ސެމްސަންގް ގެލެކްސީ އެސް8: ހޯމް ބަޓަން ގެއްލި، ސްކްރީންވެސް ބޮޑު!

ސެމްސަންގް ގެލެކްސީ އެސް8

ސެމްސަންގުން އުފެއްދި އެންމެ ފަހުގެ ފޯނު، ސެމްސަންގް ގެލެކްސީ އެސް8 އަދި ގެލެކްސީ އެސް8 ޕްލަސް މިއަދު ދައްކާލައިފިއެވެ.

ސެމްސަންގް ގެލެކްސީ އެސް8 އަކީ ސެމްސަންގު ގެލެކްސީ ނޯޓު 7 ގެ "ކާރިސާ"ގެ ފަހުން އެކުންފުނިން ލޯންޗުކުރާ ފުރަތަމަ ޕްރޮޑަކްޓެވެ.

ގެލެކްސީ ނޯޓުގެ ނާކާމިޔާބީއަށް ފަހު، ސެމްސަންގަށް ވަނީ އެކުންފުނި ވެއްޓިފައި އޮތް ވަޅުގަނޑުން އަރައިގަނެވޭނެ ޕްރޮޑަކްޓަކަށް ބޭނުންވެފައެވެ.

މިއަދު އެމެރިކާގެ ނިއުޔޯކުގައި ތައާރަފުކުރި ސެމްސަންގް ގެލެކްސީ އެސް8އަކީ ގިނަ ސްމާޓްފޯންތަކާ އަޅާ ބަލާއިރު ތުނި އަދި ދިގު ފޯނެކެވެ. މި ފޯނުގެ ޑިސްޕްލޭ އަދި ސްކްރީން، އެހެނިހެން ފޯނުތަކާ އަޅަ ބަލާއިރު ބޮޑެވެ.

ސެމްސަންގް ގެލްކްސީ އެސް7 (ވ) އަދި މިއަދު ތައާރަފުކުރި އެސް8 (ކ)

މިއަދު ދައްކާލި ގެލެކްސީ އެސް8 ގެ ދެ ސައިޒެއް ހުރެއެވެ. އެސް8 ގައި 5.8 އިންޗި ޑިސްޕްލޭއެއް ހުންނަ އިރު، ދެވަނަ ފޯނު، އެސް8 ޕްލަސްގައި ހުންނަނީ 6.2 އިންޗީގެ ޑިސްޕްލޭއެކެވެ.

ސެމްސަންގްގެ އެހެން ފޯނުތަކާ އަޅާކިޔާ އިރު މި ފޯނުގެ ސްކްރީން ބޮޑެވެ. އަދި ހޯމް ބަޓަންވެސް މި ފޯނުގައި ވަނީ "ފޮރުވައިފަ"އެވެ.

ހޯމް ބަޓަން އާންމުކޮށް ހުންނަ ތަނުގައި، ސްކްރީންގެ އަޑިން ވަނީ ޕްރެޝާ ސެންސިޓިވް ޕެނަލެއް ލާފައިވެއެވެ. އަދި ފޯނުގެ ފިންގަޕްރިންޓް ރީޑަރު ހުންނަނީ ފޯނުގެ ފަހަތުގައި، ކެމެރާއާ ޖެހިގެންނެވެ. މި ފިންގަޕްރިންޓް ރީޑަރު އެތަނުގައި ގާއިމުކޮށްފައި ވަނީ، ފޯނު ހިފަހައްޓައިގެން ހުންނަ އިރު އަތުގެ ޝަހާދަތް އިނގިލި ސްކޭން ކުރާ ގޮތަށެވެ. މީގެ އިތުރުން ސެކުއިރިޓީ ފީޗާއެއްގެ ގޮތުގައި ލޮލުގެ ކަޅިވެސް ސްކޭން ކުރެވެއެވެ.

ގެލެކްސީ އެސް8ގައި ހުންނަނީ ލޯ-ލައިޓް އިސްލާހުކޮށްފައިވާ 12 މެގަޕިކްސެލްގެ ޑުއަލް ޕިކްސެލް ކެމެރާއަކާއި، ކުރިމަތީގައި ސްމާޓް އޮޓޯފޯކަސްއަކާ އެކު އަށް މެގަޕިކްސެލްގެ ފްރަންޓް ކެމެރާއެކެވެ.

ސެމްސަންގް ގެލެކްސީ އެސް8

މީގެ އިތުރުން، ފޯނުގެ ސްޕީޑު ރަނގަޅުކުރުމަށް ފުރަތަމަ ފަހަރަށް 10އެންއެމް ޗިޕެއްވެސް ބޭނުންކޮށްފައިވަނީ ގެލެކްސީ އެސް8ގައެވެ. މި ފޯނުގައި ހަ ޖީބީގެ ރެމްއަކާއި 64 ޖީބީގެ އިން ބިލްޓް ސްޓޯރޭޖް ހިމެނޭ އިރު، މައިކްރޯ އެސްޑީ ކާޑާ އެކު 256 ޖީބީއަށް ސްޓޯރޭޖްވެސް އިތުރުކުރެވެއެވެ.

ސެމްސަންގް ގެލެކްސީ އެސް8 އިނގިރޭސި ވިލާތާއި ޔޫރަޕުގައި ލޯންޗުކޮށް ބާޒާރަށް ނެރޭނީ އަންނަ އޭޕްރިލް މަހުގެ ފަހުކޮޅުއެވެ. އެސް8ގެ އަގަކީ 689 ޕައުންޑެވެ. އަދި އެސް8 ޕްލަސްގެ އަގަކީ 779 ޕައުންޑެވެ.

comment ކޮމެންޓް