މާޒިޔާއިން މޯހަން ބަގާން ސައިޒްކޮށްލައިފި

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް (ގްރޫޕް އީ)ގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އިންޑިއާގެ މޯހަން ބަގާން ބައްދަލުކުރި މެޗުގެ ތެރެއިން: 2-5 ގެ ނަތީޖާ އަކުން އެ އެމެޗް ކާމިޔާބް ކުރީ މާޒިޔާ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އޭފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މިއަދު ހަވީރު އިންޑިއާގެ މޯހަން ބަގާން އަތުން 5-2 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން މޮޅުވެއްޖެއެވެ.

މި ނަތީޖާއާއެކު މާޒިޔާ މިވަނީ، 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތް ބެންގަލޫރު އެފްސީއާ ޕޮއިންޓުގެ ގޮތުން ހަމަކޮށް، ލަނޑުގެ ތަފާތުން ކުރި ހޯދައިފައެވެ. އެހެން ނަމަވެސް، މިއަދު ބެންގަލޫރު އެފްސީން ދާކާ އަބަހާނީއާ ދެކޮޅަށް ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެ ނަމަ، ނުވަތަ އެއްވަރު ވިޔަސް އަލުން ކުރި ތާވަލުގެ ކުރި ލިބޭނެއެވެ. މޯހަން ބަގާން އޮތީ ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު ގްރޫޕް ތާވަލުގެ ތިން ވަނައިގައެވެ.

ގާތްގަނޑަކަށް 127 އަހަރުގެ ދިގު ތާރީޚެއް އޮތް މޯހަން ބަގާންއާ ދެކޮޅަށް މި މުބާރާތުގައި އިންޑިއާގައި ކުޅުނު ގްރޫޕް ސްޓޭޖް މެޗުންވެސް މާޒިޔާ ވަނީ 1-0 ލަނޑުން މޮޅުވެފައެވެ.

މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި މާޒިޔާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ދިޔައިރު، އެޓީމުން ވަނީ ފުރަތަމަ ހާފުގައި ތިން ލަނޑުގެ ލީޑެއް ނަގައިފައެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް (ގްރޫޕް އީ)ގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އިންޑިއާގެ މޯހަން ބަގާން ބައްދަލުކުރި މެޗުގެ ތެރެއިން: 2-5 ގެ ނަތީޖާ އަކުން އެ އެމެޗް ކާމިޔާބް ކުރީ މާޒިޔާ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އައި-ލީގުގެ ދެވަނައިގައި މިވަގުތު އޮތް މޯހާން ބަގާންގެ ގޯލު މާޒިޔާއިން ހުޅުވައިލީ މެޗުގެ 13 ވަނަ މިނިޓްގައެވެ. މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް އަސަދުﷲ އަބްދުﷲ (އަސައްކޮ) ފޮނުވާލި ބޯޅަ ބްލޮކްވެގެން ނުކުތްވަގުތު ލިބުނީ ޔަޝްފާދު ހަބީބަށެވެ. އޭނާ ވަނީ ވަރަށް ރީތިކޮށް އެއްފަހަރުން ޖަހައި ބޯޅަ ގޯލްތެރެއަށް ފޮނުވާލައިފައެވެ.

މާޒިޔާގެ ދެވަނަ ލަނޑު މެޗުގެ 27ވަނަ މިނިޓުގައި ފެނިގެން ދިޔައިރު، އަސަދުﷲގެ ހިތްގައިމު ޕާހަކުން ލިބުނު ބޯޅަ ހޯދައި އެ ގޯލް ޖަހައިދިނީ މުހައްމަދު އުމޭރެވެ. މިއީ އުމޭރު މި މުބާރާތުގައި ކާމިޔާބުކުރި ތިންވަނަ ލަނޑެވެ.

މޮޅަށް ކުޅެމުންދިޔަ މާޒިޔާއިން އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ ފަހު މިނިޓްގައެވެ. އުމޭރު ތަނަވަސްކޮށްދިން ފުރުސަތެއްގައި، މޯހަން ބަގާން ޕެނަލްޓީ އޭރިޔާ ތެރޭން އެލެކްސެންޑަރ ރަކިޗް ވަނީ ވަރަށް ރީތިކޮށް ބޯޅަ ގޯލްތެރެއަށް ފޮނުވާލައިފައެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް (ގްރޫޕް އީ)ގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އިންޑިއާގެ މޯހަން ބަގާން ބައްދަލުކުރި މެޗުގެ ތެރެއިން: 2-5 ގެ ނަތީޖާ އަކުން އެ އެމެޗް ކާމިޔާބް ކުރީ މާޒިޔާ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ދެވަނަ ހާފްގެ ކުޅުންފެށިގެން މާ ގިނައިރެއް ނުވެ މޯހަން ބަގާނުން ވަނީ ލަނޑެއް ޖަހައިފައެވެ. އެޓީމަށް ލިބުނު ކޯނަރަކުން މާޒިޔާގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލީ ކެޕްޓަން ކިންޝުކްއެވެ.

މާޒިޔާގެ ހަތަރު ވަނަ ލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން 54 ވަނަ މިނިޓްގައި ކެޕްޓަން އަސައްކޮ ކާމިޔާބުކޮށްދިން ލަނޑެކެވެ. އެ ޕެނަލްޓީއަކީ މޯހަން ބަގާން އޭރިޔާ ތެރޭން އުމޭރު ބޯޅަ ހިފައިގެން ގޯލާ ދިމާއަށް ދަނިކޮށް ގޯލްކީޕަރު ޕަވަން ކުމާރު އުމޭރަށް ފައުލު ކުރުމުން ލިބުނު ޕެނަލްޓީއެކެވެ.

މާޒިޔާއަށް މެޗުގައި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނީ، ފަހު ހާފުގައި އުމޭރުގެ ބަދަލުގައި ކުޅެން ނުކުތް، ޝިފާޒް ހަސަން (ޑުންގާ)އަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބަދަލުކުރާން ޖެހުމާއި، އަދި ޔަޝްފާދަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބަދަލުކުރާން ޖެހުމުންނެވެ. އެވަގުތުގެ ބޭނުން ހިފައި ފަހުހާފުގެ ފަހު 15 މިނިޓްގައި މޯހަން ބަގާނުން ވަނީ ކުރިއަށް ޖެހި މާޒިޔާގެ ގޯލަށް ނުރައްކާ ކޮށްފައެވެ.

މާޒިޔާގެ ފަސް ވަނަ ލަނޑު މެޗުގެ 60 ވަނަ މިނިޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ، އެޓީމުގެ ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިން ރަކިޗެވެ. މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ބޭރުން ރަކިޗް ވަރަށް ރީތިކޮށް ފޮނުވާލި ބޯޅަ ގޯލްތެރެއަށް ވަނީ ކީޕަރު އަތްދަށުން ނެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް (ގްރޫޕް އީ)ގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި އިންޑިއާގެ މޯހަން ބަގާން ބައްދަލުކުރި މެޗުގެ ތެރެއިން: 2-5 ގެ ނަތީޖާ އަކުން އެ އެމެޗް ކާމިޔާބް ކުރީ މާޒިޔާ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެގޮތުން މާޒިޔާގެ ޕެނަލްޓީ އޭރިޔާ ތެރޭން ޑިފެންޑަރު ގާސިމް ސަމާމް އަތުގައި ބޯޅަ ޖެހުމުގެ ސަބަބުން މޯހަން ބަގާނަށް ޕެނަލްޓީއެއް ލިބުނެވެ. 78 ވަނަ މިނިޓްގައި އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޖޭޖޭ ލެލްޕެކްލުއާއެވެ.

comment ކޮމެންޓް