ޓީސީ އަތުން ބަލިވާކަށް ބޭނުމެއް ނޫން، ޕޮއިންޓަކުންވެސް ފުދޭ: ސާންތި

އީގަލްސްގެ ކޯޗު އިހްސާން އަބްދުލް ޤަނީ - ޕްރެސްކޮންފަރެންސެއްަގއި ވާހަކަ ދައްކަނީ--ފޮޓޯ: މުހައްމަދު އަފްރާހް

ކްލަބު އީގަލްސް މިވަގުތުއޮތީ ޓީސީއަށްވުރެ ހާލު ދެރަކޮށްކަމަށާއި ކުރިއަށް ހުރި މެޗުތަކުގައި ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ނޫނީ ހާސިލް ކުރާން ބޭނުންވާ ޓާގެޓަށް ވާސިލް ނުވާނެ ކަމަށް އީގަލްސްގެ ތަޖުރިބާކާރު ކޯޗް އިހްސާން އަބްދުލްޣަނީ (ސާންތި) ބުނެފިއެވެ.

އީގަލްސް އަދި ޓީސީ ބައްދަލުކުރާ މެޗާ ގުޅޭގޮތުން މިއަދު ހެނދުނު އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސާންތި ބުނީ އީގަލްސް މިވަގުތު އޮތީ ޓީސީއަށް ވުރެ ހާލު ދެރަކޮށް ކަމަށާއި ނަމަވެސް އީގަލްސްއަށް އަދިވެސް ފުރުޞަތު އެބައޮތް ކަމަށެވެ. އަދި ޓީސީއާ އީގަލްސްއަކީ އަބަދުވެސް ވަރަށް ވާދަވެރި ދެޓީމު ކަމަށާއި މެޗު ފަސޭހަ ނުވާނެ ކަމަށެވެ.

" މަދުވެގެން ޕޮއިންޓެއް ހޯދޭތޯ ބަލާނަން. ޓީސީ މެޗަކީ ފަސޭހަ މެޗަކަށްނުވާނެ. ބަލާނީ ބަލިނުވެ ސަލަމަތްވެތޯ،" ސާންތި ބުންޏެވެ.

އީގަލްސްއަށް ރަނަގަޅު ނަތީޖާތަކެއް ހޯދައިދިން ކޯޗު ބުނީ އެ ޓީމަށް އަބަދުވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ލިބޭ ފުރުޞަތު ތަކުގެ ބޭނުން ނުހިފުން ކަމަށެވެ. ހާއްސަ ގޮތެއްގައި ގޯލް ޖަހާނެ ކުޅުންތެރިއަކު ނެތުމަކީ މެޗުތަކުގައި ލިބޭ ބޮޑު ނުތަނަވަސްކަމެއް ކަމަށެވެ. ނަމަވެސް އެކަންކަމަކީ ރަނގަޅު ކުރެވޭނެ ކަންކަން ކަމަށާއި އުންމީދަކީ އެކަންކަން ރަނގަޅުވުން ކަމަށެވެ.

ޒުވާން ކުޅުންތެރީންތަކެއް ގޮވައިގެން މިދިޔަ އަހަރު ޕްރެޒިޑެންޓް ކަޕް އީގަލްސް އަށް ހޯދައިދިން ކޯޗް ބުނީ މާދަމާގެ މެޗުގައި އަނެއްކާވެސް ޒުވާން، ތަޖުރިބާ މަދު ކުޅުންތެރިއަކަށް ފުރުސަތު ދިނުމަށް ނިންމާފައިވާކަމަށެވެ. އަދި ބުނީ ބޭރު ކުޅުންތެރިއަކު އީގަލްސްގައި ނެތުމަކީ ގޮންޖެހުމެއްކަމަށާއި ނަމަވެސް މަސައްކަތް ކުރަނީ ޓީމުގެ ހުރިހާ ޑިޕާޓްމަންޓެއްވެސް ވަރުގަދަ ކުރެވޭތޯ ކަމަށެވެ.

ޓީސީއާ ދެކޮޅަށް އީގަލްސް ނުކުންނައިރު އެޓީމު ވަނީ ގްރީން ސްޓްރީޓް އަތުން މިދިޔަ ހަފްތާގައި ބަލިވެފައެވެ. އަދި މިވަގުތު އެޓީމް އޮތީ ލީގު ތާވަލްގެ ފަސްވަނަ މަގާމުގައެވެ.

comment ކޮމެންޓް