ގަނާކުރުން ހުއްޓުވުމަށް ޕޮލިސީއެއް އެކުލަވާލައި މިހާރު ދަނީ އަމަލުކުރަމުން: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވާހަކަފުޅު ދައްކަވަނީ--- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރަކަށް އައިސް ރާއްޖޭގެ ސްކޫލްތަކުގައި އެންމެ ބޮޑު މައްސަލަ އަކަށް ވެފައިވާ ބުލީކުރުން ނުވަތަ ގަނާކުރުމުގެ މައްސަލަ ހައްލު ކުރުމަށް ވަކި ޕޮލިސީއެއް ކަނޑައަޅައި، ސްކޫލް ތަކަށް ފޮނުވިގެން އެއަށް މިހާރު އަމަލު ކުރެވެމުން ދާކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓަރީން މިއަދުު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުދީންގެ ރައްކާތެރި ކަމަކީ ސްކޫލް މާހައުލުގައި ކޮންމެހެން ވެސް އޮންނަން ޖެހޭ ކަންކަން ކަމާއި އެ ކަމަށް މަަސައްކަތް ތަކެއް ކުރިވިގެންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލް މާހަައުލުގައި ކުދިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ޕޮލިސީއެއް އެކުލަވާލައި ސްކޫލްތަކާއެކު މަޝްވަރާކޮށް ތަމްރީނުތަކެއް ވެސް ހަދަމުން އަންނަ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ސްކޫލްތަކުގައި ކުދިން އެކަހެރި ކުރުމާއި ސަސްޕެންޑު ކުރުމާއި އެބައިތައް އަޅުގަނޑުމެން ހުއްޓުވާލާފައި އޭގެ ބަދަލުގައި މިހާރު ކުދިންގެ ފަރާތުން އެއްވެސް ކަހަލަ ކަމެއް ފެނިއްޖެއްޔާ އެކަން ރަނގަޅު ކުރުމުގެ މަސައްކަތްތަކެއް ސްކޫލްތެރެއިން ކުރެވިގެން ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު ކަނޑައެޅިފައިވާ އުސޫލުތަކުގެ އިތުރުން ސްކޫލްތެރެއިން ކުއްޖަކަށް ގަނާކުުރާ މައްސަލައެއް ބެލެނިވެރިންގެ ފަރާތުން ވިޔަސް ނުވަތަ މުޖުތަމައުގެ ތެރެއިން ވިޔަސް ސްކޫލްގެ އިސްވެރިންނާ ހަމައަށް ގޮސްފިނަމަ އެ މައްސަލައެއް ބަލާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ. އަދި އެފަދަ މައްސަލަތައް ބެލުމަށް އެޑިއުކޭޝަންގައި ވަކި ސެެކްޝަންތަކެއް އެކުލަވާލެވިފައިވާ ކަމަށާއި، އެގޮތުން ހުށަހެޅޭ މައްސަލަތައް ބަލާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ގަނާކުރުން ހުއްޓުވުމަށް ވަކި ޕޮލިސީއެއް ކަނޑައަޅައި އަމަލު ކުރަން ފަށާފައިވާއިރު، މީގެ ކުޑަ ދުވަސް ކޮޅެއް ކުރިންވެސް ވަނީ މާލޭގެ ސްކޫލެއްގައި ގަނާކޮށްގެން ކުއްޖަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރި މައްސަލައެއް ފެންމަތިވެފައެވެ.

comment ކޮމެންޓް