ލަންކާގެ ޓޫރިޒަމް މިނިސްޓަރުގެ ނަޒަރުން ރާއްޖެ

ލަންކާގެ ޓޫރިޒަމް މިނިސްޓަރު ޖޯން އަމަރަތުންގަ "ސަން"އަށް ދެއްވި އެކްސްލޫސިވް އިންޓަވިއުގެ ތެރެއިން --- ސަން ފޮޓޯ/ އަލީ އާތިފް

ރާއްޖޭގެ އެންމެ ގާތް އަވަށްޓެރިޔާ އޮޅުދޫކަރައަކީ ކޮންމެފަދަ ހާލަތެއްގައިވެސް ރާއްޖެ ދޫކޮށް ނުލާނެ، ދެގޮތެއް ނުވާ އެކުވެރިއެކެވެ. ސްރީލަންކާއަށް ރާއްޖޭގެ ގިނަ އަދަދެއްގެ ބަޔަކު ދަތުރުކޮށް، އެތަނުގައި ވަޒަންވެރިވެ ތިބޭ ފަދައިން ސްރީލަންކާގެ ވެސް ގިނަ ބަޔަކު ރާއްޖޭގެ ރީތިކަން ދެކިލުމަށާއި ހިތްހަމަޖައްސާލުމަށް ރާއްޖެ އައިސް އުޅެއެވެ. އެގޮތުގެމަތީން، ސްރީލަންކާގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު ޖޯން އަމަރަތުންގަ މިދިޔަ ހަފްތާގައި ކުރު ޗުއްޓީއަކަށް ރާއްޖެ ވަޑައިގަތެވެ.

އުމުރުފުޅުން 76 އަހަރުގެ މިނިސްޓަރު އަމަރަތުންގަ އޭޕްރިލް 26 ގައި ރާއްޖެ ވަޑައިގެން، ޗުއްޓީ ފުރިހަމަކުރެއްވުމަށްފަހު އޭޕްރިލް 28ގައި އެނބުރި ގައުމަށް ވަޑައިގެންނެވިއެވެ. ދަ ސަން ސިޔާމް އިރުފުށީގައި ހޭދަކުރެއްވި ޗުއްޓީ ނިންމަވާލެއްވުމުގެ ކުރިން، މިނިސްޓަރ އަމަރުންގަ "ސަން"އަށް ދެއްވި އެކްސްކްލްސިވް އިންޓަވިއުއެވެ.

މިނިސްޓަރއަށް ރާއްޖެ ކަމުދޭތޯ؟ މިރަށުގެ މޫދާއި ބީޗުގައި ވަގުތު ހޭދަކޮށްލެއްވިންތޯ؟

"އާދެ. ރާއްޖެ ވަރަށްވެސް ރީތި. ވަރަށް ބޮޑަށް އެންޖޯއިކުރެވުނު. މިތަނުގައި އަބަދާއި އަބަދު މި ފެންނަނީ މޫދާއި ގޮނޑުދޮށް. މި ރިސޯޓުގެ ސްޕާގެ ޚިދުމަތްވެސް ވަރަށް ފުރިހަމަ."

ލަންކާގެ ޓޫރިޒަމް މިނިސްޓަރު ޖޯން އަމަރަތުންގަ އާއި ޓޫރިޒަމް އެޑްވައިޒަރު ފީލިކްސް ރޮޑްރީގޯ، އެބޭފުޅުންގެ އާއިލާއާ އެކު ސަން ސިޔާމް އިރުފުށީގައި --- ސަން ފޮޓޯ/ އަލީ އާތިފް

މިނިސްޓަރގެ ޗުއްޓީގައި ދިމާވި އެންމެ ޝައުގުވެރިކަމަކީ ކޮބައިތޯ؟

"ރާއްޖެއިން ފެންނަ ގުދުރަތުގެ މަންޒަރު. ރާއްޖޭގެ ތިމާވެށި. އަޅުގަނޑުމެން ދިރިއުޅޭ ސަރަހައްދުން މިހާ ރީތި ނޫ ކުލައއެއްގެ މޫދުތަކެއް ނުފެނޭ. ވަރަށް ރީތި، ވަރަށް ސާފު. މީހުންވެސް ވަރަށް ރަނގަޅު. ކެއުންވެސް އެއްވަނަ. އަޅުގަނޑުމެން އިއްޔެ ދިޔައިން މަސް ބާނަންވެސް. މިއީ އަޅުގަނޑުގެ ގައުމުން އެހާ ފަސޭހައިން ލިބޭނެފަދަ ތަޖުރިބާތަކެއް ނޫން."

ރާއްޖެއާއި ސްރީލަންކާއާ އަޅައިކިޔާއިރު ފެންނަ އެންމެ ބޮޑެތި ތަފާތުތަކަކީ ކޮބައިތޯ؟

"ސްރީލަންކާއަކީ އެންމެ ރަށެއް. އެތަނުގައި އެބަ ހުރޭ މުނިފޫހިފުލިވުމުގެ ގިނަ ހަރަކާތްތަކަކާއި، ޒިޔާރަތް ކުރާނެ ގިނަ ތަންތަން. ތަފާތު ޖަނަވާރާއި، ރާޅާ އެޅުމާއި، ސައިފަތް އުފައްދާ ސަރަހައްދުތަކާއި، މިހެން ގޮސް ތަފާތު ކަންކަން. އެކަމަކު ރާއްޖޭއަށް ބަލާއިރު ފެންނަނީ މި ރީތި ގޮނޑުދޮށްތަކާއި މޫދު އެކަނި."

ރާއްޖޭގައި ފަތުރުވެރިކަން ބިނާވެފައި މިވަނީ "ވަން އައިލެންޑް – ވަން ރިސޯޓު" ނުވަތަ އެއް ރަށަކީ އެއް ރިސޯޓުގެ ގޮތުގައި ތަރައްގީ ކުރުމުގެ ތަފާތު ކޮންސެޕްޓަކަށް. މި ކޮންސެޕްޓާ މެދު ދެކިވަޑައިގަންނަވަނީ ކިހިނެއްތޯ؟

"އަޅުގަނޑު ދެކެނީ މިއީ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި. އެއީ އެކަމުގެ ސަބަބުން ފަތުރުވެރިންގެ ޕްރައިވަސީ ގެރެންޓީވެގެން އެބަ ދޭ. ރަށް ހިންގާ ކުންފުންޏަށް ލިބޭ އެއްވެސް އެހެން ބައެއްގެ ނުފޫޒެއް ނުވަތަ އުނދަގުލެއް ޖެހުމަކާ ނުލައި އެ ރަށް ތަރައްގީކުރުމުގެ ފުރުސަތުވެސް."

ލަންކާގެ ޓޫރިޒަމް މިނިސްޓަރު ޖޯން އަމަރަތުންގަ "ސަން"އަށް ދެއްވި އެކްސްލޫސިވް އިންޓަވިއުގެ ތެރެއިން --- ސަން ފޮޓޯ/ އަލީ އާތިފް

ސްރީލަންކާއާ ރާއްޖެއާ މެދު އޮތް ގުޅުން ސިފަކުރައްވާނީ ކޮން ގޮތަކަށްތޯ؟

"ސްރީލަންކާއާ ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ވަރުގަދަ ގުޅުމެއް. ރާއްޖެއަކީ އަޅުގަނޑުމެންނާ އެންމެ ގާތް އަވަށްޓެރިޔާ. އަވަށްޓެރިޔާއާ ރުޅި ހަދައި، ތަޅާފޮޅައި ހެދުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ދެއްތޯ. އަޅުގަނޑުމެން ބައިނަލްއަގުވާމީ އަދި ސަރަހައްދީ މައިދާނުގައި އަބަދުވެސް ދަނީ ރާއްޖެއަށް ހިތްވަރުދީ، ސަޕޯޓު ފޯރުކޮށްދެމުން. ދެގައުމުގެ ގުޅުން ވަރަށް ބަދަހި."

"ކޮންމެ މީހަކުވެސް ދަތުރުކުރާނީ އެމީހަކު ބޭނުންވާ، އަދި ކަމުދާ ތަނަކަށް ދެއްތޯ. އަޅުގަނޑުމެންނަކަށް ހިފަހައްޓާފައި ނުބުނެވޭނެ ނޫނެކޭ، ކަލޭމެން ދާންޖެހޭނީ މިވެނި ތަނަކަށޭ. އެކަމަކުވެސް ދަންނަވާލަން އޮތީ، ލަންކާގައި ފެންވަރު ރަނގަޅު ހޮޓެލްތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހުރިހާ ސަރަހައްދެއްގައިވެސް ހުންނާނެއޭ. އުތުރު، ދެކުނު، އިރު އަދި ހުޅަނގުގެ އިތުރުން މެދުތެރޭގައިވެސް ހުންނާނެ ރަނގަޅު ތަންތަނާއި، މެހެމާންދާރީ ފުރިހަމައަށް އަދާކޮށްދޭނެ މީހުން. ހުރިހާ ހިސާބެއްވެސް ވާނީ ހުޅުވާލެވިފައި."

ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ދައްކާ ގޮތުން މިދިޔަ އަހަރު ލަންކާއިން 18000 އެއްހާ މީހުން ރާއްޖެ އައި. މި އަދަދު މި އަހަރުގެ ތެރޭގައި އިތުރުވާނެތޯ؟

"ޝައްކެއްވެސް ނެތް. އިތުރުވާނެ. ދުނިޔޭގެ ހުރިހާ ހިސާބެއްގައިވެސް ފަތުރުވެރިކަން ދަނީ ކުރިއަރަމުން. ގާތްގަނޑަކަށް 1.5 ބިލިޔަން މީހުން ބޯޑަރުތައް ހުރަސް ކުރޭ. އަހަރުން އަހަރަށް މިއަދަދު އިތުރުވާނެ ޔަގީނުންވެސް. އެހެންކަމުން ލަންކާގެ ފަތުރުވެރިންގެ ވެސް ހެޔޮ މިންވަރެއް ރާއްޖެއަށް އަންނާނެ."

ރާއްޖޭގައި ލަންކާގެ ގިނަ ކުންފުނިތަކަކުން ރިސޯޓު ހިންގާ. ލަންކާގެ ސިނަމަން ހޮޓެލްސްއިންވެސް ރާއްޖޭގައި ދެ ރިސޯޓެއް ހިންގާ. ރާއްޖޭގެ ފަތުރުވެރިކަމުގައި ލަންކާގެ އިންވެސްޓަރުންގެ އިންވޯލްވްމެންޓާ މެދު ދެކިވަޑައިގަންނަވަނީ ކިހިނެއްތޯ؟

"މިއީ ރަނގަޅު ކަމެއް. އަޅުގަނޑުމެން ހިތްވަރާއި ތަރުހީބުވެސް ދެން. ރާއްޖޭގައި އިންވެސްޓްކޮށް ހޮޓެލްތަކާއި ރެސްޓޯރަންޓް އަޅަން ބޭނުންވާ ލަންކާ ކުންފުނިތަކަށް އެ ފުރުސަތު އަޅުގަނޑުމެން ދޭނަން. ހުރަހެއް ނާޅާނަން. ލަންކާ ސަރުކާރުން މަރުހަބާ ކިޔާ ކަމެއް މިއީ. އޭރުން ބަދަލުގައި ރާއްޖޭގެ އިންވެސްޓަރުންވެސް ލަންކާއަށް އައިސް، ދެގައުމަށްވެސް ފައިދާ ކުރާނެ ދެއްތޯ."

"އާދެ. ލަންކާގައިވެސް ރާއްޖޭގެ އިންވެސްޓަރުންގެ އިންވެސްޓްމެންޓް އެބަހުރި ދެއްތޯ. ފާހަގަ ކޮށްލާ އެއް ކަންތައް ނަމަ، ސަން ސިޔާމް ރިސޯޓްސްއިން ހިންގާ ސަން އަކުއާ ޕާސިކުޑަ ރިސޯޓު."

"ސަން ސިޔާމްގެ ޗެއާމަން އަހްމަދު ސިޔާމް މުހައްމަދު އެ ރިސޯޓު ޕާސިކުޑަގައި ގާއިމުކުރީ. ވަރަށް ރީތި ތަނެއް އެއީ. މުވައްޒަފުންނާއި މެނޭޖްމެންޓުވެސް ވަރަށް ފުރިހަމަ. ސީޒަންގައި އަބަދު ފުލްވެފައި އޮންނަނީ. ސަންގެ ޗެއާމަންއަކީ ވަރަށް ޑައިނަމިކް ބޭފުޅެއް. ސިޔާމް ފަދައިން ފަތުރުވެރިކަމުގައި އެހާ ހަރަކާތްތެރި ވިޔަފާރިވެރިއެއް އަދި ކުންފުންޏެއްގެ ޗެއާމަނެއް އަޅުގަނޑު ނުދެކެން. ސިޔާމް އަބަދުވެސް ޝައުގުވެރިވެލައްވާ ކުރިއަށް ވަޑައިގެންނެވުމަށް."

ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީންގެ ވިސްނުންފުޅުގައި އޮތީ އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން މިފަދަ މި ރަށް ފަދަ 50 ރިސޯޓު ރާއްޖޭގައި ހުޅުވުމަށް. މިހާތަނަށް 20 އަށް ވުރެ ގިނަ އާ ރިސޯޓު މި ދައުރުގައި ހުޅުވައިފި. ހަމަ މިފަދައިން ސްރީލަންކާގެ ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާގައި ގެންގުޅޭ ސިޔާސަތުތަކަކީ ކޮބައިތޯ؟

"ލަންކާ ސަރުކާރުންވެސް ފަތުރުވެރިކަން ތަރައްގީކުރުުމަށް ވަރަށް ޝައުގުވެރިވޭ. ލަންކާއިން ދަނީ ބޭރުގެ ކުންފުނިތަކުން ލަންކާއަށް އައިސް ހޮޓެލްތަކާއި އެހެނިހެން މުނިފޫހިފިލުވުމުގެ ހަރަކާތްތަކަށް އިންވެސްޓްކުރުމަށް ބާރުއަޅަމުން. އަޅުގަނޑުމެން އުންމީދުކުރަނީ ލަންކާއަށް ފޮރިން އެކްސްޗޭންޖު ހޯދައިދޭ އެންމެ ބޮޑު ވަސީލަތަކީ ފަތުރުވެރިކަން ކަމުގައި ހެދުން. މިކަން ވާނެކަމުގެ ހެޔޮ ނިޝާންތައް މިހާރުވެސް އެބަ ދެނޭ. ކޮންމެ އަހަރަކު ލަންކާއަށް އަންނަ ފަތުރުވެރިންގެ އަދަދުވެސް ދަނީ އިތުރުވަމުން. ހަނގުރާމައިގެ ދުވަސްވަރު ކަންކަން ވަރަށް ގޯސް. ނަމަވެސް މިހާރު އެކަންވެސް ނިމިއްޖެ. ލަންކާ މިހާރު ވަރަށް ސުލްހަވެރިވާނެ."

ފަތުރުވެރިކަން ކުރިއެރުވުމަށް ލަންކާގައި ކުރަމުންދާ އެންމެ ބޮޑެތި މަސައްކަތްތަކަކީ، އަދި ސިޔާސަތުތަކަކީ ކޮބައިތޯ؟

"އަޅުގަނޑުމެން އެންމެ މުހިންމުކަން ދީގެން ކުރާ ކަމަކީ ލަންކާއަށް އަންނަ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން. އެއަށްފަހު އެމީހުންނަށް ހިތްހަމަޖެހުން ކަށަވަރު ކޮށްދިނުމާއި، ފަތުރުވެރިންނަށް އުނދަގޫތައް ފޯރުވާނެ ގޮތްތައް ނައްތާލުން. ފަތުރުވެރިން ލަންކާގައި ދަތުރުކޮށް އުޅޭނެ ގޮތްތަކާއި، އެމީހުން ބޭނުންވާ ކާނާގެ ބާވަތްތައް ހޯދުމާ، މިއީ ހަމަ ލަންކާ ސަރުކާރުގެ ބޮޑެތި ޒިންމާތައް."

comment ކޮމެންޓް