ފޯނުގެ ޕިންކޯޑު ދޭން ބުނާ ގާނޫނީ މާއްދާއެއް ނެތަސް ކޯޓު އަމުރަށް ދޭންޖެހޭނެ: ދައުލަތު

ކުރީގެ ކޮމިޝަނަރު އަބްދުﷲ ރިޔާޒު މީޑިއާއަށް މައުލޫމާތު ދެއްވަނީ --- ސަން ފައިލް ފޮޓޯ

ފޯނުގެ ޕިންކޯޑު ދޭން ބުނާ ގާނޫނީ މާއްދާއެއް ނެތަސް ކޯޓު އަމުރުގައި އެހެން ބުނެފައިވާ ނަމަ ޕިންކޯޓު ދޭން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށް ދައުލަތުން ބުނެފި އެވެ.

މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ މިއަދު ބޭއްވި އަޑުއެހުމުގައި ރިޔާޒުގެ ފަރާތުން ވަނީ ދައުލަތާ ގިނަ ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ.

އެގޮތުން ފޯނުގެ ޕިންކޯޑު ދޭން ޖެހޭނެ ކަމަށް ބުނާ ގާނޫނީ މާއްދާއަކީ ކޮބާތޯ ރިޔާޒުގެ ފަރާތުން ދައުލަތާ ސުވާލު ކުރުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ވަކި ގާނޫނެއްގައި ފޯނުގެ ޕިން ކޯޑު ދޭން ޖެހޭނެ ކަމަށް ބުނެފައި ނެތް ނަމަވެސް އެގޮތަށް ބަޔާންކޮށް ކޯޓު އަމުރެއް ނެރުމުން އެއީ ގާނޫނީ ގޮތުން ލިބިދޭ ބާރަކަށް ވާތީ އަމުރަށް ޕިން ކޯޑު ދޭން ޖެހޭނެ ކަމަށް ދައުލަތުން ގަބޫލުކުރާ ކަމަށެވެ.

ރިޔާޒުގެ ފަރާތުން ދައުލަތާ ކުރިމަތި ކުރުވި އަނެއް ސުވާލަކީ ރިޔާޒުގެ މައްޗަށް ނެރުނު ކޯޓު އަމުރުގައި ފޯނުގެ ޕިންކޯޑު ދޭން އެ އިބާރާތުން ބަޔާން ކޮށްފައިވޭތޯ އެވެ. އެ ސުވާލާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ އެ އިބާރާތުން ނެތް ނަމަވެސް ކޯޓު އަމުރުގައި ފޯނުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އަދި ފޯނު ކޯލުގެ ތަފްސީލު ބެލުމަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ހިއްސާ ކުރުމަށް ބަޔާން ކޮށްފައިވާ ކަމަށާއި އެހެންކަމުން އެ އަމުރުގެ ދަށުން ޕިންކޯޑު ދޭން ޖެހޭނެ ކަމަށް ދައުލަތުން ގަބޫލު ކުރާ ކަމަށެވެ.

މީގެކުރިން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ރައީސް މައުމޫނުގެ ސެކެޓްރީ ޖެނެރަލް އަބްދުލް އަލީމްގެ މައްޗަށް ނެރެފައިވާ ކޯޓު އަމުރެއްގައި އެބޭފުޅުންގެ ފޯނުގެ ލޮކް ކޯޑާއި ފިންގަ ޕްރިންޓް ދިނުމަށް ވަނީ އަމުރުކޮށްފަ އެވެ. އެ އަމުރާ ހަވާލާދީ ރިޔާޒުގެ ވަކީލު ވިދާޅުވީ ވަކިން ޕިންކޯޑާއި ފިންގަޕްރިންޓް ދިނުމަށް އަމުރުކޮށް ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވާ ކަމަށާއި ނަމަވެސް އަބްދުﷲ ރިޔާޒުގެ މައްޗަށް ނެރުނު އަމުރުގައި އެފަދައިން ބަޔާން ކޮށްފައި ނުވާ ކަމަށެވެ.

ކޯޓު އަމުރުގައި އެގޮތަށް ބަޔާންކޮށްފައިވާ ނަމަ ޕިން ކޯޑު ދޭނެ ކަމަށް އަބްދުﷲ ރިޔާޒު ވިދާޅުވެފައިވާ ކަމަށާއި ފުލުހުންގެ ގާނޫނީ ޒިންމާއަށް ގަސްތުގައި ހުރަސް ނާޅާ ކަމަށް ވަކީލު ވިދާޅުވި އެވެ.

އޭގެ އިތުރުން ފޯނަކީ މީހާގެ ދިރިއުޅުމުގެ ހުރިހާ ކަމަކާ ގުޅިފައިވާ އެއްޗެއް ކަމަށާއި އެހެންކަމުން ފޯނުގެ ޕިން ކޯޑު ދިނުމާއި ނުދިނުމުގެ ިއިހުތިޔާރު ރިޔާޒު އަށް ލިބެން ޖެހޭނެ ކަމަށް ވަކީލު ވިދާޅުވި އެވެ. އަދި ރިޔާޒުގެ ފަރާތުން ހަނު ހުރުމުގެ ހައްގު ބޭނުން ކުރުމުން ކޯޓު އަމުރު ދައްކައި ޕިންކޯޑު ދޭން އެންގުމަކީ ރިޔާޒުއަށް ގާނޫނުއަސާސީން ލިބިދޭ އެ ހައްގު ނިގުޅައިގަތުން ކަމަށްވެސް ވަކީލު ވިދާޅުވި އެވެ.

ބޭރުގެ ބައެއް ކޯޓުތަކުން ފޯނުގެ ޕިންކޯޑު ދިނުމާ ގުޅޭ ގޮތުން ކޮށްފައިވާ ބައެއް ހުކުމް ތަކަށް ރިއާޔަތް ކުރައްވައި ރިޔާޒުގެ ވަކީލު ވިދާޅުވީ ފޯނުގެ ޕިންކޯޑު ދިނުމަކީ ތިމާ ތިމާއާ ދެކޮޅަށް ހެކިބަސް ދިނުން ކަމަށެވެ.

އަބްދުﷲ ރިޔާޒުގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަަށް ގެންދިޔުމުގައި އަމަލުކޮށްފައި ވަނީ ފުލުހުން އަމަލު ކުރާ އިޖުރާއަތުތަކާ ހިލާފަށް ކަމަށް އޭނާގެ ވަކީލުން ފާހަގަކުރި އެވެ. އެގޮތުން ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނު އިދާރާއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބޭފުޅުންގެ އަތުގައި ބާއްވައިގެން ކަމަށާއި އެއީ ޗެއިން އޮފް ކަސްޓަޑީގައި އަމަލުކުރާ އުސޫލުތަކާ ހިލާފު ކަމެއް ކަމަށް ވަކީލު ވިދާޅުވި އެވެ.

މައްސަލައިގެ ހެކެއްގެ ގޮތުގައި އެ ކޯޓު އަމުރުތައް ރިޔާޒުގެ ފަރާތުން ވަނީ ހުށަހަޅުއްވާފަ އެވެ. ދައުލަތުގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވަނީ ހަތަރު ފުލުހުންނާއި ބައެއް ކިތާބީ ހެއްކެވެ.

އެ މައްސަލައިގެ އިތުރު އަޑުއެހުމެއް މާދަމާ އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

comment ކޮމެންޓް