ޞަޙާބިއްޔާތުންގެ ނަމޫނާ–5

ހުކުރު މިސްކިތުގެ ތާރީހީ މުންނާރު: އިސްލާމީ ހަޒާރަތާއި ދިވެހިވަންތަކަމުގެ ރީތި ގުޅުވުމެއް ---

(17 އޭޕްރިލްގެ އަދަދާ ގުޅޭ)

ޚުލުޤުފުޅުހެޔޮކަން

ޢަބްދުﷲބުނުއް ޒުބައިރު ރަޟިޔަﷲ ޢަންހު އާއި ޙައްޖާޖުބިން ޔޫސުފާ ދެމެދު ހަނގުރާމަ ހިނގިއިރު ޢަބްދުﷲބުނުއް ޒުބައިރު ރަޟިޔަﷲ ޢަންހުގެ މައިކަނބަލުން އައްސައްޔިދާ އަސްމާއު ބިންތި އަބީބަކުރު ރަޟިޔަﷲ ޢަންހާ އުޅުއްވީ އާލާސްކަންފުޅާއެވެ. އިބްނު ޒުބައިރު މައިކަނބަލުންގެ ޙާލުކޮޅު ދެކެވަޑައިގަތުމަށްޓަކައި ވަޑައިގެން ވާހަކަދައްކަވަމުން ވިދާޅުވިއެވެ. މަންމައަށް މިހާރު ފަސޭހަފުޅުތޯއެވެ. އަސްމާ ވިދާޅުވިއެވެ. މަންމަ މިޙާލުގައި އޮތުމަށްވުރެ މާތްﷲގެ ރަޙްމަތަށް ދަތުރުކުރުން ދަރިފުޅު އެދެނީކަމުގައި ވެދާނެއެވެ. އެކަމަކު ދަރިފުޅާމެދު ދެގޮތުންކުރެ އެއްގޮތެއް ނުވަނީހެއް މަރުވާކަށެއް މަންމަ ނޭދެމެވެ. އެދެގޮތަކީ އެހެންނާ ދަރިފުޅު ޝަހީދުވެ މަންމަ ދަރިފުޅާމެދު ކެތްކުރުމެވެ. އެހެންނާ ދަރިފުޅަށް ނަޞްރާއި ކާމިޔާބީ ލިބި މަންމަގެ ލޮލަށް ފިނިކަން ލިބުމެވެ.

ޢަބްދުﷲ ބުނުއް ޒުބައިރު ޝަހީދުވުމުން ޙައްޖާޖު އެކަލޭގެފާނުގެ ހަށިކޮޅު ދަންޖައްސާ ފިލާގަނޑަށް އެރުވިއެވެ. އޭރު އަސްމާގެ ޢުމުރުފުޅުވަނީ ސަތޭކަ އަހަރާ ގާތްވެފައެވެ. އެކަމަނާގެ މުސްކުޅިފުޅުކަމާއި ވަރުފުޅު ދެރަކަމާއެކުވެސް އެހިތާމަވެރި މަންޒަރު ބައްލަވަން ވަޑައިގެންނެވިއެވެ. އޭރު ޙައްޖާޖުވެސް އެތާނގައި ހުއްޓެވެ. އަސްމާ ހިތާމަފުޅު ކުރައްވައި ކީރިތިކުރެއްވުމުގެ ބަދަލުގައި ނުހަނު ސާބިތުކަމާއެކު ޙައްޖާޖާ މުޚާޠަބު ކުރައްވައި ވިދާޅުވިއެވެ. "އޭ ޙައްޖާޖެވެ. މިސަވާރު އަސްމަތީން ފޭބުމުގެ ވަގުތު އަދިވެސް ނާންނަނީ ހެއްޔެވެ؟"

ހިތްވަރުފުޅު ގަދަކަން

އިތުރުސާހިބާގެ ޒަމާނުގައި ހިނގައިދިޔަ ހަނގުރާމާތަކުގައި ޞަޙާބީން ހިތްވަރާއި ފަންވަރު ދެއްކެވި ފަދައިން ޞަޙާބިއްޔާތުންވެސް ވަނީ ޙައިރާންވާފަދަ ކެރިވަޑައިގަތުމާއި ސާބިތުކަމުގެ ނަމޫނާ ދައްކަވައިފައެވެ. ވަރަށްގިނަ ޣަޒުވާތަކެއްގައި ޞަޙާބިއްޔާތުން ވަނީ އިސްލާމީ ލަޝްކަރަށް ބޯފެން އުފުއްލަވައި ދެއްވައި ޒަޚަމްވާ މީހުންނަށް ފަރުވާކުރެއްވުމުގެ ޚިދުމަތް ދެއްވައިފައެވެ. މައިދާނުން ތީރުތައް އެއްކުރައްވައި މުޖާހިދުންނަށް ގެންގޮސްދެއްވައިފައެވެ.

ޞަޙާބިއްޔާތުން ޢަމަލީގޮތުން ހަނގުރާމައިގައި ބައިވެރިވެޑައިގަންނަވަނީ އިސްލާމީ މުޖާހިދުންނަށް ކުރިމަތިވާ އެންމެ ނާޒުކު ޙާލަތުތަކުގައެވެ. މިގޮތުން އުޙުދު ހަނގުރާމައިގައި އައްސައްޔިދާ ނުސައިބާ ބިންތި ކަޢުބު ކުރެއްވި މަތިވެރި ޖިހާދުގެ ވާހަކަ ވަނީ އިސްވެ ގޮސްފައެވެ. އައްސައްޔިދާ ނުސައިބާ ވަނީ މުރުތައްދުވީ މީހުންނާ ދެކޮޅަށް ކުރެވުނު ހަނގުރާމަތަކުގެ ތެރެއިން ޔަމަމާގެ މައިދާނުގައިވެސް އެކަމަނާގެ ކަނޑިކޮޅުގެ ފެންވަރު ދައްކަވައިފައެވެ. ހަމައެފަދައިން އައްސައްޔިދާ ޚައުލާބިންތި އަޒްވަރު ރަޟިޔަﷲ ޢަންހާވެސް ވަނީ މުސްލިމުން ޝާމުކަރައިގައި ކުރި ޖިހާދުގައި އަންތަރީސްވާ ފަދަ ބުޠޫލަތްތެރި ދައުރެއް އަދާކުރައްވައިފައެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޚަންދަޤު ހަނގުރާމައިގެ ދުވަސްވަރު މުސްލިމް އަންހެނުންނާއި ކުޑަކުދީން ރައްކައުތެރި ކުރެއްވުމަށްޓަކައި ކިއްލާއެއްގައި ބައިތިއްބެވިއެވެ. އެހަނގުރާމައިގެ ތެރޭގައި ޔަހޫދީން ޣަދަރުވެރިވެގެން އުޅުނުއިރު ޔަހޫދީންގެ މީހެއް އެކިއްލާގެ ކައިރިއަށް އައިސް ކިއްލާގެ ވަށައިގެން ބުރުޖަހާން ފެށިއެވެ.

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ބޮޑުދައިތާފުޅު އައްސައްޔިދާ ޞަފިއްޔާއަށް އެތަން ފެނިވަޑައިގަތުމުން ކިއްލާގެ ފާރަވެރިޔަކަށް ހުންނެވި ޙައްސާނު ބުނު ޘާބިތު ރަޟިޔަﷲ ޢަންހުގެ އަރިހުގައި ވިދާޅުވިއެވެ. އެހެރަމީހެއްގެ ޙަރަކާތްތައް ހުރިގޮތުން ހީވަނީ އޭނާއަކީ ޖާސޫސެއްހެންނެވެ. ވަޑައިގެން އޭނާ ޤަތުލުކޮށްލައްވާށެވެ. އޭރު ޙައްސާނުގެފާނު އުޅުއްވީ އާލާސްކަންފުޅާއެވެ. އެހެންކަމުން އެކަލޭގެފާނު އެކަމަށް ޢުޛުރުވެރިވެ ވަޑައިގެންނެވިއެވެ.

އައްސައްޔިދާ ޞަފިއްޔާ ރަޟިޔަﷲ ޢަންހާ ހަމަ އެވަގުތު ފޭލިގެއެއްގެ މުޑިޔެއް ލުއްސަވައިލައްވައިގެން ތިރިއަށް ފައިބައިވަޑައިގެން ޔަހޫދީ ކަލޭގެއާ ޙަމަލައިދެއްވައި އޭނާ މަރުއްވައިލެއްވިއެވެ.

ޙުނައިނު ހަނގުރާމައިގައި މުޝްރިކުން އިސްލާމީ ލަޝްކަރަށް ދިން ވަރުގަދަ ކުއްލި ޙަމަލާއަކީ ހަނގުރާމާއިގެ މައިދާންވެސް ތުރުތުރުއަޅައިގެންދިޔަ ޙަމަލާއެކެވެ. އެޙަމަލާގެ ކުރިމަތީގައި ޞަޙާބީންގެ އެތައް ބޭކަލެއްގެ ފައިތިލަފުޅުވެސް މައިދާނުން އުފުރުނެވެ. ނަމަވެސް އެބިރުވެރި ވަގުތުގައިވެސް ޞަޙާބިއްޔާތުންކުރެ އެހަނގުރާމައިގައި ބައިވެރިވެވަޑައިގަތް ބައެއް ބޭކަނބަލުން ސާބިތުވެވަޑައިގެން ތިއްބެވިއެވެ.

މިގޮތުން ހަނގުރާމާއިގެ ނުރައްކާތެރިކަން އެންމެ ބޮޑުވި ވަގުތު އައްސައްޔިދާ އުއްމު ސުލައިމު ޚަންޖަރެއް ހިއްޕަވައިގެން ތައްޔާރަށް ހުންނެވިއެވެ. މުޝްރިކަކު އެކަމަނާ ހުންނެވި ހިސާބަށް އާދޭތޯ ބައްލަވަމުން ގެންދެވިއެވެ. އެކަމަނާގެ ފިރިކަލުން އަބޫ ޠަލްޙަތަށް އެކަމަނާގެ އަތްޕުޅުގައި ޚަންޖަރެއް އޮއްވައި ފެނިވަޑައިގަތުމުން ސުވާލު ކުރެއްވިއެވެ. "ތިޔައީ ކޮންކަމެއްތޯއެވެ؟" އުއްމު ސުލައިމު ޖަވާބުދެއްވިއެވެ. ކާފަރުންގެ މީހަކު ކައިރިއަށް އަތުވެއްޖެނަމަ އެމީހެއްގެ ބަނޑަށް ކޮއްޕައިލުމަށެވެ.

ޢިއްފަތްތެރިކަމާއި ޢިޞްމަތްތެރިކަން

އިސްލާމްދީން މުސްލިމުންނަށް އުނގަންނައިދިން ރީތި ސާފު ދިރިއުޅުމާއި މަތިވެރި އަޚްލާޤުގެ ސަބަބުން ޞަޙާބިއްޔާތުން ހިމެނިވަޑައިގެންފައި ވަނީ ޢިއްފަތްތެރިކަމާއި ޢިޞްމަތްތެރިކަމުގެ ނަމޫނާތަކެއް ކަމުގައެވެ. އެބޭކަނބަލުންގެ ފަރާތްޕުޅުން ބަދްއަޚްލާޤީ ޢަމަލެއް ހިނގުން އެއްކިބާގައި އޮއްވައި ހިލޭ ފިރިހެނެއްގެ ނަޒަރު އެއިން ބޭކަނބަލެއްގެ މައްޗަށް ހުއްޓުމަކީވެސް އެބޭކަނބަލުން އެދިވަޑައިގަންނަވާ ކަމެއް ނޫނެވެ.

ޞަޙާބިއްޔާތުން އެންމެހައި އުރެދުންތަކުން އެއްކިބާވެވަޑައިގެންނެވިއެވެ. އެފަދަ ޢަމަލަކާ ބެހޭ ތުހުމަތެއް އެއިން ބޭކަނބަލެއްގެ އިސްތަށިފުޅުގައި އެޅުނުކަމުގައިވިޔަސް އެކަނބަލުންގެ ބުއްދިފުޅު ފިލައިގެން ދާކަހަލައެވެ. އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ބެހޭގޮތުން އުފެދުނު މަޝްހޫރު އިފްކުގެ ޚަބަރު އެކަމަނާއަށް ލިބިވަޑައިގަތީއްސުރެ ވަރަށް ގަދައަށް ހުންފުޅު އަންނަމުން ދިޔައެވެ. ލޯފުޅުން ކަރުނަފޮދެއް ނުހިކެއެވެ. އެކަމަނާގެ ކުށެއްނެތްކަން ބަޔާންކުރައްވައި ސޫރަތުއް ނޫރުގެ ކުރީކޮޅުގެ އާޔަތްތަކެއް ބާވައިލައްވަންދެންވެސް އެކަމަނާ އުޅުއްވީ އެޙާލުކޮޅުގައެވެ.

ހިތްޕުޅު ހެޔޮކުރެއްވުމާއި މާފުކުރެއްވުން

އިންސާނީ ޢާންމު ފިޠުރަތު ނިޔާކުރާގޮތުން ޞަޙާބިއްޔާއަކު މީހަކާމެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާނެ ގޮތެއް މެދުވެރިވި ކަމުގައިވިޔަސް ވަރަށް އަވަހަށް އެމީހަކަށް މާފުކުރައްވައި ހިތްޕުޅު ހެޔޮކުރައްވައެވެ. އެމީހަކާ ރުހިވަޑައިނުގެން ހުންނެވުނީތީ އެކަމާ ހިތާމަފުޅު ކުރައްވައެވެ.

އުއްމުލް މުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ އެއްފަހަރަކު ޢަބްދުﷲ ބުނުއް ޒުބައިރާ ކޮންމެވެސް ކަމަކާމެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގެންހުންނެވިއެވެ. އެކަމާހުރެ އިބްނު ޒުބައިރާ ވާހަކަ ނުދައްކަވާން ހުވައިކުރެއްވިއެވެ. އިބްނު ޒުބައިރަކީ އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެކެވެ. އެކަމަނާ ދަރިކަލެއްގެ މަޤާމުގައި ގެންގުޅުއްވި ބޭކަލެކެވެ.

އެހެންކަމުން މާގިނަ ދުވަހެއްނުވެ އިބްނުޒުބައިރަށް މާފުދެއްވިއެވެ. އެއަށްފަހު އެޙާދިޘާގެ މަތީން ހަނދުމަފުޅު ވެވަޑައިގަންނަވާއިރަށް ބުރުގާކޮޅު ތެމިފޯވަންދެން ކީރިތިކުރައްވައެވެ.

ތިމާގެފުޅުކަމުގެ ގުޅުން ދެމެހެއްޓެވުން

ގާތްތިމާގެކަމުގެ ގުޅުން ދެމެހެއްޓުމަކީ އިސްލާމްދީން ވަރަށްބޮޑަށް ބާރުއަޅާކަމެކެވެ. އިސްލާމީ ޝަރީޢަތާއިގެން ވަޑައިގެންނެވި މާތްސާހިބާ ވަރަށް ވަރުގަދައަށް ބާރުއަޅުއްވައި އިރްޝާދު ދެއްވައިފައިވާ ކަމެކެވެ.

އެހެންކަމުން ޞަޙާބިއްޔާތުން އެކަމަށް ވަރަށްބޮޑަށް ފަރުވާ ބެހެއްޓެވިއެވެ. ކީރިތިރަސޫލާގެ އަނބިކަނބަލުން އުއްމުލްމުއުމިނީން އައްސައްޔިދާ ޒައިނަބު ބިންތި ޖަޙުޝު ރަޟިޔަﷲ ޢަންހާ އާމެދު އުއްމުލްމުއުމިނީން އައްސައްޔިދާ ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވެފައިވެއެވެ.

"ޒައިބަނަށްވުރެ ދީންވެރި،އެއަށްވުރެ ތަޤްވާވެރި، އެއަށްވުރެ ތެދުވެރި، އެއަށްވުރެ ގާތްތިމާގެފުޅުކަމުގެ ގުޅުން ދަމަހައްޓަވާ އަންހެނަކު އަހަންނަށް ފެނިފައެއް ނުވެއެވެ."

ޞަޙާބިއްޔާތުން ތިމާގެފުޅުކަމުގެ ގުޅުން ބަހައްޓަވަނީ އެބޭކަނބަލުންގެ ގާތްތިމާގެފުޅު ބޭފުޅުންކުރެ ހަމައެކަނި މުސްލިމުންނާ މެދުގައެއް ނޫނެވެ. އަދިކީއްތޯއެވެ. އެބޭކަނބަލުންގެ ގާތްތިމާގެފުޅު ބޭފުޅުންގެ ތެރޭގައި ހިމެނޭ މުޝްރިކުންނާމެދުވެސް ތިމާގެފުޅުކަމުގެ ގާތްކަން ބާއްވަވައެވެ.

އައްސައްޔިދާ އަސްމާ ބިންތި އަބީބަކުރު ރަޟިޔަﷲ ޢަންހާ މަދީނާއަށް ހިޖްރައަށް ވަޑައިގަތުމަށްފަހުވެސް އެކަމަނާގެ މައިކަނބަލުން (އެކަމަނާ އިންނެވީ ކާފަރުކަންމަތީގައެވެ.) މަދީނާއަށް ވަޑައިގެން އެކަމަނާގެ އަރިހުން މާލީ އެހީއަށް އެދިވަޑައިގެން އުޅުއްވިއެވެ. އަސްމާ އެކަމަނާގެ މަންމައަށް އެހީވެދެއްވުމަށްޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ލަފާފުޅު ހޯއްދެވިއެވެ. އިތުރުސާހިބާ އެކަމަށް ހުއްދަދެއްވުމުން މައިކަނބަލުންނަށް އެހީދެއްވަމުން ގެންދެވިއެވެ. އުއްމުލް މުއުމިނީން އައްސައްޔިދާ ޞަފިއްޔާ ރަޟިޔަﷲ ޢަންހާވެސް އެންމެ ފަހުވަގުތާ ހަމައަށްވެސް އެކަމަނާގެ ތިމާގެފުޅު ޔަހޫދީންނާމެދު ގާތްކަން ބެހެއްޓެވިއެވެ. އެކަމަނާގެ ތިމާގެފުޅު މީހަކަށް އެކަމަނާގެ ތަރިކައިގެ ތެރެއިން މިންވަރެއް ލިބޭގޮތަށް ވަޞިއްޔަތްވެސް ކުރެއްވިއެވެ.

ހަދިޔާދެއްވުން

ކައުސާހިބާ ޞައްލަﷲ ޢަލައިހިވަސައްލަމަވަނީ ހަދިޔާދިނުމަކީ ލޯބިއިތުރުވާ ކަމެއްކަމުގައި ޙަދީޘު ކުރައްވައިފައިވެއެވެ. އެހެންކަމުން ޞަޙާބިއްޔާތުން ޢާންމުކޮށް އެއްބޭކަނބަލަކު އަނެއް ބޭކަނބަލަކަށް ހަދިޔާ ފޮނުއްވައި އުޅުއްވިއެވެ.

ނުހަނު ދަތިޙާލުކޮޅުގައި އަތްޕުޅުމަތި ދަތިކޮށް އުޅުއްވާ ޞަޙާބިއްޔާތުންވެސް އެއްބޭކަނބަލަކު އަނެއް ބޭކަނބަލަކަށް ހަދިޔާ ފޮނުއްވުމުގެ މައްޗަށް ވަރަށްބޮޑަށް ފަރުވާތެރިވެވަޑައިގެންނެވިއެވެ. އަންޞާރިއްޔަ ބޭކަނބަލުންގެ ތެރޭގައި އައްސައްޔިދާ ނުސައިބާއެވެ ކިޔުނު ވަރަށް ފަޤީރު ބޭކަނބަލަކު އިންނެވިއެވެ. އެކަމަނާއަކީ އެކަމަނާގެ ފަޤީރުފުޅުކަމުން ޞަދަޤާތުގައި ހިއްޕެވުން ޙަލާލުވާ ބޭކަނބަލެކެވެ. އެހެންކަމާއެކުވެސް އެކަމަނާ މުއުމިނުތަކުންގެ މައިކަނބަލުންގެ އަރިހަށް ހަދިޔާ ފޮނުއްވައި އުޅުއްވިއެވެ.

(ނުނިމޭ)

comment ކޮމެންޓް