އަބުރުގެ ގާނޫނުން ފުރަތަމަ މަގުމަތިވި ނޫސްވެރިޔާ!

އާލާ ރާއްޖެ ޓީވީ ޕްރޮގުރާމެއްގައި--

އެއީ މިދިޔަ ނޮވެމްބަރު މަހެވެ. އައްޑޫ ސިޓީގެ ހިތަދޫގައި ހިނގި ރޭޕް މައްސަލައެއްގެ މައުލޫމާތު ރާއްޖެ ޓީވީގެ ނޫސްވެރިޔާ އާލާ އިބްރާހިމް އަށް ލިބުނެވެ. އެ ހަބަރުގައި އަނިޔާ ލިބުނު އަންހެން ކުއްޖާގެ އާއިލާ އާ ހަވާލާދީ އާލާ ލިޔެފައި ވަނީ އެ މައްސަލާގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ މައްސަލަ ބަލާ އިދާރާއެއްގެ އިސް ވެރިއާގެ އާއިލާ މީހަކު ހިމެނޭ ކަމަށާއި އެހެންވެ އެ މައްސަލައަށް ނުފޫޒު ފޯރުވާށެވެ.

އެއިދާރާގެ ވެރިޔާގެ ނަން ވެސް ހަބަރުގައި ލިޔެފައިވެ އެވެ. ނަމަވެސް އޭނާގެ ބަހެއްނެތެވެ. އާލާ ބުނި ގޮތުގައި ތުހުމަތު ކުރެވޭ މީހާގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅައި މަސައްކަތް ކުރި އެވެ. ނަމަވެސް އޭނާގެ ބަހެއް ނުލިބުނީ ކަމަށެވެ.

"ބަހެއް ނުލިބުނު، ވަރަށް މަސައްކަތްކުރިން، ދެން ހަބަރު ޕަބްލިޝްކުރީ، ކޮށްލިތަނާ އޭނާ ގުޅީ، ގުޅާފައި ބުނީ ބޭނުމީ މައްސަލަ ޖައްސަންށޭ އަބުރުގެ ގާނޫނުގެ ދަށުން، އަޅުގަނޑު ދެންނެވިން ތިޔަ ފަރާތުގެ ކޮމެންޓެއް ހިމެނިދާނޭ އަދި ވެސް، އެހެން ހަބަރު ގެނެވޭނޭ، އެކަމަކު އޭނާ ބުނީ ބޭނުވީ މައްސަލަ ޖައްސަންށޭ" އާލާ ބުންޏެވެ.

އާލާ ރާއްޖެޓީވީ ޕުރޮގުރާމެއްގައި--

އޭގެ ފަހުން އެ މައްސަލަ ބުރޮޑްކާސްޓިން ކޮމިޝަނަށް ހުށައެޅި ކަމެއް ވެސް ބަލާކަމެއް ވެސް އޭނާ އަށް ނޭނގޭ ކަމަށް އާލާ ބުންޏެވެ. ދެން ރާއްޖެ ޓީވީ އިން އޭނާ ވަކިކުރުމުން އޭނާ "ޗެނަލް13" އަށް ބަދަލުވި އެވެ. އެޓީވީގައި އުޅެނިކޮށް ކުއްލިއަށް ބްރޯޑްކާސްޓިން ކޮމިޝަނުން ގުޅައި އޭނާ އަށް އެންގީ މައްސަލަ ބަލައި ފިޔަވަޅު އެޅިކަންކަމަށް އޭނާ ބުނެ އެވެ.

"ބޮރޯޑްކޮމްގެ ރިޕޯޓް އައީމާ އިނގުނީ އެ މައްސަލަ ބެލިކަން، އެއީ މިދިޔަ މާޗް މަހު، އަޅުގަނޑުގެ ބަހެއް ނުހޯދާ މައްސަލަ ނިންމީ، މައްސަލަ ބެލިކަން ވެސް ނޭނގެ،" ޓީވީއެމް އިން މީޑިއާ ދާއިރާއަށް ނުކުތް އާލާ ބުންޏެވެ.

އެ މައްސަލާގައި ރާއްޖެ ޓީވީ ދެލައްކަ ރުފިޔާ އިން ޖޫރިމަނާކުރި އިރު އާލާ ޖޫރިމަނާކުރީ 50000 ރުފިޔާއިންނެވެ. އެއީ އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކުރި ފުރަތަމަ ނޫސްވެރިޔާ އެވެ. އެހިސާބުން ޗެނަލް 13 އިން އޭނާ އަށް ގޭގައި މަޑުކުރަން އެންގި ކަމަށާ އެއާ އެކު ރާއްޖެ ޓީވީ އާ ވާހަކަ ދައްކައިގެން ފައިސާ ދައްކަން މަސައްކަތް ކުރިކަމަށް އާލާ ބުންޏެވެ.

"ދެން ރާއްޖެ ޓިވީ އާ ވާހަކަ ދެއްކީމާ ބުނީ ލާރި ދައްކަދޭނަމޭ، އަލުން ރާއްޖެ ޓީވީ އަށް އަންނާށޭ، ދެން އެގޮތަށް ހުރީ، ހުއްޓާ މުއްދަތު ހަމަވި އިރު ވެސް ލާރި ނުދައްކާކަން އިނގުނީ ބުރޯޑްކޯމް އިން ޖިނާއީ ދައުވާކުރަން ޕޮލިހަށް ފޮނުވިކަން އަންގާ ލިޔުން ފޮނުވުމުން،" އާލާ ބުންޏެވެ.

އެ މައްސަލާގައި ރާއްޖެ ޓީވީގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތްނުވެފަ އެވެ. އެކަން ހިނގި ގޮތް ކިޔައިދެމުން ރާއްޖެ ޓީވީގެ އިސް އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގައި އާލާ ވެސް އަދި އެއިދާރާ ވެސް ޖޫރިމަނާ ކުރެވޭނެކަން ގަބޫލް ނުކުރާ ކަމަށާއި އާލާއަށް އަންގާފައި ވާނީ ހައްގު ހޯދަން މަސައްކަތްކުރަން ކަމަށެވެ.

އާލާ ރާއްޖެޓީވީ ނޫސްވެރިންނާއެކު--

"ސުޓޭޝަނުން ޖޫރިމަނާ ނުދައްކައިފިއްޔާ ސުޓޭޝަންގެ ހުއްދަ ބާތިލް ކުރެވޭ، އެކަމަކު ނޫސްވެރިޔާއަށް ފައިޓްކުރުމުގެ ފުރުސަތު އެބައޮތް، ކޯޓަށް އެމައްސަލަ ފޮނުވީމާ ވެސް، އާލާއަށް އަންގާފައިވާނެ ފައިޓްކުރާށޭ ޖަލަށް ދާކަށް ނުޖެހޭނޭ އެހިސާބުން ފައިސާ ދައްކާނަމޭ،" އޮފިޝަލް ވިދާޅުވި އެވެ.

އާލާ ވެސް އަދި ރާއްޖެ ޓީވީ އިން ވެސް ބްރޮޑްކާސްޓިން ކޮމިޝަންގެ ނިންމުން ގަބޫލު ނުކުރެ އެވެ. އެންމެ ބޮޑު ސަބަބެއް ކަމަށް ބުނަނީ އެ ފަރާތުގެ ބަހެއް ނުހޯދައި މައްސަލަ ނިންމީތީ އެވެ. ބްރޮޑްކާސްޓިން ކޮމިޝަން އިން މިހާރު ވަނީ އަލުން އެ މައްސަލަ ރިވިއުކުރަން ފަށައިފަ އެވެ.

"އަޅުގަނޑު އަދާކުރީ އަޅުގަނޑުގެ ޒިންމާ، ޒިންމާދާރު ކުރުވަން ޖެހޭ މީހެއްގެ ވާހަކަ ވިއްޔާ ޒިންމާ އަދާކުރަން ޖެހޭ، ކަންކަން ރަނގަޅު ވަމުންދާތަން ވެސް ފެނޭ، އެކަމު މީގައި އެކަންނުކޮށް އަބުރުގެ ގާނޫނުގެ ނާޖާއިރު ފައިދާ ނެގީ،" އާލާ ބުންޏެވެ.

މިހާރު މީޑިއާ ދާއިރާގައި އުޅޭތާ ނުވަ އަހަރުވެފައިވާ 26 އަހަރުގެ ޒުވާނާ ބުނީ އޭގެ ފަހުން އޭނާ އެތައް މީޑިއާއަކަށް ވަނުމަށް ހުށައަޅާފައިވާ ކަމަށާއި ނަމަވެސް އެމައްސަލާގެ ސަބަބުން ފުރުސަތު ނުލިބޭ ކަމަށެވެ.

"އަބުރުގެ ގާނޫނުން އަދަބު ލިބި އަޅުގަނޑު މިވަނީ މަގުމަތިވެފައި، އަޅުގަނޑު ވަރަށް ވަރަށް ނޫސްވެރިކަން ކުރަން ބޭނުން،" އާލާ ބުންޏެވެ.

comment ކޮމެންޓް