އިމާރާތްކުރުމުގެ ތެރެއިން އަނިޔާވި މީހުންގެ އަދަދަށް 4 އަހަރުތެރޭ 65 ޕަސެންޓްގެ އިތުރުވުމެއް

މަސައްކަތްތެރިއެއް: އިމާރާތްކުރުމުގެ ތެރެއިން އަނިޔާވި މީހުންގެ އަދަދަށް 4 އަހަރުތެރޭ 65 ޕަސެންޓްގެ އިތުރުވުމެއް ވަނީ ދައްކާފައި --- ސަން ފޮޓޯ

މާލެ ސަރަހައްދުގައި އިމާރާތްކުރުމުގެ ތެރެއިން އަނިޔާވި މީހުންގެ އަދަދަށް ހަތަރު އަހަރު ތެރޭ 65 ޕަސެންޓުގެ އިތުރުވުމެއް އައިސްފައިވާ ކަމަށް، ސަރުކާރުގެ ދެ ހޮސްޕިޓަލެއްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި މައުލޫމާތުތައް ހާމަވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ފޮނުއްވި ސިޓީއެއްގެ ޖަވާބުގައި އެ ހޮސްޕިޓަލްތަކުން ހިއްސާކޮށްފައިވާ މައުލޫމާތުތަކުންނެވެ.

މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް، ކުޑޫއަށް ފޮނުއްވި ސިޓީން އެނގޭ ގޮތުގައި، މިދިޔަ ހަތަރު އަހަރު ތެރޭގައި އިމާރާތްކުރުމުގައި އަނިޔާވި މީހުން ވަނީ އިތުރުވެފައެވެ.

އެގޮތުން، 2022އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އެފަދަ ހާދިސާތަކުގައި ޖުމުލަ 458 މީހުން ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗުން ފަރުވާ ހޯދިއެވެ. މި އަދަދުތައް އަހަރުން އަހަރަށް ގިނަވަމުން އަންނަކަން ވެސް ހިސާބުތަކުން އެނގެއެވެ.

މެންބަރު ކުޑޫ މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

އެ ތަފާސްހިސާބުތަކަށް ބަލާއިރު، 2022އިން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް، އިމާރާތްކުރުމުގެ ސައިޓުތަކުގެ ހާދިސާތަކުގައި އަނިޔާވެގެން އައިޖީއެމްއެޗުން އެންމެ ގިނައިން ފަރުވާ ހޯދީ 2024ގައެވެ. އަދި، ހުޅުމާލެ ހޮސްޕިޓަލުން އެ ފަރުވާ އެންމެ ގިނައިން ހޯދާފައި ވަނީ، މިދިޔަ އަހަރެވެ.

މިދިޔަ ހަތަރު އަހަރު އެ ހޮސްޕިޓަލްތަކުން ފަރުވާ ހޯދި މީހުންގެ ތަފުސީލަށް ބަލާއިރު:

  • 2022ގައި 90 މީހުން
  • 2023ގައި 87 މީހުން
  • 2024ގައި އެ ފަރުވާ ހޯދީ، 132 މީހުން
  • މިދިޔަ އަހަރު އިމާރަތްކުރުމުގައި އަނިޔާވެގެން 149 މީހުން ފަރުވާ ހޯދި

މިދިޔަ ހަތަރު އަހަރު އިމާރާތްކުރުމުގެ ތެރެއިން އަނިޔާވި މީހުން އިތުރުވިއިރު، ސަލާމާތީ މިންގަނޑުތަކަށް ނުބަލާ އިމާރާތްކުރުމުގެ މައްސަލަ ވަރަށް ބޮޑެވެ.

އެގޮތުން، މިދިޔަ ހޮނިހިރު ދުވަހު މަޖީދީ މަގުގައި ހަދަމުން ދިޔަ އިމާރާތަކުން ދެ މީހަކު ވެއްޓި، ފަރުވާ ދޭން ޖެހުނެވެ. އޭގެތެރެއިން، އެކަކު ދޫކޮށްލާފައިވާއިރު، ދެވަނަ މީހާއަށް އަދިވެސް އަންނަނީ ފަރުވާދެމުންނެވެ.

https://sun.mv/223978

އެ މައްސަލައިގައި އިހުމާލުވި މީހުން ހޯދައި، މާލެ ސިޓީ ކައުންސިލުން ވަނީ އެ މީހުން 5،000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މާލެ ސަރަހައްދުގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ސަލާމަތީ މިންގަނޑުތަކަށް އަމަލުނުކުރުމުގެ ސަބަބުން، މަސައްކަތްތެރިންނަށް ލިބޭ އަނިޔާތައް ވަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައެވެ. ދައުލަތުގެ މައި ދެ ހޮސްޕިޓަލް ކަމަށްވާ އައިޖީއެމްއެޗް އަދި ހުޅުމާލެ ހޮސްޕިޓަލުގެ ތަފާސްހިސާބުތަކުން ހާމަވާގޮތުގައި، 2022 ވަނަ އަހަރާއި ފާއިތުވި އަހަރާ ދެމެދު މިފަދަ ހާދިސާތަކުގައި ޖުމުލަ 458 މީހަކަށް ވަނީ ފަރުވާދީފައެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ހާމަކޮށްފައިވާ ރަސްމީ މައުލޫމާތެކެވެ. މި މައްސަލައިގެ ސީރިއަސްކަން އިތުރުވެފައިވާއިރު، އިމާރާތްކުރާ ސައިޓުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒުކުރެވެމުން ނުދާކަން ވަނީ ފާހަގަކުރެވިފައެވެ. ދާދި ފަހުން މަޖީދީ މަގުގައި ހަދަމުންދިޔަ އިމާރާތަކުން މީހުން ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއާ ގުޅިގެން، އިހުމާލުވި ފަރާތްތައް މާލެ ސިޓީ ކައުންސިލުން ވަނީ ޖޫރިމަނާކޮށްފައެވެ. އެހެންނަމަވެސް، މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކަމާބެހޭ މުއައްސަސާތަކުގެ ދައުރު މިހާރަށްވުރެ ފުޅާކޮށް، ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާކުރުން މުހިންމެވެ.

  • ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އިމާރާތްކުރުމުގެ ސިނާއަތުގައި އަނިޔާވި މީހުންގެ އަދަދު 65 އިންސައްތަ ވަނީ އިތުރުވެފައި.
  • 2022 އިން ފެށިގެން މިހާތަނަށް ޖުމުލަ 458 މީހަކަށް ހޮސްޕިޓަލުތަކުން ވަނީ ފަރުވާދީފައި.
  • އަހަރުން އަހަރަށް ހާދިސާތައް އިތުރުވަމުންދާ މައިގަނޑު ސަބަބަކީ މަސައްކަތުގެ މާހައުލުގައި ސަލާމަތީ މިންގަނޑުތަކަށް އަމަލުނުކުރުން.
  • މަޖީދީ މަގުގައި ހިނގި ހާދިސާއާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ އިހުމާލުވި ފަރާތް 5000 ރުފިޔާއިން ޖޫރިމަނާކޮށްފައި.
  • ސަލާމަތީ ގަވާއިދުތައް ތަންފީޒުކުރުން ހަރުދަނާކޮށް، މަސައްކަތްކުރާ ތަންތަން ބެލެހެއްޓުން އިތުރުކުރުމަކީ މިވަގުތަށް ނުހަނު ބޭނުންތެރި ކަމެއް.
comment ކޮމެންޓް