މަސައްކަތު މާހައުލުގައި ދިމާވާ ނުރައްކާތެރި އެކިއެކި ކަންކަމުން ރައްކާތެރިވުމަށް ކޮންމެ ކުންފުންޏެއްގައި ވެސް "ސޭފްޓީ ޕޮލިސީ"އެއް އޮންނަން ޖެހޭ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން ބުނެފި އެވެ.
ކޮންސްޓްރަކްޝަން ދާއިރާގެ ރައްކާތެރިކަމާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަހާސިންތާގައި ވާހަކަ ދައްކަވަމުން ޖަނާ ވިދާޅުވީ ހިތާމަވެރި ހާދިސާތައް ހިނގާ އިރު ރައްކާތެރިވުމުގެ ނިޒާމް ނުހުންނަކަން ފާހަގަކުރެވޭ ކަމަށެވެ.

ރަސްމިއްޔާތެއްގެ ތެރެއިން ޖަނާ ވާހަކަ ދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
"ކޮންމެ ކުންފުންޏެއްގެ ސޭފްޓީ ޕޮލިސީއެއް އޮންނަން ޖެހޭ، ހާދިސާތައް ހިނގާ އިރު ސޭފްޓީ ނިޒާމެއް ނުހުރޭ. މިއީ އަމިއްލަ ފަރުވާ ކުޑަކަމުންކަން ގަބޫލުކުރަން ޖެހޭ،" ޖަނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރުން ފެށިގެން ސޭފްޓީ ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށް މަސައްކަތްތެރިން ހޭލުންތެރިކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
މަސައްކަތު މާހައުލުގައި އެކަށޭނަ ރައްކާތެރިކަން ނެތުމުގެ ސަބަބުން ރާއްޖޭގައި ދޭތެރެ ދޭތެރެއިން ބޮޑެތި ހާދިސާތައް ހިންގައި ބައެއް ފަހަރު މީހުންގެ ފުރާނަ ގެއްލޭ ހިސާބަށް ކަންކަން ހިނގާފައި އެބަހުއްޓެވެ.