މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ތަރީންނަކީ ވެސް ރީތިކަމަށް ވަރަށް ބޮޑަށް އިސްކަންދޭ ބައެކެވެ. އެގޮތުން ދިވެހި ފިލްމު އިންޑަސްޓްރީއަށް ބަލައިލާ އިރު ވެސް މި ދާއިރާގައި އުޅޭ ހުރިހާ ތަރިންވެސް ރީތިވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރެވެ އެވެ.
ހަޕްލާއެއް ނުވަތަ ޝޯއަކަށް އެ ތަރިން ދާނަމަ މާ ކުރިޔާލައި ޑިޒައިނަރުންނަށް ހެދުން ފަހަން ހަވާލުކޮށް، ރީތި ވުމަށް ސެލޫންތަކުން ނުވަތަ މޭކަޕް އާޓިސްޓުން ކައިރިން އެޕޮއިންމެންޓް ހައްދަ އެވެ. އަދި އާދައިގެމަތީން ބޭރަށް ނުކުމެ އުޅޭ އިރު ވެސް އެ ތަރިން ތިބެނީ ވަރަށް ރީއްޗަށް ނަލަހެދިލައިފަ އެވެ. އެހެންކަމުން ރާއްޖޭގެ ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ތަރީންނަށް އެންމެ ކަމުދަނީ ކޮން ކޮން ބްރޭންޑްތަކެއްގެ މޭކަޕް ސާމާނެއްތޯ ބަލައިލާނަމެވެ.
ފިލްމު ކުޅޭ ބައެއް ތަރީން ވަނީ އެމީހުންނަށް ކަމުދާ ބްރޭންތަކާއި ޑިޒައިނަރުންނާއި އަދި މޭކަޕް ކޮށްދޭ އާޓިސްޓުންގެ މައުލޫމާތު ސަންއާ ހިއްސާކޮށްފަ އެވެ.
މަރިޔަމް އައްޒަ (އައްޒަ)
މިހާރު ފިލްމީ ދާއިރާގައި އެންމެ ބާރަށް ފިޔަޖަހަމުން އަންނަ އެއް ތަރިއަކީ މަރިޔަމް އައްޒަ އެވެ. އައްޒަ ބުނާގޮތުން އޭނާ އަށް ވަކި ހާއްސަ ބްރޭންޑްތަކެއް ނުހުރެ އެވެ. އޭނާ ބުނަނީ، މިހާތަނަށް އެކިއެކި ބްރޭންޑްތައް ބޭނުން ކުރަމުން އަންނަ ކަމަށެވެ. އަދި ބޭރަށް ނުކުންނަ ކޮންމެ ފަހަރަކު ވެސް ނުކުންނަނީ ފުދޭވަތަކަށް ރީތިވެގެން ކަމަށް އައްޒަ ބުންޏެވެ.
"އައްޒަ ހަމަ ބޭރަށް ނުކުންނަ އިރު ހަމަ ރީތި ވަން. މާލެ ދާން ވިޔަސް، ދަރިފުޅު ގޮވައިގެން ވިޔަސް އައްޒަ އަމިއްލަ އަށް ވެސް ރީތިވަން. ދެން އިވެންޓްތަކަށް ދަންޏާ ރީތި ކުރާނީ ކޮންމެސް މޭކަޕް ކުރާ މީހެއް،" ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ވިލިމާލޭގެ ރަށްވެއްސެއް ކަމަށްވާ އައްޒަ ބުންޏެެވެ.
"އައްޒަ އަކީ އެހާ ބްރޭންޑެޑް މީހެއް ނޫން. ހަމަ އެކި ފަހަރު އެކި ބްރޭންޑްތައް ބޭނުން ކުރަނީ. ވަކި ހާއްސަ ބްރޭންޑެއްގެ ލިޕްސްޓިކް އެއްވެސް ނުހުންނާނެ. ތަފާތު ވައްތަރުގެ އެއްޗިސް ގެންގުޅެނީ،" އައްޒަ ބުންޏެވެ.
އައްޒަ ބުނީ، ހަޕްލާ އަަކަށް ނުވަތަ ޝޯއަކަށް ދާނަމަ އޭނަގެ މޭކަޕް މިހާރު ގިނައިން ކޮށްދޭނީ ކުރީގެ ފިރިމީހާ އިސްމައިލް ޖުމައިހް (ޖުމާ) އާއި ސްޓައިލޯ ސެލޫންގެ މޭކަޕް އާޓިސްޓެއް ކަމަށްވާ ޝްރެއާ ކަމަށެވެ.
އައިމިނަތު ރިޝްފާ (ރިޝް)
"ދޭށެ މިބުނާ ލޯބި" ލަވައިން ފިލްމީ ދާއިރާގެ ދޮރުހުޅުވައިލި އައިމިނަތު ރިޝްފާ އަކީ ދިވެހި ފިލްމީ އިންޑަސްޓްރީގައި ހުރި އެންމެ ރީތި އެއް ބަތަލާ އެވެ. ފެސްޓިވަލަކަށް ނުވަތަ އެވޯޑް ހަފްލާ އަކަށް ދާއިރު ވެސް ރިޝްފާ ފެންނާނީ ވަރަށް ވެސް ރީތި ކޮށެވެ. އާންމުކޮށް ބޭރުގައި އުޅޭ އިރު ވެސް ރިޝްފާ ފެންނާނީ ކޮންމެ ވެސް ވަރަކަށް މޭކަޕް ކޮށްފައި ހުއްޓަ އެވެ.
ރިޝްޕާ ބުނީ، އެކި ފަހަރު ބޭނުން ކުރަނީ އެކި ބްރޭންޑްގެ ތަފާތު މޭކަޕް ސާމާނު ކަމަށެވެ. އޭގެ ތެރޭގައި ކަލަރ ބަރ، މެކް، މޭބްލައިން، ބޮބި ބްރައުން، ލެންކޮމް، ސެޕޯރާ ފަދަ ބްރޭންތައް ވަރަށް ގިނައިން ބޭނުން ކުރާ ކަމަށް ރިޝްފާ ބުންޏެވެ. މިއީ ރާއްޖޭގައި ވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ބްރޭންޑް ތަކެވެ.
"އަސްލު ރިޝް މޭކަޕް ކުރާ އެއްޗިސް ގަންނަނީ ރާއްޖެއިން ބޭރުން. އެކި ފަހަރު އެކު އެއްޗިސް ބޭނުން ކުރަނީ، ލިޕްސްޓިކް ވެސް، ފައުންޑޭޝަން ވެސް އެކިފަހަރު އެކި ބްރޭންޑްތައް ބޭނުން ކުރަނީ،" ޑްރާމާ ތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދާފައިވާ ރިޝްފާ ބުންޏެވެ.
ރިޝްފާ ބުނީ، އިވެންޓްކަށް ދާއިރު މިހާރު އޭނާގެ މޭކަޕް ގިނައިން ކޮށްދެނީ، ހުސައިން އަނީސް (ޖަސްޓިން) ކަމަށެވެ. ޖަސްޓން އަކީ ގިނަ ބަޔަކަށް މޭކަޕް ކޮށްދޭ ހުނަރުވެރިއެކެވެ. ރިޝްފާ ބުނީ، ބައެއް ފަހަރު ޖުމައިހް ވެސް އޭނާގެ މޭކަޕް ކޮށްދޭ ކަމަށެވެ.
"އަސްލު އެ ދެމީހުން ގެއަށް އައިސްގެން މޭކަޕް ކޮށްދޭތީ ވަރަށް ފަސޭހަ. ވަަރަށް ހިތްހަމަޖެހޭ މޭކަޕް ކޮށްދޭ ގޮތާ މެދު. ދެން އެމީހުން ބަލާނެ މޭކަޕް ކުރާ އިރު ވަރަށް ގިނަ ކަންކަމަށް،" ރިޝްފާ ކިޔައިދިނެވެ.
އައިޝަތު ރިޝްމީ (ރިޝްމީ)
ފިލްމު އެވޯޑްތަކުއާއި މުހިއްމު އިވެންޓްތަކުގައި ކުޅަދާނަ ބަޠަލާ އައިޝަތު ރިޝްމީ ފެންނާނީ ވަރަށް ފުރިހަމަ މޭކަޕަކާ އެކު އެވެ. ލައިގެން ހުންނަ ހެދުމަކާއި ގުޅޭ ރީތި މޭކަޕްތަކުން ރިޝްމީ އަބަދުވެސް ފެނެ އެވެ.
"ރިޝްމީ އަސްލު މިހެން އުޅޭ އިރު ވަރަށް މޭކަޕް ނުކުރަން. ގެންގުޅެނީ ތުންފަތާ ގުޅޭ ލިޕްބާމް. ދެން އަނދުން އަޅަން ރިޝްމީ އަބަދުވެސް. އިވެންޓް އަކަށް ނޫނީ ހަފްލާއަކަށް ދަންޏާ ރިޝްމީ ދަނީ ސެލޫންތަކަށް ވެސް،" ރިޝްމީ ބުންޏެވެ.
ރިޝްމީ ބުނީ، މިހާރު ގިނައިން އޭނާގެ ހެދުން ފަރުމާ ކޮށްފައި ހުންނާނީ މަޝްހޫރު ފެހުންތެރިޔާ ރިއްފަތު ކަމަށެވެ. އަދި އޭނާގެ މޭކަޕް ކޮށްދެނީ ރައުފާ ކަމަށެވެ. ރިޝްމީ ބުނީ، ރައުފާގެ މޭކަޕާ ދޭތެރޭ ވަރަށް ހިތްހަަމަޖެހޭ ކަމަށެވެ.
"މިހާރު ގިނައިން ހަމަ ރައު މޭކަޕް ކުރާނީ. ވަރަށް ހިތްހަމަ ޖެހޭ އޭނަ މޭކަޕް ކޮށްދޭ ގޮތާ ދޭތެރޭ. އެންމެ ފަހުން ވިޝްކާގެ ޕްރިމިއަގައި ވެސް ފެންނާނީ އޭނަގެ މޭކަޕް،" ރިޝްމީ ބުންޏެވެ.
ފާޠިމަތު އާޒީފާ (އަޒޫ)
ގިނަ ފިލްމުތަކަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދައި، މިދިޔަ އަހަރު ބޭއްވި ގައުމީ ފިލްމު އެވޯޑްގައި އެންމެ މޮޅު ސަޕޯޓިން އެކްޓަރެސްގެ އެވޯޑް ހާސިލްކުރި، ބަތަލާ ފާތިމަތު އާޒީފާ (އަޒޫ) ވެސް ފެސްޓިވަލް ތަކުން ފެންނަނީ ވަރަށް ހިތްގައިމު މޭކަޕްތަކާ އެކު އެވެ.
އަޒޫ ބުނަނީ، އޭނާގެ ގިނައިން މޭކަޕް ކުރަނީ ރާއްޖޭގެ މަޝްހޫރު ސްޓައިލޯ ސެލޫންގެ ޝްރެއާ ކަމަށެވެ. އޭނާ ބުނީ، އެ ތަނުންކުރާ މޭކަޕާ ދޭތެރޭ ވަރަށް ހިތްހަމަޖެހޭ ކަމަށެވެ.
"އެތަނުން ކޮށްދޭ މާކަޕަށް ވަރަށް ހިތް ހަމަޖެހޭ. ހާއްސަކޮށް ލައިގެން ހުންނަ ހެދުމަކާ ގުޅޭ ގޮތަށް އެމީހުން މޭކަޕް ކޮށްދީފައި، އިސްތަށި ގަނޑުވެސް ހަދާދޭނެ،" ވީޑިއޯ ލަވަތަކުން ވެސް ފެންނަ އަޒޫ ބުންޏެވެ.
އަޒޫ ބުނީ، އާންމުކޮށް އަމިއްލައަށް މޭކަޕް ކުރާއިރު ބޭނުން ކުރަނީ އެކި ބްރޭންތަކުުގެ މޭކަޕް ކަމަށެވެ. އެގޮތުން، ލޯރިއަލް، ބިބި ބްރައުން، ނޭކެޑް، މެކް، ހުދާ ބިއުޓީ އަދި ބެވަލީ ހިލްސް ފަދަ ބްރޭންތައް އެއީ އަޒޫއަށް ވަރަށް ކަމުދާ ބްރޭންޑްތައް ކަމަށް އޭނާ ބުންޏެވެ.
ކޮންމެ މީހަކީ ވެސް ރީތިވުމަށް އިސްކަން ދީގެން އުޅޭނެ މީހެކެވެ. ހާއްސަކޮށް ފިލްމީ ދާއިރާ އަދި މިނޫންވެސް މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންނަކީ، އެފަރާތްތަކުގެ ރީތިކަން ދެމެހެއްޓުމަށް ތަފާތު މަސައްކަތްތައް ކުރާބައެކެވެ.