ނޭމާ ސަސްޕެންޝަނުގައި ހުއްޓަސް، ކްލެސިކޯ މެޗަށް ބާސާ ތައްޔާރު: އެންރީކޭ

ބާސާގެ ބްރެޒިލް ތަރި ނޭމާ: މާދަމާ ރެއާލްއާ ދެކޮޅަށް ބާސާ ނުކުންނަންޖެހޭއިރު، ނޭމާ ހުރީ ސަސްޕެންޝަނުގައި --- ފޮޓޯ/ އޭޕީ

ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާ ސަސްޕެންޝަނުގައި ހުރި ކަމަށްވިޔަސް، ސްޕެނިޝް ލަލީގާގައި ވާދަވެރި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗަށް ބާސާ ތައްޔާރު ކަމަށް އެކްލަބުގެ ކޯޗު ލުއިސް އެންރީކޭ ބުނެފިއެވެ.

މާދަމާ ކުޅޭ 'އެލް ކްލެސިކޯ' މެޗަށް ބާސާ ނުކުންނައިރު، އެޓީމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އުނދަގުލަކީ އެޓީމުގެ ފޯވަޑް ލައިނުގައި އިސް ދައުރެއް އަދާކުރަމުންދާ ނޭމާ ސަސްޕެންޝަނުގައި ހުރުމެވެ.

ނޭމާއަށް ސަސްޕެންޝަނާ ކުރިމަތިލާން ޖެހުނީ ލަލީގާގައި މަލާގާއާ ދެކޮޅަށް ކުޅެ، 2-0 ލަނޑުން ބާސާ ބަލިވި މެޗުގައި ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ. އެ ރަތްކާޑާ ގުޅިގެން އޭނާ ވަނީ ތިން މެޗަށް ސަސްޕެންޑްކޮށްފައެވެ.

ލަލީގާގެ އެއްވަނާގައި އޮތް ރެއާލާއި ދެ ވަނާގައި އޮތް ބާސާއާ ދެމެދު މިވަގުތު އޮތީ ތިން ޕޮއިންޓްގެ ފަރަގެކެވެ. ރެއާލަށް ފައިދާ އެއް މެޗު އޮތްއިރު، މާދަމާ ކުޅޭ މެޗުން މޮޅުވުން ބާސާއަށް މުހިންމުވާނެއެވެ. މި ހަފްތާ ޔުވެންޓަސް އަތުން ބަލިވެ، ޗެމްޕިއަންސް ލީގާ ބާސާ އަލްވަދާއު ކިޔުމުން މިހާރު އެޓީމުގެ އެންމެ ބޮޑު ޓާގެޓަކީ ލަލީގާއެވެ.

"ކްލަބުން ކަންތައްތައް ކުރިއަށް ގެންދަނީ އެންމެ ރަނގަޅުގޮތުގައި ކަމަށް އަހަރެން ދެކެން. ކްލަބުން ކުޅުންތެރިންގެ ދިފާއުގައި ވެސް މަސައްކަތްކުރޭ. އަހަރެން މިދަނީ ނޭމާ އަދި ނޭމާ ނުލައި ވެސް މެޗަށް ޓީމު ތައްޔާރުކުރަމުން. ކްލަބުން އެ ދަނީ ނޭމާގެ ސަސްޕެންޝަނަށް ލުޔެއް ހޯދުމަށް މަސައްކަތްކުރަމުން،" ބާސާގެ ކޯޗު އެންރީކޭ ބުންޏެވެ.

މި ސީޒަނުގައި ބާސާގެ ދަނޑުގައި ކުޅުނު ކްލެސިކޯ މެޗު ނިމިގެންދިޔައީ 1-1 ލަނޑުން އެއްވަރުވެގެންނެވެ. އެ މެޗުގައި ބާސާއިން ލަނޑުޖަހައި ލީޑު ހޯދާފައި ވަނިކޮށް، ރެއާލަށް ޕޮއިންޓެއް ލިބުނީ ފަހުވަގުތު ސާޖިއޯ ރާމޯސް ޖެހި ލަނޑުންނެވެ. ރެއާލްގެ ދަނޑުގައި ކުޅޭ މެޗު ފެށޭނީ ރާއްޖޭ ގަޑިން މާދަމާ ރޭ 11:45ގައެވެ.

comment ކޮމެންޓް