ވިލިމާލޭގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގަން ފަށަނީ

ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ --- ސަން ފައިލް ފޮޓޯ

ވިލިމާލޭގައި ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް ހިންގުމުގެ ވިސްނުން ސަރުކާރުގައި ގެންގުޅުއްވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ ވިލިމާލެ ކައުންސިލަށް ޕީޕީއެމްގެ ޓިކެޓުގައި ނުކުތް ކެންޑިޑޭޓުގެ ކެމްޕެއިން ލޯންޗްކުރުމަށް ވިލިމާލޭގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން މުޅި ރާއްޖޭގައި ހިންގަވާ ތަރައްގީގެ މަޝްރޫތަކުގެ ތެރެއިން، ކުރިއަށް އޮތްތާގައި ވިލިމާލޭގައި ވެސް ބޮޑެތި މަޝްރޫތަކެއް ހިންގަވާނެ ކަމަށެވެ.

އެގޮތުން ހިންގާ މަޝްރޫތަކުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން ކުރިޔަށް ގެންދާ ބޯހިޔާވަހި ކަމުގެ ބޮޑު މަޝްރޫއެއް ވިލިމާލޭގައި ފެށުމުގެ ވިސްނުން އެބަ އޮތް ކަމަށާއި އެ މަސައްކަތް ކުރިޔަށް ދާނެ ކަމަށެވެ.

"ބޯހިޔާވެހިކަމަކީ މި ސަރުކާރު ކުރިއަށް ގެންދަވާ ވަރަށް ވެސް މުހިންމު ކަމެއް. އެ ދާއިރާގެ ބޮޑެތި މުހިންމު މަޝްރޫއުތައް ގެންދަވަން. އަދި އެކަމުގައި ވިލިމާލެ ވެސް ހިމެނޭނެ. އެގޮތުން ވިލިމާލޭގައި ހައުސިން މަޝްރޫއެއް ކުރިޔަށް ގެންދަވުމަަށް ރައީސްގެ ވިސްނުން އެބަ ހުރި،" މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

ވިލިމާލޭގައި ހިންގަން ވިސްނަވާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫގެ އިތުރުން، ޗައިނާ ސަރުކާރުން ދެއްވާފައިވާ ހިލޭ އެހީގެ ދަށުން ވިލިމާލޭގައި ޕާކެއް ހެދުމުގެ މަސައްކަތްތަކެއް ވެސް ކުރައްވަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން އެ މަޝްރޫއުގެ ކޮންޓްރެކްޓެރެއް ހޮވައި، ޑިޒައިންތައް ހަދާ ނިންމާ އަދި ތަކެތި ސަޕްލައިން ކުރުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިހާތަނަށް ވެސް ވިލިމާލޭ ދާއިރާއަށް ހައުސިން މިނިސްޓްރީން ކުރާ މަސައްކަތްތަކަށް ކައުންސިލަރުންގެ އެއްބާރުލުން ވަރަށް މުހިންމު ކަމަށާއި ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކައުންސިލަރެއް ހުރުން ވަރަށް މުހިންމު ކަމަށެވެ.

comment ކޮމެންޓް