ވިއެޓްނާމްގެ އަވަށެއްގައި ހަފްތާއެއް ވަންދެން ރަޙީނުކޮށްފައި ތިބި ފުލުހުން މިނިވަންކޮށްފި

ވިއެޓްނާމްގެ ޑޮންގް ޓަމް ކޮމިއުންގެ ރައްޔިތުން ރަހީނު ކުރި ފުލުހުން މިނިވަންކޮށްފައި -- ފޮޓޯ: އީޕީއޭ

ހަނޯއީ (އޭޕްރިލް 23): ވިއެޓްނާމްގެ ޑޮންގް ޓަމް ކޮމިއުން އަވަށުގެ ބިމަކާ ބެހޭ ގޮތުން އެ އަވަށުގެ ރައްޔިތުންނާއި ގައުމުގެ އަސްކަރިއްޔާއާ ދެމެދު އުފެދުނު ދެބަސްވުންތަކާ ގުޅިގެން، އެ ރަށުގެ ރައްޔިތުން ހަފްތާއެއް ވަންދެން ރަހީނުކޮށްގެން ތިބި 19 ފުލުުހަކު މިނިވަންކޮށްފި އެވެ.

އެ 19 މީހުން މިނިވަންކޮށްފައި ވަނީ ޑޮންގް ޓަމް ކޮމިއުންގެ ރައްޔިތުންނާއި ވެރިރަށް ހަނޯއީގެ ޕޮލިސް ޗީފްއާ ދެމެދު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ ދަށުން އަސްކަރިއްޔާ އިން ވަނީ ދެބަސްވުން އުފެދިފައިވާ ބިމާ ބެހޭ މައްސަލަ އިތުރަށް ބެލުމަށާއި ފުލުހުން ރަހީނު ކުރި މައްސަލައާ ގުޅިގެން އަވަށުގެ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު ނޭޅުމަށް އެއްބަސްވެފަ އެވެ.

އެބިމަކީ ވިއެޓްނާމް އަސްކަރިއްޔާއިން ހިންގާ ކުންފުންޏަކުން ބޭނުން ކުރުމަށް 2015 ވަނަ އަހަރު ދީފައިވާ ބިމެކެވެ. ނަމަވެސް އެ އަވަށުގެ ރައްޔިތުން ވަނީ އެ ބިން ނެގުމަށް ފަހު، އެއަށް އެކަށީގެންވާ ވަރުގެ ބަދަލެއް ސަރުކާރުން ނުދޭ ކަމަށް ބުނެ ޝަކުވާކޮށްފަ އެވެ.

އަދި މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު އެއަވަށުގެ ބައެއް ރައްޔިތުންނާއި އަވަށުގެ އޮފިޝަލުންނާއި ފުލުހުން ހިމެނޭ ގޮތަށް 38 މީހަކު ރަހީނުކޮށް، އެސަރަހައްދަށް އިތުރު ފުލުހުން ނުވެއްދުމަށް ޓަކައި އަވަށުގެ މަގުތަކުގައި ބެރިކޭޑު ޖަހައި މަގު ބަންދުކޮށްފަ އެވެ.

އެމީހުން ރަހީނު ކުރި 38 މީހުންގެ ތެރެއިން 19 މީހަކު މިދިޔަ ހަފްތާ ތެރޭގައި ވެސް މިނިވަންކޮށްފައިވެ އެވެ. (ބީބީސީ)

comment ކޮމެންޓް