ޔާމީންގެ މަރުގެ ތަހުގީގަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ޔާމީން ރަޝީދު

މަރާލާފައި އޮއްވައި ފެނުނު މަޝްހޫރު ބްލޮގަރު އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމިން ރަޝީދުގެ މަރުގެ ތަހުގީގަށް އާންމުގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެ އެވެ.

ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ، ޔާމީނަށް ދިން ހަމަލައާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގިފައި އޮތް ނަމަ، އެކަން ވީ އެންމެ އަވަހަކަށް ފުލުހުންނަށް އެންގުމަށެވެ.

އެގޮތުން ފުލުހުން ބުނީ ޔާމީންގެ ގާތިލުން ހޯދުމުގައި އާއްމުންގެ ފަރާތުން ލިބޭ މައުލޫމާތުތައް ބޭނުން ކުރާނެ ކަމަށެވެ. ޔާމީންގެ މަރާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ގުޅާނީ 3322111 ނުވަތަ 3322112 ނަންބަރު ފޯނަށެވެ.

ފުލުހުން ބުނީ ސާބިތު ނުހިފޭ ދޮގު މައުލޫމާތުގެ ސަބަބުން ތަހުގީގަށް ހުރަސް އެޅިދާނެތީ ސޯޝަލް މީޑިއާ އާއި އެހެން މީޑިއާތަކުން ވެސް އެ ފަދަ މައުލޫމާތު ނުފެތުރުމަށް އެދޭ ކަމަށެވެ.

ޔާމީން މަރާލި މައްސަލާގައި އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ނުލިބެ އެވެ.

comment ކޮމެންޓް