ދެ ގައުމުގެ މެދުގައި އޮތް ގުޅުން ވަރުގަދަ ކުރުމުގެ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިންގް ވިއެޓްނާމަށް ވަޑައިގެންފިއެވެ.
އިއްޔެ ޝީ ވިއެޓްނާމަށް ވަޑައިގެންފައިވަނީ ހަ އަހަރަށް ފަހުއެވެ.
ޝީ ވިއެޓްނާމަށް ވަޑައިގެންފައިވާއިރު، މި ދަތުރުފުޅަކީ ޗައިނާގެ ވާދަވެރި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިއެޓްނާމަށް ވަޑައިގެންނެވިތާ ތިން މަސް ފަހުން ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ކޮމިއުނިސްޓް ޕާޓީގެ ޖެނެރަލް ސެކްރެޓަރީ ންގްޔެން ފޫ ޓްރޮންގް އާއި ރައީސް ވޯ ވެން ތޫއޮންގް އަދި ބޮޑުވަޒީރު ފަމް މިން ޗިންއާ ޝީ ބައްދަލު ކުރައްވާނެއެވެ.
ދެ ޤައުމުގެ މުސްތަޤްބަލަށް މުހިންމު ކަންކަމާ ގުޅޭ ގޮތުން ދެ ފަރާތުންވެސް މަޝްވަރާ ކުރައްވާނެ ކަމަށް ޗައިނާގެ ދަޢުލަތުގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ. އަދި ބައިނަލްއަގްވާމީ އަދި ސަރަހައްދީ މައްސަލަތަކާ ގުޅޭ ގޮތުންވެސް ދެ ފަރާތުގެ ލީޑަރުން މަޝްވަރާ ކުރައްވާނެ ކަމަށް ދަޢުލަތުގެ މީޑިއާއިން ވަނީ ހާމަކޮށްފައެވެ.
ވިއެޓްނާމަކީ ދުނިޔޭގެ ބޮޑު ދެ ބާރު ކަމަށްވާ ޗައިނާއާއި އެމެރިކާއާއެކުވެސް ރަނގަޅު ގުޅުމެއް ޤާއިމު ކުރަމުން އަންނަ ޤައުމެކެވެ. ވާދަވެރި ދެކުނު ޗައިނާ ކަނޑުގައި ޗައިނާގެ ބާރު އިތުރުވަމުންދާތީ އެމެރިކާގެ ކަންބޮޑުވުންތައް ވިއެޓްނާމުން ޗައިނާއާ ހިއްސާކުރި ނަމަވެސް، ސިޔާސީ އެއްބައިވަންތަކަމާއި އިޤްޠިޞާދީ ގާތް ގުޅުންތަކެއް ވެސް ދެ ޤައުމުގެ ދެމެދުގައިވެއެވެ.
ނަމަވެސް ދެކުނު ޗައިނާ ކަނޑުގެ މައްސަލައިގައި ދެ ޤައުމުގެ ދެމެދުގައި ވަނީ ކޮންމެވެސްވަރެއްގެ ނުތަނަވަސްކަމެއް އުފެދިފައެވެ.
ފިލިޕީންސް، ވިއެޓްނާމް، އިންޑޮނޭޝިއާ މެލޭޝިއާ އަދި ބްރޫނާއީން ދަޢުވާ ކުރާ ޗައިނާގެ ދެކުނު ކަނޑުގެ މުޅި ސަރަޙައްދަކީ ޗައިނާގެ ބައެއް ކަމަށް ޗައިނާއިން ދަޢުވާކުރެއެވެ. ނަމަވެސް ޗައިނާއިން ކުރާ އެ ދަޢުވާ އަކީ އެއްވެސް އަސާސެއް ނެތް ދަޢުވާއެއް 2016 ވަނަ އަހަރު ހޭގުގައި ބޭއްވި ޕަމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނުން ބުނެފައިވެއެވެ.
ބައިޑެންގެ ސެޕްޓެމްބަރު މަހުގެ ދަތުރުފުޅުގައި ވިއެޓްނާމާއި އެމެރިކާ ގުޅިގެން ވަނީ ދެކުނު ޗައިނާ ކަނޑުގައި ބާރުގެ ބޭނުންކުރުމާމެދު އިންޒާރު ދީފައެވެ.
އެ ދަތުރުފުޅުގައި ބައިޑެން ވަނީ ވިއެޓްނާމާއެކު އޮތް ވަރުގަދަ ގުޅުމަކީ ޗައިނާއާ ދެކޮޅު ހެދުމެއް ނޫން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާއިން ބޭނުންވަނީ މުޅި އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކާއެކު އަސްކަރީ ގުޅުން ރަނގަޅުކުރުމަށް ކަމަށް ބައިޑެން ވިދާޅުވިއެވެ.
ޗައިނާއަކީ ވިއެޓްނާމްގެ ވިޔަފާރީގެ އެންމެ ބޮޑު ބައިވެރިއާއެވެ. ދެހާސް ބާވީސް ވަނަ އަހަރު 175.6 ބިލިއަން ޑޮލަރުގެ ވިޔަފާރި ދެ ޤައުމުގެ ދެމެދުގައި ވަނީ ކޮށްފައެވެ.