އައްޑޫ ސިޓީގެ ތިން ރަށެއްގައި އިތުރު ކުޅިވަރު ވަސީލަތްތައް ގާއިމް ކުރަން ނިންމައިފި

ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ފުޓްސަލް ދަނޑުތައް --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ޔޫތު މިނިސްޓްރީގެ ބަޖެޓުން 1.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން އައްޑޫ ސިޓީގެ ތިން ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގާއިމު ކުރުމަށް ދެ ކުންފުންޏަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

އައްޑޫ ސިޓީގެ ތިން ރަށެއްގައި ކުޅިވަރު ވަސީލަތްތައް ގައިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެސިޓީގެ ހިތަދޫގައި އެޅުމަށް ހަމަޖެހިފައިވާ ކުޅިވަރު ކޯޓްތައް އެޅުމަށް ހާވަލުކޮށްފައި ވަނީ ވެލްމަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ އެވެ. ހުޅުދޫ އާއި މީދޫ ކޯޓްތައް އެޅުމަށް ހަވާލް ކުރީ ނޫރައްދީން އިންވެސްޓްމަންޓާ އެވެ.

އެ އެއްބަސްވުމުގެ ދަށުން ހިތަދޫގައި ބަށި ކޯޓަކާއި، ނެޓްބޯޅަ ކޯޓަކާއި، ވޮލީ ކޯޓެއް އެޅުމަށް ނިންމާފައިވާ އިރު ހުޅުދޫ އަދި މީދޫގައި ވޮލީ ކޯޓަކާއި ނެޓްބޯޅަ ކޯޓަކާއި ބަށި ކޯޓެއް އެޅުމަށް ޔޫތު މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

ކޮންޓްރެކްޓަރުންނާ މަސައްކަތް ހަވާލުކުރުމަށް ފަހު ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވީ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ ފުޓްސެލް ދަނޑުތަކާއި ކޯޓްތަކުގެ މަސައްކަތް މިހާރު ވެސް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ ކަަމަށާއި އަދި އެ މަސައްކަތުގެ ދަށުން މިހާރު ވެސް ބައެއް ރަށްރަށުގައި ފުޓްސަލް ދަނޑުއަޅާ ނިމިފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަދުވި އެއްބަސްވުމުގެ ދަށުން މި އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން މަސައްކަތް އެއްކޮށް ނިންމަން ޖެހޭނެ ކަމަށާއި އައްޑޫ ސިޓީގައި ކުރިއަށްދާ މަޝްރުއުތައް މަޑުޖެހެން ބޭނުންް ނުވާ ކަމަށެވެ. އަދި ވިދާޅުވީ އެ ސިޓީގައި ކުރިއަށްދާ މަސައްކަތް ވަރަށް ރަނގަޅަށް ޔޫތު މިނިސްޓްރީން މޮނީޓާ ކުރާނެކަމަށާއި އަމާޒަކީ ވީހާ ވެސް އަވަހަކަށް މަސައްކަތް ނިންމާ ޒުވާނުންނަށް އެ ދަނޑުތައް ބޭނުން ކުރެވޭ ގޮތް ވުން ކަމަށެވެ.

މިނިސްޓަރު އިރްތިޝާމް އިތުރަށް ވިދާޅުވީ ޔޫތު މިނިސްޓްރީގެ ބަޖެޓުން އެއް އަތޮޅަކަށް އެންމެ ގިނައިން ހަރަދުކޮށްފައިވާ އަތޮޅަކީ އައްޑޫ ކަމަށާއި އެ މިނިސްޓްރީން އައްޑޫ ސިޓީަގައި ކުރިއަށްގެންދާ ތަފާތު މަޝްރުއުތަކަށް 65 މިލިއަނަށް ވުރެ ގިނަ ރުފިޔާ މިހާތަނަށް ހަރަދުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް