އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕާ ދިމާކޮށް، ފީފާގެ އައު ފުޓްބޯޅަ ވީޑިއޯ ގޭމެއް ނެޓްފްލިކްސް ގޭމްސް މެދުވެރިކޮށް ނެރެން ނިންމައިފިއެވެ.
ނެޓްފްލިކްސް އިން ބުދަ ދުވަހު އިއުލާނުކުރި ގޮތުގައި، މުޅިން އައު ގޮތަކަށް ފަރުމާކޮށްގެން ނެރޭ މި ގޭމް ލިބޭނީ ހަމައެކަނި ނެޓްފްލިކްސް ގޭމްސް އިންނެވެ. މި ގޭމް ޑިވެލޮޕްކޮށް ޕަބްލިޝް ކުރާނީ "ޑެލްފައި އިންޓަރެކްޓިވް" އިން ކަމަށް ނެޓްފްލިކްސް އިން ވަނީ ބުނެފައެވެ.
މި ގޭމާ ބެހޭ މާ ބޮޑު ތަފުސީލެއް ފީފާއާއި ނެޓްފްލިކްސްއިން ހާމަނުކުރި ނަމަވެސް، ނެޓްފްލިކްސްގެ ސަބްސްކްރައިބަރުންނަށް މި ގޭމް އެކަނިވެސް، ރައްޓެހިންނާއެކު އޮންލައިންކޮށް ވެސް ކުޅެވޭނެ ކަމަށް ވަނީ ބުނެފައެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އާއި މަޝްހޫރު ވީޑިއޯ ގޭމް ކުންފުނި އިލެކްޓްރޯނިކް އާޓްސް (އީއޭ) އާ ދެމެދު އޮތް 30 އަހަރުވީ ގުޅުން 2022 ވަނަ އަހަރު ވަނީ ނިމުމަކަށް އައިސްފައެވެ. އޭގެ ފަހުން އީއޭ އިން ފުޓްބޯޅަ ގޭމްތައް ނެރެމުން އަންނަނީ 'އީއޭ ސްޕޯޓްސް އެފްސީ'ގެ ނަމުގައެވެ.
އެ ދުވަސްވަރު ފީފާއިން ވަނީ އެ އިދާރާގެ ރަސްމީ ލައިސަންސް އޮންނަ އަމިއްލަ ގޭމެއް އުފައްދާނެ ކަމަށް ބުނެފައެވެ. އެހެންކަމުން، ނެޓްފްލިކްސް އިން ނެރޭ މި މޮބައިލް ގޭމް ވާނީ 'ފީފާ 23' އަށްފަހު ފީފާގެ ނަން ބޭނުންކޮށްގެން ނެރޭ ފުރަތަމަ ފުޓްބޯޅަ ގޭމަށެވެ.
މި ގޭމް ޚާއްސަކޮށްފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި 2026 ވަނަ އަހަރުގެ ޖޫން މަހު ބާއްވާ ވޯލްޑް ކަޕަށެވެ. ގޭމް ނެރޭނީވެސް އެ މުބާރާތާ ދިމާކޮށެވެ. ނެޓްފްލިކްސް އިން ބުނީ މި ގޭމް މެދުވެރިކޮށް ވޯލްޑް ކަޕްގެ ފޯރިއާއި ޖަޒުބާތު ކުޅުންތެރިންނަށް ތަޖުރިބާ ކުރެވޭނެ ކަމަށެވެ.
ނެޓްފްލިކްސް ސަބްސްކްރައިބަރުންނަށް މޮބައިލް ފޯނުތަކާއި ވަކި ޚާއްސަ ޓީވީތަކެއްގައި މި ގޭމް ހިލޭ ކުޅެވޭނެއެވެ. މިއީ ކޮންސޯލް ގޭމްތަކާ ޚިލާފަށް، ކުޅެން ފަސޭހަވާނެހެން 'ޓަޗް ކޮންޓްރޯލްސް' ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ގޭމެއް ކަމަށް ބެލެވެއެވެ.
ނެޓްފްލިކްސް ގޭމްސްގެ ރައީސް އެލެއިން ޓަސްކަން ވިދާޅުވީ ބޭނުންވަނީ ފުޓްބޯޅައިގެ އަސްލާ ހަމައަށް ގޮސް، ފަސޭހައިން ކޮންމެ މީހަކަށްވެސް ކުޅެވޭނެ ގޭމެއް ގެނެސްދިނުން ކަމަށެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ މިއީ "ޑިޖިޓަލް ފުޓްބޯޅައިގެ އައު ޒަމާނެއްގެ ފެށުން" ކަމަށާއި، ނެޓްފްލިކްސް އާއި ޑެލްފައި އާއެކު ވެވުނު މި އެއްބަސްވުމަކީ ފީފާއިން ގެންގުޅޭ އިނޮވޭޝަން ސިޔާސަތުގެ މުހިންމު ބޮޅެއް ކަމަށެވެ.
މި ގޭމްގެ އެއްވެސް މަންޒަރެއް ނުވަތަ ސްކްރީންޝޮޓެއް ނެޓްފްލިކްސް އިން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް 2026 ވަނަ އަހަރު ގޭމާ ބެހޭ އިތުރު ތަފްސީލު ހާމަކުރާނެ ކަމަށް ވަނީ ބުނެފައެވެ.