ކޮރަޕްޝަން މައްސަލަގަނޑެއްގެ ތެރޭގައި، ވިއެޓްނާމްގެ ރައީސް އިސްތިއުފާ ދެއްވައިފި

ވިއެޓްނާމްގައި ހިނގަމުންދާ ކޮރަޕްޝަން މައްސަލަގަނޑެއްގެ ތެރޭގައި، އެ ޤައުމުގެ ރައީސް ނުޔެން ޒުއާން ފުކް މަޤާމުން އިސްތިއުފާ ދެއްވުން -- ފޮޓޯ/ ސީއެންއެން

ވިއެޓްނާމްގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީގައި ހިނގަމުންދާ ކޮރަޕްޝަން މައްސަލަގަނޑެއްގެ ތެރޭގައި، އެ ގައުމުގެ ރައީސް ނުޔެން ޒުއާން ފުކް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އުމުރުން 69 އަހަރުގެ ފުކް ބޮޑު ވަޒީރުކަން ކުރެއްވީ 2016 ވަނަ އަހަރުން ފެށިގެން 2021 ވަނަ އަހަރުގެ އެޕްރީލް މަހާ ހަމައަށެވެ. އޭގެ ފަހުން އޭނާ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވިއެވެ.

ކޮމިއުނިސްޓް ވެރިކަމެއް އޮންނަ ވިއެޓްނާމްގައި ކޮރަޕްޝަަނާ ދެކޮޅަށް ދަނީ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

ބޭރުގެ ރިޕޯޓްތަކުން ބުނާ ގޮތުގައި ކޮމިއުނިސްޓް ޕާޓީގެ އެތައް ސަތޭކަ މެމްބަރުންނާ ގުޅުން ހުރި ކޮރަޕްޝަން މައްސަލަތައް މިހާރު ދަނީ ބަލަމުންނެވެ.

ވިއެޓްނާމް ހިންގަނީ ހަތަރު ބޭފުޅަކު އިސްކޮށް ތިއްބަވައިގެންނެވެ. އެއީ ރައީސާއި ބޮޑު ވަޒީރާއި ނޭޝަނަލް އެސެމެބްލީގެ ޗެއާމަނާއި ކޮމިއުނިސްޓް ޕާޓީގެ ސެކެޓްރީ ޖެނެރަލް ގުޅިގެންނެވެ. އޭގެ ތެރެއިން އެންމެ ނުފޫޒުގަދަ މަގާމަކީ ޕާޓީގެ ސެކެޓްރީ ޖެނެރަލް ކަމެވެ.

ރިޕޯޓްތަކުގައިވާ ގޮތުން އެ ޕާޓީގައި ކޮރަޕްޝަނާ ދެކޮޅު އޮޕަރޭޝަންތައް ފެއްޓެވީ މިހާރު ޕާޓީގެ ސެކެޓްރީ ޖެނެރަަލްގެ މަގާމުގައި ހުންނެވި ނުޔެން ފޫ ޓްރޯންގް އެވެ.

ވިއެޓްނާމްގެ ސަރުކާރުން ބުނި ގޮތުގައި ފުކްގެ ދަށުން މަސައްކަތް ކުރާ އޮފިޝަލުންތަކެއް ވަނީ ގަވާއިދުތަކާ ޚިލާފަށް އަމަލުކޮށްފައެވެ. އަދި އޭގެ ޒިންމާ ނަގަން ޖެހޭނީ ފުކް ކަމަށާއި އެހެންކަމުން އޭނާ އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ކަމަށް ސަރުކާރުން ނެރުނު ބަޔާނެއްގައިވެއެވެ.

އޭގެ ފަހުން ކޮމިއުނިސްޓް ޕާޓީއިން ނެރުނު ބަޔާނެއްގައި ފުކްގެ ލީޑާޝިޕަށް ވަނީ ތައުރީފު ކޮށްފައެވެ. އެހެންނަމަވެސް ސަރުކާރުގެ އޮފިޝަލުން ގަވާއިދާ ހިލާފަށް ހިންގި ކަންކަމަށް ސިޔާސީ ގޮތުން ޒިންމާވާން ޖެހޭނީ އެމަނިކުފާނު ކަމަށް އެ ބަޔާނުގައި ވެސް ވެއެވެ.

ކޮމިއުނިސްޓް ޕާޓީން ބުނާ ގޮތުގައި މިދިޔަ އަހަރު އެކަނިވެސް ކޮރަޕްޝަނާއި "ގަސްދުގައި ގަވާއިދު ހިލާފުވެގެން" ޕާޓީގެ 539 މެމްބަރުންނާ މެދު އިސްލާހީ ފިޔަވަޅު ވަނީ އަޅާފައެވެ. އޭގެ ތެރޭގައި މިނިސްޓަރުންނާއި އިސް އޮފިޝަލުންނާއި ޑިޕްލޮމެޓުން ހިމެނެއެވެ.

އޭގެ އިތުރުން މިދިޔަ އަހަރު ފުލުހުން ވެސް ވަނީ އެ ޕާޓީގެ މެންބަރުންގެ 453 ކޮރަޕްޝަން މައްސަލަ ބަލާފައެވެ. އެއީ 2021 އަށް ވުރެ 50 ޕަސެންޓް އިތުރު އަދަދެކެވެ.

comment ކޮމެންޓް