ޕީއެފްއޭއިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ކަންޓޭއަށް

ޕީއެފްއޭ އިން ހޮވާ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު، ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭއަށް -- ސަން ފޮޓޯ: އޭޕީ

ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ކޮންމެ އަހަރުކުވެސް ހޮވާ އިނގިރޭސި ލީގުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު، ވޭތުވެދިޔަ ސީޒަނުގައި މޮޅުކުޅުމެއްދެއްކި ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކަންޓޭ ހޯދައިފިއެވެ.

ވޭތުވެ ދިޔަ އަހަަރު ލެސްޓާ ސިޓީއަށް ޕްރިމިއާލީގު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރުމަށް ފަހު މި ސީޒަނުގައި ޗެލްސީއާ ގުޅުނު ކުޅަދާނަ މިޑްފިލްޑަރު އެ މަގާމް ހޯދީ ވޭތުވެދިޔަ ސީޒަނުގައިވެސް އަދި މި ސިޒަނުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޗެލްސީގެ އެޑަން ހެޒާޑް، މެންޗެސްޓާ ޔުނައިޓެޑްގެ ޒްލަޓަން އިބްރޮހަމަވިޗް އަދި އާސެނަލްގެ އެލެކްސިސް ސަންޗޭޒް ފަދަ މޮޅެތި ކުޅުންތެރިން ފަހަތަށް ޖައްސާލުމަށްފަހުގައެވެ.

މިހާތަނަށް ޕްރިމިއާ ލީގުގައި 31 މެޗުކުޅެފައިވާ، 26 އަހަރުގެ ކަންޓޭ އެވޯޑާ ހަވާލުވުމަށްފަހު ބުނީ އޭނާއަށް މިވަރުގެ އެވޯޑެއް ލިބުނީތީ އެކަމާ އުފާ ކުރާކަމަށާއި މި ކާމިޔާބީ ހިއްސާ ކުރާނީ އޭނާ ކުޅޭ ކުލަބަށްކަމަށެވެ.

" ވަރަށް ބޮޑު ފަހުރެއްމިއީ ކުޅުންތެރީންގެ ވޯޓުން މިފަދަ މަގާމެއް ލިބުމަކީ. މިދިޔަ ދެ ސީޒަންވެސް ދިޔައީ ވަރަށް ހިތްގައިމުކޮށް އަދި އުންމީދަކީ މި ސީޒަންވެސް އެފަދަ ގޮތަކަށް ނިމިގެންދިޔުން،" ޕްރިމިއާ ލީގުގައި މިހާތަނަށް އެއް ގޯލް ކާމިޔާބުކޮށްފައިވާ މިޑްފިލްޑަރު ބުންޏެވެ.

ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ދޭ އެވޯޑްގައި އެންމެ ޒުވާން ކުޅުންތެރިޔާގެ އެވޯޑް ލިބުނީ ޓޮޓެންހާމްގެ ޒުވާން ކުޅުންތެރިއާ ޑެލޭ އަލީއަށެވެ. އުމުރުން 21 އަހަރުގެ އަލީ މިހާތަނަށް ކުޅެފައިވާ މެޗުތަކުގައި އޭނާވަނީ ޓޮޓެންހަމް އަށް 8 ގޯލް ކާމިޔާބުކޮށްދީފައެވެ.

އެ އެވޯޑް ލިބުމަށްފަހު އަލީ ބުނީ އެކުގައި ކުޅޭ ކުޅުންތެރިންގެ ވޯޓުން އެ މަގާމް ލިބުނީތީ އުފާ ކުރާކަމަށާއި އަދި މިހާރުގެ ވިސްނުން ހުރީ މި ސީޒަނުގައި ޓޮޓެންހަމްއަށް ލީގު ހޯދައި ދިނުމަށްކަމަށެވެ.

ރޭ ކުރިއަށްދިޔަ މި އެވޯޑްނައިޓްގައި، އިނގިރޭސިވިލާތުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިއާ ޑެވިޑް ބެކަމްއަށް ވަނީ ހައްސަ ޝަަރަފެއް އަރުވާފައެވެ. މި ޝަރަފް އޭނާއަށް އަރުވާފައިވަނީ އޭނާ އިނގިރޭސި ލީގުގައި ކުޅުނު ދުވަސްވަރު ހޯދާފައިވާ ކާމިޔާބީތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.

ބެކަމްގެ ފުޓްބޯޅަ ކެރިއަރުގައި އޭނާ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނުއިރު އޭނާވަނީ އެޓީމަށް 85 ގޯލް ކާމިޔާބުކޮށްދީ ހަ ފަހަރު ޕްރިމިއާލީގު ހޯދާފައެވެ. މި އެވޯޑް ހޯދުމަށް ފަހު 41 އަހަރުގެ ބެކަމް ބުނީ އޭނާ އެންމެ މަތީ ފަންތީގައި 22 އަހަރުވަންދެން ފުޓްބޯޅަ ކުޅުނުއިރު ދުވަހަކުވެސް އެއީ އަދާ ކުރާ ވަޒީފާއެއްގެ ގޮތުގައި ނުދެކޭ ކަމަށާއި އަބަދުވެސް ފުޓްބޯޅަ ކުޅުނީ ކުރާ ހިތުން ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ.

ރޭ ލަންޑަން ގައި ކުރިއަށް ދިޔަ މި އެވޯޑް ހަފްލާގައި އިނގިރޭސި އަންހެން ޓީމުގެ ކުރީގެ ކެޕްޓަން ކޭލީ ސްމިތަށްވަނީ ސްޕެޝަލް އެޗީީވްމެންޓް އެވޯޑް ދީފައެވެ. މި އެވޯޑް ލިބުމުން އުމުރުން 38 އަހަރުގައި ފުޓްބޯޅައިން ރިޓަޔާ ކުރި ކެލީ ސްމިތް ބުނީ އޭނާ ކުޑަ ކުއްޖެއްގޮތަށް ފުޓްބޯޅަ ކުޅެން ފެށިއިރު މިވަރުގެ ކާމިޔާބީއެއް ލިބިދާނެ ކަމަށް ދުވަހަކުވެސް ހީނުކުރާ ކަމަށެވެ.

ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ހޮވި މިފަހަރުގެ އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ އެވޯޑް ލިބުނީ މެންޗެސްޓާރ ސިޓީގެ ކުޅުންތެރިއާ ލޫސީ ބްރޯންޒަށެވެ. މިޢީ އޭނާ މިއެވޯޑް ހޯދި ދެވަަނަ ފަހަރެވެ. އަދި އެންމެ މޮޅު ޒުވާން އަންހެން ކުޅުންތެރިއަކަށް ހޮވުނީ ޖެސީ ކާޓާއެވެ.

comment ކޮމެންޓް