ބެލެނިވެރިއެއް ނެތް ނިކަމެތި ނޫސްވެރިން!

ނޫސްވެރިން ހައްގުތަކަށް އެދި އަޑުއުފުލަނީ --- ސަން ފައިލް ފޮޓޯ

ގޭ ސިޑިގޮޅިން އަތުުވެދާނެ ހަމަލާއެއްގެ ބިރެވެ. ސައްހަ މައުލޫމާތެއް ނުލިބުމެވެ. ހޯދޭނެ މަގެއްނެތުމެވެ. ކަވަރޭޖް ގެނެސްދިނުމަށް ހާއްސަ އުސޫލެއް ނެތް އިރު ކުރިމަތިލާންޖެހެނީ ކަރުނަގޭހާ އެވެ. ތެދު ހާމަ ނުކުރިނަމަވެސް ދަރަނިވެރިވާ ފަދަ ޖޫރިމަނާގެ ސިޓީ އަންނާނެ އިރެއްގެ ބިރެވެ. ޖަލަށް ލާން ބަލައި އަންނާނެ އިރެއް ނޭނގޭތީ އެވެ. އިންޒާރުގެ މެސެޖުތަކާއި ކޯލްތަކަށް ޖަވާބުދީފައި އިތުރުކަމެއް ކުރާނެ ވަގުތެއް ނެތެވެ. މިއީ މިއަދު ދިވެހި ނޫސްވެރިންގެ ހާލެވެ.

ނޫސްވެރިން ދެމުންދާ ހިދުމަތަކީ އަސާސީ ހިދުމަތެކެވެ. ގައުމާއި ދުނިޔޭގައި ވާ ކަންކަން ވަގުތުން ވަގުތަށް އަންގައިދިނުމަށް އެކުރާ މަސައްކަތް ކުރަން މިއަދު ޖެހިފައިވަނީ ވަރަށް ވެސް ބިރުވެރި މާހައުލެއްގަ އެވެ. އެމެރިކާގެ ފްރީޑަމް ހައުސްއިން ކޮންމެ އަހަރަކު ނެރޭ ޕްރެސް ފްރީޑަމް ލިސްޓުގައި ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ވަރަކަށް ނެތް ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ވަނީ ހިމެނިފަ އެވެ.

ނޫސްވެރިންތަކެއް މިނިވަންކަމަށް ގޮވާލާ އިހުތިޖާޖްގައި ---ސަން ފޮޓޯ

އެމްއެމްސީ، ބުރޯޑްކޯމް ފެއިލްވެފައި؟

ނޫސްވެރިކަމުގެ ރޮނގުން ގައުމީ އިނާމް ހާސިލްކޮށްފައިވާ މިހާރު ނޫހުގެ އެޑިޓަރު އިސްމާއިލް ނަސީރު ވިދާޅުވާ ގޮތުގައި މީޑިއާތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި ކަނޑައަޅާފައިވާ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބްރޯޑްކާސްޓިން ކޮމިޝަން އަކީ މިނިވަންކަމެއް ނެތް ދެ މުއައްސަސާ އެވެ.

"ނޫސްވެރިކަން މިއޮތީ އެމީހަކު އަމިއްލައަށް ހިމާއަތްވާން ޖެހޭ ހިސާބުގައި، އެހެން މީހަކު ނެތް، ނޫސްވެރިން އޮތީ އަމިއްލަ ނަފްސު ހިމާޔަތްކުރަންޖެހިފައި،" ތަޖުރިބާކާރު ނޫސްވެރިޔާ އިސްމާއިލް ވިދާޅުވި އެވެ.

މީޑިއާ ރެގިއުލޭޓްކޮށް މިނިވަން މާހައުލެއް ނޫސްވެރިންނަށް ހޯދަދޭން އުފައްދާފައިވާ ދެ މުއައްސަސާއަށް ދައުލަތުން މިއަހަރު ވެސް 8.8 މިލިއަން ރުފިޔާ ހަރަދުކުރާއިރު އެދެ މުއައްސަސާއިން އެކަށޭނަ މަސައްކަތްކުރާކަމަށް މީޑިއާތަކުން ގަބޫލެއްނުކުރެ އެވެ.

މީޑިއާ ކައުންސިލާއި ބުރޮޑްކާސްޓިން ކޮމިޝަންގެ ވެރިން އެއް މޭޒެއްގައި-- ފޮޓޯ: ބްރޮޑްކާސްޓިން

"ނޫސްވެރިޔާއަށް ވަނީ ހަތަރު އުދަރެސް ފެނުޖެހިފައި، ވަރަށް ރަނގަޅަށް ގިނަ ނޫސްވެރިން މަސައްކަތް ބަކުރޭ، އެކަން ކުރަނީ ބިރެއްތެރޭގައި، ވަޒީފާ ގެއްލިދާނެކަމުގެ ބިރު، ކުޑަގޮޅިއަށް ލައިފާނެ ކަމުގެ ބިރު ނޫނީ ޖޫރިމަނާވެދާނެ ކަމުގެ ބިރު،" އެމްއެމްސީގެ ކުރީގެ ރައީސް މުހައްމަދު އާސިފު (މޮންދު) ވިދާޅުވި އެވެ.

ނޫސްވެރިކަމަށް ބޮޑެތި ގޮންޖެހުންތައް މިހާރު ދިމާވާއިރު މީޑިއާ ކައުންސިލްއިން ކުރިއާ ހިލާފަށް މިހާރު ބަހެއް ނުބުނާކަން އިސްމާއިލް ފާހަގަކުރި އެވެ.

"މީޑިއާ ކައުންސިލްގެ ބޭފުޅުން ވިދާޅުވެފައި އެބަހުރި ކުރީފަހަރު ބަޔާނެއް ނެރުނީމަ ސަރުކާރު ބޭފުޅުން ހިތްހަމަ ނުޖެހޭ، އަޅުގަނޑު ކައިރިއަށް އަންނަނީ ހިނި، އެބޭފުޅުންނަކީ ގާނޫނުން ބާރުތަކެއް ލިބިފައިވާ ބައެއް، އޭގެން އެބައިނގޭ އެމްއެމްސީ އޮތީ ބިރުންކަން،" އިސްމާއިލް ވިދާޅުވި އެވެ.

މީޑިއާގެ އެެހެން އިސް ފަރާތަކުން ވިދާޅުވާ ގޮތަށް އިސްމާއިލް ވެސް ވިދާޅުވަނީ ބްރޮޑްކާސްޓިން ކޮމިޝަން އެއީ ހައިޖެކް ކޮށްފައި އޮތްތަނެއް ކަމަށެވެ.

"ބުރޮޑްކާސްޓިން ކޮމިޝަނުން ނޫސްވެރިންގެ މަސައްކަތް ހިމާޔަތް ކުރުމުގެ ބަދަލުގައި ކޮމިޝަނުން ހަމައެކަނި ކުރަނީ ސަރުކާރުން ބޭނުންވާ ގޮތަކަށް ވާހަކަ ދައްކަމުން ދިޔަތަން، މީޑިއާގެ މިނިވަންކަން ކަށަވަރު ކުރުމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ކުރަންޖެހޭ ކަންތަކެއް ނުކުރޭ،" ހަވީރު ނޫހުގެ އެޑިޓަރު މޫސާ ލަތީފް ކުރިން ވިދާޅުވި އެވެ.

މިއަހަރު އެވޯޑްވެސް ނެތް، ހިތާމަކުރަން: މޮންދު

އެމްއެމްސީގެ މިދިޔަ އަހަރުގެ ރައީސް މޮންދު ވިދާޅުވި ގޮތުގައި މިހާތަނަށް ނޫސްވެރިން އަގުވަޒަން ކުރަން ކުރެވޭ ހަމައެކަނި މަސައްކަތަކީ ނޫސްވެރިކަމުގެ މިިނިވަންކަމުގެ ދުވަހު ދޭ އެވޯޑް ކަމަށެވެ. މިހާރުގެ ކައުންސިލް އިން އެކަން ކުރަން އުޅުނު ގޮތުން މިފަހަރު އެއެވޯޑްވެސް ނުދެވުމަކީ ކަންބޮޑުވާކަމެއްކަމަށް މޮންދު ވިދާޅުވި އެވެ.

ދިވެހި މީޑިއާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވާފައިވާ މޮންދު ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ މިނިވަންކަމެއް ނުލިބި ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހިފައި ވަނީ މުއައްސަސާތަކާ ހަވާލުވެފައިވާ ފަރާތްތަކުގެ އިހުލާސްތެރިކަމެއް ނެތީމަ އެވެ.

މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު އާސިފް (މޮންދު)-- ފޮޓޯ/ ރައީސް އޮފީސ

"ކަންކަމާ ހަވާލުވެފައިވާ ފަރާތްތަކުގެ ހަގީގީ އިހުލާސްތެރިކަންނެތީ، ނޫސްވެރިކަމަށް ޓަކައި ނޫސްވެރިކަން ދެމެހެއްޓުމަކަށް ޓަކައި ކުރަން ޖެހޭ ކަންކަން ކުރަން ޖެހޭ އިހުލާސްތެރިކަމެއް ނެތީ،" މޮންދު ވިދާޅުވި އެވެ.

ނޫސްވެރިން އެކި ގޯސްތައް ހަދާ ވާހަކަ ދައްކައި ފިޔަވަޅުއަޅާ އިރު ރާއްޖޭގެ ނޫސްވެރިން ކުރިއަރުވައި ތައުލީމީ ފުރުސަތުތައް ހޯދައިދިނުމަށް އެކަށޭނަ މަސައްކަތް ނުކުރާކަން މޮންދު ފާހަކަ ކުރެއްވި އެވެ.

"ރާއްޖޭގައި ތިބީ މާ ތައުލީމީ ނޫސްވެރިންނަށް ނުވާ އިރު ނޫސްވެރިން ކުރިއަރުވަން އިހުލާސްތެރި މަސައްކަތެއް ނުކުރޭ، އެކަން ނުކޮށް ނޫސްވެރިންނަށް ދިމާލަށް ބުނަނީ ރަނގަޅަށް ނުކުރޭ،" މޮންދު ވިދާޅުވި އެވެ.

މައުލޫމާތެއް ނުލިބޭ، ޖަލުގެ ބިރުއެބަޮތް

ތަހުގީގީ ނޫސްވެރިކަމަށް ވެސް ބޮޑެތި ހުރަސްތަކެއް އެބައޮތެވެ. ޕްރެސްކޮންފަރެންސްއެއް ބާއްވާފައި ނުވަތަ ބަޔާނެއް ނެރެފައި ބުނާ އެއްޗެއް ނޫން އިތުރު އެއްޗެއް ހޯދުމުގެ މަގުތައް ވަނީ ބަންދުކޮށްއި ކަމަށް ނޫސްވެރިން ބުނެ އެވެ.

އިސްލާއިމް ނަސީރު ވިދާޅުވި ގޮތުގައި މިހާރު ނޫހުގެ ފަރާތުން ހަބަރުތަކެއް ހެދުމަށް މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށައެޅުމުން ވެސް މައުލޫމާތު ނުދެ އެވެ.

ޖުލައި 26، 2016: މަޖިލީހަށް ހުށަހަޅާފައިވާ އަބުރުގެ ބިލުގެ ސަބަބުން ޤާނޫން އަސާސީގެ 27 ވަނަ މާއްދާގައި ބުނާ ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ހުރަސް އެޅޭތީ ނޫސްވެރިން މާލޭގައި ކުރި އިހުތިޖާޖުގެ ތެރެއިން--- ސަން ފޮޓޯ/މުހައްމަދު އަފްރާހް

"އާންމުކޮށް ހޯދަން ބޭނުންވާ މައުލޫމާތެއް ވެސް ބޭނުންވިއްޔާ ދެނީ ބޭނުންނެތިއްޖާ ނުދެނީ، ހޯދައިގެން ލިޔެފިއްޔާ އަބުރުގެ ގާނޫނުގެ ދަށުން ބިރުއެބައޮތް،" އިސްމާއިލް ވިދާޅުވި އެވެ.

އަބުރާ ބެހިއްޖެ ނަމަ އަދަބް ލިބެންޖެހޭ ކަމަށާއި ނަމަވެސް އަބުރުގެ ނަމުގައި މިހާރު ފާސްކޮށްފައިވާ އަބުރުގެ ގާނޫނަކީ އަބުރު ރައްކާތެރިކުރުމުގެ ބަދަލުގައި ދައްކަފާނެ ވާހަކަތަކެއް ދެއްކުމުގެ މަގު ބަންދުކުރުމުގެ ނިޔަތުގައި މީޑިއާތަކަށް ބިރުދައްކާ ގޮތަށް ފާސްކޮށްފައިވާ ގާނޫނެއްކަން އިސްމާއިލް ފާހަގަ ކުރެއްވި އެވެ.

އަބުރުގެ ގާނޫނުގެ ދަށުން ނޫސްވެރިންނާއި މީޑިއާ ސުޓޭޝަންތައް ޖޫރިމަނާކޮށް ބަންދު ކުރެވެ އެވެ. އަދި ނޫސްވެރިޔާ ޖަލަށް ލެވެ އެވެ. ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

އަބުރުގެ ގާނޫނެއް ވުޖޫދަށް ގެނެސް އޭގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ބުނާއިރު އެގާނޫނަށް މީޑިއާތައް ނުވަތަ ނޫސްވެރިން ހޭލުންތެރިކުރަން މަސައްކަތެއް ކުރާތަނެއް ނުފެނެ އެވެ. ހިތަށްއެރި ބަޔަކު މީޑިއާތަކަށް އިންޒާރު ދޭއިރު ބަސްބުނާނެ މުއައްސަސާއެއް ނުފެނެ އެވެ.

ގާނޫނީ ޒިންމާ އަދާކުރަން: އެމްއެމްސީ، ބޮރޮޑްކާސްޓިން

މީޑިއާ ކައުންސިލް އާއި ބްރޮޑްކާސްޓިން ކޮމިޝަނުން ޒިންމާ އަދާ ނުކުރާކަމަށް މީޑިއާތަކުން ކުރާ ތުހުމަތައް އެދެ މުއައްސަސާއިން ދެކޮޅެވެ.

މީޑިއާ ކައުންސިލްގެ ރައީސް އަބްދުލް މުއީދު ވިދާޅުވި ގޮތުގައި ނޫސްވެރިންގެ ހިމާޔަތުގައި ވަރަށް ގިނަ މަސައްކަތްތަކެއް އެކައުންސިލްއިން ކުރާ ކަމަށާއި އެގޮތުން ގާނޫނުތަކަށް ހަދަން ޖެހޭ އުސޫލްތައް ހެދުމާއި ނޫސްވެރިންނަށް ތައުލީމީ ފުރުސަތު ހޯދައިދޭން މަސައްކަތްކުރާކަމަށް އޭނާ ވިދާޅުވި އެވެ.

"އުސޫލްތަކެއް ހަދައި އޭޖީ އަށް ފޮނުވައިފިން، އޭގެ ތެރޭގައި މީޑިއާތަކުގެ ހައްގު ހޯދާނެ ގޮތާއި މައްސަލަ ހުށައަޅާނެ ގޮތުގެ އުސޫލް ހިމެނޭ،. ނޫސްވެރިންނަށް ތައުލީމީ ފުރުސަތު ދިނުމަށް ޔުނިވާސިޓީތަކާ އެކު އެއްބަސްވުމަކާއި ހަމައަކަށް ވަނީ ދެވިފައި، ވަރަށް އަވަހަށް ސޮއިކުރެވޭނެ" މުއީދު ވިދާޅުވި އެވެ.

އެވޯޑާ ގުޅޭ ގޮތުން އެކައުންސިލްއަށް އަމާޒުކޮށްފައިވާ ފާޑުކިޔުންތަކަށް ޖަވާބު ދެމުން މުއީދު ވިދާޅުވީ މީގެ ކުރިން އެވޯޑް ދެމުން ދިޔައީ ކޮންމެ އަހަރަކަށް ގަވައިދެއް ހަދަމުން ކަމަށާއި އެކައުންސިލް އިން ދާއިމީ އުސޫލެއް ހަދައި އޭޖީއަށް ފޮނުވާފައިވާ ކަމަށެވެ. ގަވައިދު ފާސްވުވުން އެވޯޑް ދިނުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށް މުއީދު ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބް ވިދާޅުވި ގޮތުގައި އެކޮމިޝަނުން ހަމައެކަނި ކުރާކަމަކީ މީޑިއާތަކާ މެދު ފިޔަވަޅު އެޅުން ނޫން ކަމަށާއި ތަމްރީނު ކުރުމަށް ވެސް މަސައްކަތްކުރާ ކަމަށެވެ. މީޑިއާތަކަށް ތަމްރީން ކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ބަޖެޓުގެ ދަތިކަންކަމަށް ޝަހީބް ވިދާޅުވި އެވެ.

ބްރޮޑްކާސްތިން ކޮމިޝަންގެ ރައީސް ޝަހީބް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިހުލާސްތެރި ވާން ޖެހޭ

ނޫސްވެރިންނަށް އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ އިރު އެކަން ހައްލުވާނެގޮތް ހިއްސާކުރަމުން މޮންދު ވިދާޅުވީ މުއައްސަސާތަކުގެ ވެރިން އިހުލާސްތެރިވުމާ އެކު ދައުލަތުން މީޑިއާތަކުގެ ކުރިއެރުވުމަށް ހަރަދުތަކެއް ކުރަން ޖެހޭ ކަމަށެވެ.

"ނޫސްވެރިންނާ ވާހަކަ ދައްކައި މިނިވަންކަން އޮތްކަން ހާމަކޮށް ގައިޑްލައިންތަކެއް ކަނޑައަޅަން ޖެހޭ، ނޫސްވެރިން ތަރައްގީ ކުރަން ބަޖެޓެއް ކަނޑައަޅައި ގަވައިދުން ދެވޭނެ އުސޫލްތަކެއް ކަނޑައަޅަން ޖެހޭ،" މޮންދު ވިދާޅުވި އެވެ.

މީޑިއާތައް ބަންދު ކުރުމުގެ ބާރު ލިބޭ އެކިއެކި ގާނޫނުތައް ހަދާ އަމަލު ކުރުމުގެ ބަދަލުގައި މީޑިއާތަކުގެ ވާޖިބު އަދާ ކުރަން މަސައްކަތްކުރެވޭނެ ރަނގަޅު މާހައުލެއް ކަށަވަރުކޮށްދޭނެ ގާނޫނުތަކަކަށް މިވަނީ ބޭނުންވެފަ އެވެ.

ނޫސްވެރިކަމުގެ މިނިވަން ދުވަސް ބައިނަލްއަގުވާނީ ފެންވަރެއްގައި މިއަދު ފާހަގަކުރާ އިރު ދިވެހި ނޫސްވެރިން މިވަނީ ބޮޑު ބިރެއްގެ ތެރޭގަ އެވެ. ގިނަ ބަޔަކު ދާއިރާ ދޫކޮށްދަނީ އެވެ. ދާއިރާ ދެކެ ލޯބިން ހިދުމަތުގައި ތިބި ނޫސްވެރިނަށް އެކަށޭނަ ގޮތަށް މަސައްކަތް ކުރެވޭނެ ގޮތް ނެތްތާ ނަފްސުގެ މިނިވަންކަމެއް، ރައްކާތެރިކަމެއް ނެތެވެ. ޑިމޮކުރަސީއަށް ވަކާލާތު ކުރާ މިމުޖުތަމައުގައި މިއީ ހުތުރު ކަމެކެވެ.

comment ކޮމެންޓް