ، އެއް އެސިސްޓް ކޮށްދީފައި -- ފޮޓޯ: ރޮއިޓަސް

ފްރާންސްގެ ނީސްއަށް ކުޅެމުން އަންނަ އިޓަލީ ފޯވާޑް މާރިއޯ ބަލޮޓެލީއަކީ، އޭނާގެ މައްސަލަތަކެއް ނެތްނަމަ މިއަދު ރެއާލްގެ ތަރި ކްރިސްޓީއާނޯ ރޮނާލްޑޯއާ އެއް ފެންވަރެއްގައި ގިންތި ކުރެވޭނޭ ކުޅުންތެރިއެއް ކަމަށް، މެންޗެސްޓާ ސިޓީގެ ކުރީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފިއެވެ.

މެންޗެސްޓާ ސިޓީން 2012 ވަނަ އަހަރުގެ ޕްރިމިއަރ ލީގު ކާމިޔާބުކުރި އިރު އެޓީމަށް ކޯޗު ކޮށްދިން އިޓަލީގެ ކޯޗު މަންޗިނީ ބުނީ، ރޮނާލްޑޯއާ އެއްފެންވަރެއްގައި މިއަދު ބަލޮޓެލީ ނެތްނަމަ، އެކަމުގެ ޒިންމާ ނަގަން ޖެހޭނީ ބަލޮޓެލީ އަމިއްލައަށް ކަމަށެވެ.

ބަލޮޓެލީ ދަނީ މިސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ މިހާރު ކުޅެމުން އަނަން ނީސްއަށް މި ސީޒަންގެ މިހާތަނަށް ބަލޮޓެލީ ވަނީ 14 ލަނޑު ޖަހައިދީ އެއް އެސިސްޓްކޮށްފައެވެ.

މެންޗެސްޓާ ސިޓީއާއި އިންޓަ މިލާނުގައި ބަލޮޓެލީއަށް ކޯޗުކޮށްދިން މަންޗިނީ ބުނީ، މިހާރު ބަލޮޓެލީގެ ކުރީގެ ކުޅުން އޭނާގެ ފަރާތުން ތަކުރާރުވަމުން ދާއިރު، ކުރިއަށް ދުވަސްތަކުގައި އޭނާއަށް އަދިވެސް ކުޅުން ރަނގަޅުކޮށް ރޮނާލްޑޯ ފަދަ ކުޅުންތެރީންނާ އެއް ގިންތިއެއްގައި ވާދަކުރެވޭނޭ ކަމަށެވެ.

ރޮބާޓޯ މަންޗިނީ ވަނީ، 2012 ވަނަ އަހަރު މެންޗެސްޓާ ސިޓީން ޕްރިމިއަރ ލީގު ހޯދި އިރު ބަލޮޓެލީއަށް އިރުޝާދު ދީފައި -- ފޮޓޯ: ލެން ހޮޖްސަން

"މާރިއޯއަކީ ވަރަށް ރަނގަޅު ކުއްޖެއް. އެހެން ނަމަވެސް އޭނާގެ ކިބައިގައި ބައެއް ނުރަނގަޅު އާދަތައް ހުރީ. އެއީ ޒުވާން އުމުރުގައި ގިނަ ކުޅުންތެރީންގެ ފަރާތުން ފެންނަ ސިފަތަކެއް، އެހެން ނަމަވެސް އެކަންކަން ރަނގަޅު ކުރެވޭނެ،" ޓީޑަބްލިއު ރޭޑިއޯއަށް މަންޗިނީ ބުންޏެވެ.

"އޭނާ ފުރަތަމަ ފަށައިގަތް އިރު ވަރަށް މޮޅު އަދި ފެންވަރު ހުރި. މިހާރު އެދިޔަގޮތަށް ދިޔަނަމަ އޭނާ ހުންނާނީ ރޮނާލްޑޯއާ އެއް ފެންވަރެއްގައި. އެހެން ނުވުމަކީ އޭނާ އަމިއްލައަށް ޒިންމާ ނަގަން ޖެހޭ ކަމެއް.

"މިހާރު އޭނާގެ އުމުރުން 26 އަހަރު. މަސައްކަތްކޮށްފި ނަމަ އަދިވެސް އިތުރަށް މޮޅު ކުޅުންތެރިއަކަށް ވުމުގެ ފުރުސަތު އެބައޮތް."

ކުރީން ލިވަޕޫލް އަދި މެންޗެސްޓާ ސިޓީއަށް ކުޅުނު ފޯވާޑް ގަބޫލުކުރާ ގޮތުގައި، މަންޗިނީއާއެކު 2012 ވަނަ އަހަރު އޭނާ ހޭދަކުރި ދުވަސްތަކަކީ، އޭނާގެ ހަޔާތުގައި ވަރަށް މުހިއްމު، ހަނދާނުން ފޮހެވިގެން ނުދާނޭ ދުވަސްވަރެކެވެ. އަދި ކުރީން އޭނާ ކުޅުނު ފެންވަރާ ގާތަށް މިހާރު ކުޅެވޭކަން ގަބޫލު ކުރާކަމަށް ވެސް ބަލޮޓެލީ ބުންޏެވެ.

"މެންޗެސްޓާ ސިޓީގައި ޕްރިމިއާ ލީގު ކާމިޔާބުކުރި ދުވަސްވަރަކީ މަންޗިނީއާއެކު އަހަރެންގެ އެންމެ އުފާވެރި ހަނދާތައް،" ބަލޮޓެލީ ބުންޏެވެ.

ބަލޮޓެލީ ބުނީ، ވޭތުވެ ދިޔަ ދެ ސީޒަނެއްގައި އޭނާގެ ފަރާތުން ގޯސް ކަންތައްތަކެއް ފެނިގެން ދިޔަކަން ގަބޫލުކުރާ ކަމަށާއި އެހެން ނަވަމެސް މިހާރު އޭނާ ކުރީން ހުރި ފެންވަރަށް އެނބުރި އަންނަމުންދާކަން ގަބޫލުކުރާ ކަމަށެވެ.

ބަލޮޓެލީ ކުޅެމުން އަންނަ ނީސް މިވަގުތު އޮތީ، ތިން ޕޮއިންޓުގެ ފަރަގާއެކު ޕީއެސްޖީގެ ފަހަތުން ފްރާންސް ލީގު1ގެ ތާވަލުގެ ތިންވަނައިގައެވެ. ލީގުގައި ބާކީ އެޓީމަށް އޮތީ ތިން މެޗެވެ.

comment ކޮމެންޓް