އީގަލްސް-ގްރީންސްޓްރީޓް: ދެ ޓީމަށް ވެސް މާދަމާގެ މެޗު މުހިންމު

ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެއް ކޯޗެއްގެ އިރުޝާދުގެ ދަށުން ގިނަ ދުވަސްތަކެއް ވަންދެން ކުޅެމުންދާ ޓީމެއް ބަލިކުރަން ފަސޭހަ ނުވާނެ ކަމަށާއި އީގަލްސްއާ ދެކޮޅަށް ނުކުންނާނީ އިދިކޮޅުގައި އޮތީ ވަރުގަދަ ޓީމެއްކަން ދެކިގެން، އެކަމަށް ތައްޔާރުވެގެން ކަމަށް ގްރީން ސްޓްރީޓްގެ ކޯޗު ސޮބާހް މުހައްމަދު (ސޮބާ) ބުނެފިއެވެ.

މާދަމާ ހަވީރު އީގަލްސްއާ ގްރީން ސްޓްރީޓް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ސޮބާ ބުނީ، ގްރީން ސްޓްރީޓަށް ކޮންމެ މެޗަކީވެސް ފައިނަލެއް ކަމަށާއި އީގަލްސްއާ ދެކޮޅަށް ކުޅޭއިރު ފަސޭހަކޮށް ނުލާނެ ކަމަށެވެ.

"އީގަލްސް ކުޅެމުން މި އަންނަނީ ގިނަ ދުވަސްތަކެއް ވަންދެއް އެއް ކޯޗެއްގެ އިރުޝާދުގެ ދަށުން. އެހެންވީމަ އެއީ އެޓީމަށް އޮތް ޕްލަސް ޕޮއިންޓެއްް. ނުކުންނާނީ މާދަމާގެ މެޗަކީ ފައިނަލެއް ކަމުގައި ދެކިގެން،" ސޮބާ ބުންޏެވެ.

އިހުސާން އަބްދުލް ޣަނީ (ސާންތި) -- ސަންފޮޓޯ/ ފަޔާޒް މޫސާ

މާދަމާގެ މެޗާ ގުޅޭ ގޮތުން އީގަލްސްގެ ކޯޗު އިހްސާން އަބްދުލް ޣަނީ (ސާންތި) ބުނީ، ގްރީން ސްޓްރީޓާ ދެކޮޅަށް ނުކުންނަ މެޗަކީވެސް މުހިއްމު މެޗެއް ކަމަށާއި އެކަމަކު ކޮންމެ ގޮތަކަށް ނަތީޖާ ނުކުތަަސް ގެއަށް ދާނީ މާޔޫސް ކަމެއްނެތި ހިތް ހަމަޖެހިލައިގެން ކަމަށެވެ.

ސާންތި ބުނީ، އިދިކޮޅު ޓީމުގެ ކޯޗަކަށް ސޮބާ ހުރުމަކީ އޭނާއަށް ފުޓްބޯޅަ ހަޔާތުގައި މުހިއްމު މަސައްކަތްތަކެއް ކުރެވިފައިވާ ކަމުގެ އަލިގަދަ ހެއްކެއް ކަމަށާއި އެހެންކަމުން މާދަމާގެ މެޗާ ކުރިމަތިލާއިރު އެ ހިތްހަމަޖެހުން އެބައޮތް ކަމަށެވެ.

ސާންތި ވަނީ ގްރީން ސްޓްރީޓް ކޯޗު ސޮބާ ކުޅުމުގެ ތެރެއަށް ނެރެ، މަޖީދިއްޔާ ސްކޫލުގެ ނަވާރަ އަހަރުން ދަށުގެ ޓީމަށް ސޮބާ ކުޅުނުއިރު އެޓީމަށް އިރުޝާދުދީފައެވެ. އޭގެ ފަހުންވެސް ގައުމީ ޓީމަށް ސޮބާ ކުޅުނު ދުވަސްވަރު ސާންތި ވަނީ އެސިސްޓަންޓް ކޯޗެއްގެ ހައިސިއްޔަތުން މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.

މެޗާ ގުޅޭގޮތުން ސާންތި އިތުރަށް ބުނީ، ގްރީން ސްޓްރީޓުގައި ތިބި ބިދޭސީ ކުޅުންތެރިންނަކީ ތަފާތު މޮޅު ކުޅުންތެރިންތަކެއް ކަމަށާއި އެއީ ގްރީން ސްޓްރީޓަށް އޮތް އެޑްވާންޓޭޖަކަށް ވެގެންދާނެ ކަމަށެވެ. އަދި އީގަލްސް އިން މާދަމާގެ މެޗުގައި ވެސް ބިދޭސީ ކުޅުންތެރިޔަކަށް ބޭނުންކުރާނީ ކީޕަރު ސުޖަން ޕެރާރާ އެކަނި ކަމަށާއި އިތުރު ބިދޭސީ ކުޅުންތެރިޔަކު ނުފެންނާނެ ކަމަށް ސާންތި ބުންޏެވެ.

އީގަލްސްއާއި ގްރީން ސްޓްރީޓް ކުޅޭ މެޗު އޮންނާނީ މާދަމާ ހަވީރު 16:00 ގައެވެ. މި ދެޓީމު މެޗަށް ނުކުންނައިރު ދެޓީމަށް ވެސް ލިބިފައިވަނީ ހަތަރު މެޗުން ހަތް ޕޮއިންޓެވެ.

comment ކޮމެންޓް