އެންމެ ފަހުގެ ސެމްސަންގް ފޯނުތައް ދިރާގުން ދައްކާލައިފި، އަންނަ މަހު ފަހެއްގައި ބާޒާރަށް

ސެމްސަންގުން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޔޮންމިންގ ޝިން އާއި ދިރާގުގެ ޗީފް މާކެޓިން އޮފިސަރ އިޒަބެލް ހަޖްރީ، ގެލެކްސީ އެސް8 އަދި އެސް8 ޕްލަސް ފޯނު ދައްކާލަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ދުނިޔޭގެ އެތައް މިލިއަން ބައެއްގެ މަގުބޫލުކަން ހޯދާފައިވާ، މޯބައިލް ފޯން ބްރޭންޑް، ސެމްސަންގްގެ އެންމެ ފަހުގެ ގެލެކްސީ ފޯނުތައް އަންނަ މޭ މަހުގެ ފަސް ވަނަ ދުވަ ދިރާގުގެ ކަސްޓަމަރުންނަށް ލިބޭނޭ ކަމަށް އެކުންފުނިން ބުނެފި އެވެ.

ސެމްސަންގުން މިއަހަރު ނެރޭ އެކުންފުނީގެ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސް އާގުޅޭ މައުލޫމާތު ހިއްސާކުރުމަށް ދިރާގު ހެޑްއޮފީހުގައި މިއަދު ވަނީ ހާއްސަ ހަފްލާއެއް ބާވައިފަ އެވެ.

މިއަދުގެ އެ ހަފްލާގައި، ސެމްސަންގުން ރާއްޖެއާއި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަ އެ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު ޔޮންމިންގް ޝިން އާއި ދިރާގުގެ ޗީފް މާކެޓިން އޮފިސާ އިޒަބެލް ހަޖްރީ ވަނީ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސް ފޯނު ދައްކާލައިފަ އެވެ.

ޔޮންމިންގް ޝިން ވިދާޅުވީ، ސެމްސަންގް އިން އަލަށް ނެރޭ މޮބައިލް ފޯނަކީ، ސްމާޓް ފޯންގެ ދުނިޔެއަށް އިންގިލާބެއް ގެނުވާނޭ މޮބައިލް ޑިވައިސްއެއް ކަމަށާއި، އަދި ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ޚިދުމަތް ދޭ ކުންފުންޏާ ގުޅިގެން ދިވެހީންނަށް މި ފޯނު ގެނެސްދެވޭ ކަމަށްޓަކައި ސެމްސަން އިން ވަރަށް އުފާކުރާ ކަމަށެވެ.

ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ފީޗާތަކާ ގުޅޭ ގޮތުން، އެ ކުންފުނީގެ ސްރީ ލަންކާ ބްރާންޗުގެ ހެޑް އޮފް މޯބައިލް ބިޒްނަސް ނިޖެލް މާކް އެޑަމްސް ވިދާޅުވީ، އެ ކުންފުނީގެ އާ ޕްރޮޑަކްޓަކީ ސަލާމަތީ ގޮތުން ވެސް ހުރިހާކަމެއް ވަރަށް ބޮޑަށް ފުރިހަމަކޮށްފައިވާ ފޯނެއް ކަމަށެވެ. އަދި މި ފޯނަށް ދިރާގު މެދުވެރިކޮށް ޕްރީ އޯޑާ ކޮށްފައިވާ ފަރާތްތަކަށް އީވޯ ޕްލަސް 64 ޖީބީގެ ކާޑެއް ވެސް ހިލޭ ލިބޭނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސެމްސަންގްގެ އެހެން ފޯނުތަކާ އަޅާކިޔާ އިރު މި ފޯނުގެ ސްކްރީން ބޮޑެވެ. އަދި ހޯމް ބަޓަން ވެސް މި ފޯނުގައި ވަނީ "ފޮރުވައިފަ"އެވެ.

ހޯމް ބަޓަން އާންމުކޮށް ހުންނަ ތަނުގައި، ސްކްރީންގެ އަޑިން ވަނީ ޕްރެޝާ ސެންސިޓިވް ޕެނަލެއް ލާފައިވެ އެވެ. އަދި ފޯނުގެ ފިންގަޕްރިންޓް ރީޑަރު ހުންނަނީ ފޯނުގެ ފަހަތުގައި، ކެމެރާއާ ޖެހިގެންނެވެ. މި ފިންގަޕްރިންޓް ރީޑަރު އެތަނުގައި ގާއިމުކޮށްފައި ވަނީ، ފޯނު ހިފަހައްޓައިގެން ހުންނަ އިރު އަތުގެ ޝަހާދަތް އިނގިލި ސްކޭން ކުރާ ގޮތަށެވެ. މީގެ އިތުރުން ސެކުއިރިޓީ ފީޗާއެއްގެ ގޮތުގައި ލޮލުގެ ކަޅިވެސް ސްކޭން ކުރެވެ އެވެ.

ގެލެކްސީ އެސް8ގައި ހުންނަނީ ލޯ-ލައިޓް އިސްލާހުކޮށްފައިވާ 12 މެގަޕިކްސެލްގެ ޑުއަލް ޕިކްސެލް ކެމެރާއަކާއި، ކުރިމަތީގައި ސްމާޓް އޮޓޯފޯކަސްއަކާ އެކު އަށް މެގަޕިކްސެލްގެ ފްރަންޓް ކެމެރާއެކެވެ.

އެސް8 ފޯނު "މިޑްނައިޓް ބްލެކް" އަދި "މޭޕަލް ގޯލްޑް" ކުލައިން ލިބޭ އިރު، އެސް8 ޕްލަސް ހުންނާނީ އެ ދެ ކުލައިގެ އިތުރުން "ކޮރަލް ބްލޫ" ކުލައިންނެވެ.

ދިރާގުން ބުނީ ފޯނު ލޯންޗުކުރާ ތާރީޚަށް ފޯނު ސެކިއޯކޮށް ބެހެއްޓުމަށްޓަކައި އެޑްވާންސް ޕޭމެންޓެއް ހެދޭނެ ކަމަށެވެ.

ދިރާގުން ބުނީ، ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްއަށް ދިރާގު މެދުވެރިކޮށް ޕްރީ ރެޖިސްޓްރީ ކުރުމަށް 21 އޭޕްރީލްގައި ހުޅުވާލި ފުރުސަތު މިރޭ 12:00އަށް ހަމަވާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ރެޖިސްޓްރީވެފައި ވާ ފަރާތްތަކަށް އަންނަ މަހުގެ ފަސް ވަނަ ދުވަހު، ފޯނު ލިބޭނެކަމަށެވެ.

ސެމްސަންގް ގެލެކްސީ އެސް8 ފޯނު ދިރާގުން ވިއްކާނީ 13،499 ރުފިޔާއަށެވެ. އަދި އެސް8 ޕްލަސް ފޯނު ދިރާގުން ވިއްކާނީ 15،499 ރުފިޔާއަށެވެ.

މީގެ އިތުރުން ދިރާގުން އެ ދެ ފޯނު އިންސްޓޯލްމެންޓަށް ވެސް ދޫކުރާ ޕްލޭނުތައް ވަނީ ވެބްސައިޓުގައި އާންމުކޮށްފަ އެވެ.

comment ކޮމެންޓް