ޗެމްޕިއަންސް ލީގު ޖާގައެއް ކަށަވަރުކޮށް ޗެލްސީން ލީގު ހޯދުމާ ގާތަށް

އާދީއްތަ ދުވަހުގެ ރޭ އެވަޓަންއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު ޕެޑްރޯ އުފާފާޅުކުރަނީ. މިމެޗުން ޗެލްސީ މޮޅުވީ 3-0 ލަނޑުން -- ފޮޓޯ: އޭޕީ

އިނގިރޭސި ޕްރިމިއަރ ލީގު ތާވަލުގެ އެއްވަނައިގައި އޮތް ޗެލްސީން މިރޭ އެވަޓަން އަތުން، 3-0 ލަނޑުން މޮޅުވެ ލީގު ހޯދުމަށް ކުރާ ވާދަވެރި ދަތުރުގައި މުހިއްމު ފިޔަވަޅެއް ކުރިއަށް ޖެހިލައިފިއެވެ.

އެވަޓަންގެ ދަނޑުގައި މިރޭ ޗެލްސީ ކުޅުނު މެޗުން ފަސޭހަކަމާއެކު އެޓީމު މޮޅުވެފައިވާއިރު، މި ނަތީޖާއާއެކު އެޓީމުން ވަނީ ކުރިއަށް އޮތް ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ރަސްމީކޮށް ޖާގައެއް ކަށަވަރުކޮށްފައެވެ.

ލީގަށް މިފަހަރު ޗެލްސީއާ އެންމެ ގާތުން ވާދަކުރާ ޓޮޓެންހަމް ހޮޓްސްޕާ ފިޔަވައި ޕްރިމިއަރ ލީގުގެ ގަދަ ފަހެއްގައި މިވަގުތު އޮތް ހުރިހާ ޓީމަކަށް ވެސް ބާކީ ހަތަރު މެޗު އޮތްއިރު، ތާވަލުގެ އެއްވަނައިގައި ޗެލްސީ އޮތީ 81 ޕޮއިންޓާއެކު އެވެ. ތާވަލުގެ ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް 34 މެޗުން 65 ޕޮއިންޓު ލިބިފައި ވާއިރު، މި ދެޓީމުގެ ދެމެދުގައި 16 ޕޮއިންޓުގެ ފަރަގެއް އެބަ އޮތެވެ. ޓޮޓެންހަމްއަށް 33 މެޗުން ލިބިފައި ވަނީ، 74 ޕޮއިންޓެވެ.

އާދީއްތަ ދުވަހުގެ ރޭ އެވަޓަންއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު ޕެޑްރޯ އުފާފާޅުކުރަނީ. މިމެޗުން ޗެލްސީ މޮޅުވީ 3-0 ލަނޑުން -- ފޮޓޯ: އޭޕީ

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުންކުރެ ޓީމަކަށް މެޗުގެ ނަތީޖާ ބަދަލުކޮށްލެވިފައި ނުވާއިރު، ޗެލްސީގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ 66 ވަނަ މިނިޓްގައެވެ. ޗެލްސީއަށް ލީޑު ލިބުނީ ޓޮޓެންހަމްގެ ގޯލާ ގާތްގަނޑަކަށް 25 ޔާޑު ދުރުން ޕެޑްރޯ ފޮނުވާލި ބާރު ހަމަލާއެއް ގޯލްތެރެއަށް ވަދެގެންނެވެ.

ޗެލްސީގެ ދެވަނަ ލަނޑު 79 ވަނަ މިނިޓްގައި ގެރީ ކޭހިލް އެޓީމަށް ކާމިޔާބުކޮށްދިން އިރު، އެޓީމުގެ ތިން ވަނަ ލަނޑު 86 ވަނަ މިނިޓްގައި ކާމިޔާބުކޮށްދިނީ ވިލިއަންއެވެ.

އާދީއްތަ ދުވަހުގެ ރޭ އެވަޓަންއާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑު ޖެހުމަށް ފަހު ވިލިއަން ޓީމުގެ ކުޅުންތެރީންނާއެކު އުފާފާޅުކުރަނީ. މިމެޗުން ޗެލްސީ މޮޅުވީ 3-0 ލަނޑުން -- ފޮޓޯ: އޭޕީ

މި ނަތީޖާއާއެކު ޗެލްސީން ލީގު ތާވަލުގެ ދެވަނައިގައި އޮތް ޓޮޓެންހަމްއާ ދެމެދު 7 ޕޮއިންޓަށް ފަރަގު ބޮޑުކުރި އިރު، މިރޭ އާސެނަލްއާ ދެކޮޅަށް ޓޮޓެންހަމް ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެ ނަމަ އަނެއްކާވެސް ލީގު ހޯދުމުގެ ފޯރި އިތުރަށް ގަދަވާނެއެވެ.

comment ކޮމެންޓް