މޭލާގައި މީހުން ވަޅުލާ އާސަހަރާ ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ފުރޭނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އާސަހަރާ ފުރުން ކައިރި ވުމުން އިސްލާމިކް މިނިސްޓްރީން ވަނީ މާލޭގައި މަރުވާ މީހުން ހުޅުމާލެ ގަބުރަސްތާނުގައި ވަޅުލަމުން ގެންގޮސްފައެވެ. ނަމަވެސް ރޭ އިން ފެށިގެން އަލުން އާސަހަރާގައި ވަޅުލުމަށް ވަނީ ނިންމާފައެވެ.
އެ ނިންމުމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މާލޭގައި މަރުވާ މީހުން ގޮވައިގެން ހުޅުމާލޭގައި ވަޅުލާން ދިއުމަކީ ރައްޔިތުން ވަރަށް ބޮޑު ތަކުލީފެއް އުފުލާ ކަމެއް ކަމަށް އިހްސާސް ކުރެވޭ ކަމަށާއި އެފަދަ ކޮންމެ ކަމަކީ ވެސް ރައްޔިތުން ތަކްލީފް އުފުލާނެ ކަންކަން ކަމަށެވެ.
"އެހެން ނަމަވެސް ގޮތް ހުސްވީމަ އެކަންކަން ކުރަން ޖެހެނީ. އެ ނޫން އެހެން ގޮތެއް ނެތީމަ. ހެންވޭރު ސަހަރާ، މާފަންނު ސަހަރާ ކިތަށް ފަށަލައަށް ތޯ ވެލިއަޅަފަތޯ މީހުން ވަޅުލާފައި އެތިބީ. ދެން އަޅުގަނޑުމެނަކަށް މާލޭ ސިޓީއަށް ބަލާ ނަމަ މީހުން ވަޅުލާނެ ތަނެއް ވެސް ނެތެއްނޫން ތޯ؟" ރައީސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އަނެއްކާ ވެސް އާސަހަރާގައި މީހުން ވަޅުލުމަށް ނިންމީ ކުރިއަށް އޮޮތީ ރޯދަމަސް ކަމަށް ވުމުން އެމަހުގައި ކަނޑު ހުރަސް ކޮށް މީހުން ވަޅުލާން ދިއުމަކީ ރައްޔިތުންނަށް ފަސޭހަ ކަމަކަށް ނުވާތީ ކަމަށެވެ.
"އަަޅުގަނޑުމެންގެ މާލޭގައި މިހާރު ތިއްބެވި ކައުންސިލަރުންނާއި އަދި ކައުންސިލަށް ކުރިމަތިލައްވާފައި ތިބި ބޭފުޅުން މާލެއިން ދެން މަރުވާނެ މީހުން ވަޅުލާނެ ބިމެއް ދައްކަވައި. ނެތް މާލެއަކު ބިމެއް. ނެތް މާލެއަކު ބިމެއް. މިހާރު އާސަހަރާގައި މިއޮތީ މި ސަރަހައްދުގައި މާލޭ އޭރިއާގައި ދުވާލަކު މީހުން މަރުވާ ނިސްބަތައް ބަލާކަމުގައިވަނީ ނަމަ ހަ އެއްކަ މަސަދުވަހު މީހުން ވަޅުލެވޭނެ ވަރުގެ ތަންކޮޅެއް މިއޮތީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު އުންމީދު ކުރައްވަނީ އާސަހަރާ ފުރެން ވާއިރަށް މިހާރު މާލެ އާއި ހުޅުމާލެ އާ ދެމެދު އަޅާ ބުރިޖުގެ މަސަތްކަތް ނިމި އެ ބުރިޖުން ސަންދޯއް އުފުލޭނެ ގޮތްވުން ކަމަށާއި އެހެން ވެއްޖެ ނަމަ ރައްޔިތުންނަށް މާބޮޑު ތަކްލީފަކާއި ނުލާ ހުޅުމާލެއަށް ގޮސް އައިސް އުޅެވޭނެ ކަމަށެވެ. އަދި މާލެ ސަރަހައްދުގައި މީހުން ވަޅުލާނެ ޖާގަ ނެތީ މިއަދުގެ ސަރުކާރުގެ އިހުމާލުން ނޫން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.