ޒައިދުގެ ޝަރީއަތް ސިއްރުކޮށްފި

22 ފެބްރުއަރީ 2017: ޒައިދު ކޯޓަށް ހާޒިރު ކުރުމަށް މާލެ ގެނައުން --- ސަން ފައިލް ފޮޓޯ/ އިހްތިޝާމް މުހައްމަދު

ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މާލޭ ސިޓީގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު ޒައިދުލް އަމީންގެ ޝަރީއަތް ސިއްރުކޮށްފި އެވެ.

މިއަދު ހެނދުނު 11:00 އަށް ކުރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވާ ޝަރީއަތް ސިއްރުކޮށްފައި ވަނީ ކީއްވެގެންކަން އެނގިފައެއް ނުވެ އެވެ.

ޒައިދުގެ ޝަރީއަތްތައް މިއަދު ފަށާއިރު، އޭނާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ.

އޭނާގެ މައްޗަށް އުފުލާފައި ވަނީ، ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި ގާނޫނީ ބާރު ހިންގުމަށް ދަތިކުރަން އުޅުމުގެ ދައުވާ އެވެ.

ޒައިދުގެ މައްޗަށް ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަ ކުރަން އުޅުމުގެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 232 ވަނަ މާއްދާގެ ދަށުންނެވެ. އަދި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އުފުލާފައި ވަނީ 233 ވަނަ މާއްދާގެ ދަށުންނެވެ. އަދި ގާނޫނީ ބާރު ހިންގުމަށް ދަތިކުރުމުގެ ދައުވާ އުފުލާފައި ވަނީ ގާނޫނުލް އުގޫބާތުގެ 533 ވަނަަ މާއްދާގެ ދަށުންނެވެ.

އެ ތިން ދައުވާ ޒައިދުގެ މައްޗަށް ސާބިތު ވެއްޖެ ނަމަ ދެވޭނެ އެންމެ ބޮޑު އަދަބަކީ ތިން އަހަރަށް ޖަލަށް ލުމެވެ. އަދި އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ބަލާއިރު ކޮންމެ ދައުވާއެއް ސާބިތުވިޔަސް ހަތަރު މަހާ 24 ދުވަހަށް ޖަލަށް ލެވޭނެ އެވެ.

ޒައިދު ހައްޔަރުކޮށްފައި ވަނީ، މިއަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ. އޭނާގެ ބަންދުގެ މުއްދަތު ނުވަ ފަހަރު ވަނީ އިތުރުކޮށްފަ އެވެ.

ޒައިދުގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ ދައުލަތުގެ އިސްވެރިންތަކެއްގެ މަސައްކަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރުމާއި މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހޯދައި ހާމަކުރުމުގެ ތުހުމަތެވެ.

ޒައިދު މިހާރު ހުރީ ގޭ ބަންދުގަ އެވެ.

comment ކޮމެންޓް