ކުޑަކުޑަ ރޮނާލްޑޯގެ ހިތްގައިމު ހިލޭޖެހުން، ބައްޕައަށް ދުލެއް ނުކުރޭ!

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އޭނާގެ ދަރިފުޅު ކްރިސްޓިއާނިއޯ --

ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ދަރިފުޅު، ރޮނާލްޑޯ ޖޫނިއަރ، (އާއިލާ ތެރޭގައި ކިޔަނީ، ކްރިސްޓިއާނިއޯ) އަކީ ހަގީގަތުގައި ފުޓްބޯޅައަށް އެހާ މޮޅު ކުއްޖެއް ނޫނެވެ. ބޯޅައާ ހިފުމަށް ވުރެބޮޑަށް މި ދެބަފައިން އެކަކު އަނެކަކާ އޮޅުލައި ސަކަރާތްޖަހާ މަންޒަރު ފެންނަލެއް އާންމެވެ.

ކޮންމެއަކަސް މިފަހަރު މި ދައްކަނީ އާދައިގެ ކުއްޖެއްގެ ވާހަކައެއް ނޫނެވެ. މި ދައްކަނީ ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ ދަރިފުޅު، ނުވަތަ "ސުޕަރ ސްޓާ ކިޑް"އެއްގެ ވާހަކައެވެ. އެހެންކަމުން ފުޓްބޯޅައިގެ ހުނަރުތަކާ އުކުޅުތައް ހަމަ ޔަގީނުންވެސް، ރޮނާލްޑޯ އޭނާގެ ދަރިފުޅާ ހިއްސާކުރާނޭ ކަމީ ސުވާލު އުފެދޭ ކަމެއް ނޫނެވެ.

އުމުރުން އެންމެ ހަ އަހަރުގެ ކްރިސްޓިއާނިއޯ މިވަނީ، އާދަޔާ ޚިލާފް ހިލޭޖެހުމެއް ފޮނުވާލައި އެތަކެއް ހާސްބައެއްގެ ސަމާލުކަން އަތުލައިފައެވެ.

ރޮނާލްޑޯ ވަނީ، އޭނާގެ އިންސްޓަގްރާމްގައި ކްރިސްޓިއާނިއޯ ހިލޭޖެހުން ފޮނުވައިލާ މަންޒަރު ފެންނަ ވީޑިއޯ ޕޯސްޓުކޮށްފައެވެ. އެ ވީޑިއޯއިން ފެންނަގޮތުގައި، އެއް އުމުރުގެ ކުދީންތަކަކާއެކު ކްރިސްޓިއާނިއޯ ކުޅުނު މެޗެއްގައި އެޓީމަށް ލިބޭ ހިލޭ ޖެހުން ފޮނުވާލަން ކުޑަކުޑަ ކުޅުންތެރިޔާ ހުއްޓިލައެވެ.

A post shared by Cristiano Ronaldo (@cristiano) on

ބޯޅަ ފޮނުވާލުމުގެ ކުރީން، ރޮނާލްޑޯވެސް އާންމުކޮށް އެ ހުއްޓޭގޮތަށް، ކުޑަރޮނާލްޑޯވެސް ދެފައި ކުޑަކޮށް ދުރުކޮށްލުމަށްފަހު، ދެ އަތްތިލަ އުނަގަނޑާ ހަމައަށް އުފުލާލައި، މޭ ފުއްޕާލުމަށް ފަހު ފުން ނޭވާއެއް ދޫކޮށްލައެވެ. އެއަށް ފަހު، ގޯލްކުރިމަތީގައި އަޅާފައިވާ ޑިފެންސިވް ވޯލްގައި ތިބި ކުދީންގެ ބޯމަތީން ވަރަށް ބާރަށް ފޮނުވާލި ބޯޅަ ގޮސް ގޯލްތެރެއަށް ވަންނަނީ ނިކަން ހިތްގައިމުކޮށެވެ. ބުނެވޭނީ، ހަމަ ހިލޭޖެހުންތަކުގައި އެދަދަ ދެވަނައެއް ނެތް، "ބައްޕަ ރޮނާލްޑޯ" ފޮނުވާލާފަދަ ހިލޭޖެހުމެއް ކަމަށެވެ.

ރޮނާލްޑޯ އޭނާގެ ދަރިފުޅުގެ ހިލޭޖެހުމަށް ތައުރީފްކޮށް ވީޑިއޯ ޕޯސްޓުކުރުމަށް ފަހު ލިޔެފައިވަނީ، ދަރިފުޅާ މެދު ވަރަށް ފަހުރުވެރިވާ ކަމަށެވެ.

ކުޑަ ރޮނާލްޑޯގެ ހިލޭޖެހުން ފެންނަ ވީޑިއޯ ރޮނާލްޑޯގެ އިންސްޓަގްރާމްގައި ޕޯސްޓުކުރިތާ 24 ގަޑިއިރު ތެރޭގައި އެ ޕޯސްޓް ބަލާފައިވާ މީހުންގެ އަދަދު 7.4 މިލިއަނަށް އަރައެވެ.

comment ކޮމެންޓް