ވިއެޓްނާމްއަށް އާ ރައީސަކު އައްޔަންކޮށްފި

ވިއެޓްނާމްގެ ކޮމިއުނިސްޓް ޕާޓީން އެގައުމުގެ ރައީސަކަށް ވޯ ވެން ތުއޮންގް، ހަމަޖެއްސުން -- ފައިލް ފޮޓޯ

ވިއެޓްނާމްގެ ގާނޫނު ހަދާ މަޖިލީހުން މިއަދު އެ ގައުމަށް އާ ރައީސަކު އައްޔަންކޮށްފިއެވެ.

ވިއެޓްނާމްގެ ރައީސަކަށް އައްޔަންކޮށްފައި ވަނީ އެގައުމުގެ އެންމެ ބާރުގަދަ ކޮމިޓީ ކަމަށްވާ ޕޮލިޓްބިއުރޯގެ 16 މެމްބަރުންގެ ތެރެއިން އެންމެ ހަގު މެމްބަރު ކަމަށްވާ ވޯ ވެން ތުއޮންގް އެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއިން އޭނާގެ ނަން ހުށަހެޅުމުންނެވެ.

ތުއޮންގް ރައީސް ކަމަށް ހޮވިފައިވަނީ ގާނޫނު ހަދާ މަޖިލީހުގެ 98.38 ޕަސެންޓް ވޯޓުންނެވެ.

ވިއެޓްނާމްއަށް އާ ރައީސަކު އައްޔަންކޮށްފައި ވަނީ އެގައުމުގައި ކޮރަޕްޝަނާ ދެކޮޅަށް ކުރިއަށްގެންދިޔަ ކެމްޕޭނެއްގައި ކުރީގެ ރައީސް ގުޔެން ޒުއާން ފުކްގެ މައްޗަށް ތުހުމަތުތައް ފެންމަތިވެ، މިދިޔަ ޖެނުއަރީ މަހު އޭނާ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފުކްއާއެކު ބޮޑުވަޒީރުގެ ދެ ނައިބުވެސް ވަނީ ކޮރަޕްޝަންގެ މައްސަލަތަކުގައި އިސްތިއުފާ ދެއްވާފައެވެ.

ވޯ ވެން ތުއޮންގް، އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލުކުރައްވަނީ--- ފައިލް ފޮޓޯ

ރައީސް ކަމަށް ހޮވުމާއެކު ވިއެޓްނާމްގެ ދައުލަތުގެ ޓީވީން ދެއްކި ބަޔާނެއްގައި ތުއޮންގް ވިދާޅުވީ އަމިއްލަ ވަޒަނާއި ރައްޔިތުންނާއި ގާނޫނު އަސާސީއަށް ވަފާތެރިވާނެ ކަމަށެވެ. އަދި ޕާޓީއާއި ދައުލަތާއި ރައްޔިތުންގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ތުއޮންގްއަކީ ވިއެޓްނާމްގެ އެންމެ ބާރުގަދަ އޮފިޝަލް ކަމަށްވާ، ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ގުޔެން ފޫ ޓްރޮންގްގެ އަރިސް މީހެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.

ވިއެޓްނާމްގެ ދެކުނުގެ ވިން ލޯންގް ޕްރޮވިންސަށް އުފަން ތުއޮންގް މީގެ ކުރިން ހުންނެވީ އެ ޕާޓީގެ ސެންޓްރަލް ކޮމިޓީގެ ސެކްރެޓަރީގެ މަގާމުގައެވެ. އެ މަގާމަކީ ވިއެޓްނާމްގެ އެންމެ އިސް އެއް މަގާމެވެ.

comment ކޮމެންޓް