ބީއެމްއެލް، އެމްއޭސީއެލް، ސިފައިން އަދި މޯލްޑިވިއަން ގަދަ 16އަށް

ކްލަބު މޯލްޑިވްސް ކަޕްގައި މޯލްޑިވިއަންއާއި ދިވެހި ސިފައިންގެ ކްލަބު ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކްލަބު މޯލްޑިވްސް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޔުނައިޓެޑް ބީއެމްއެލްއާއި، އެމްއޭސީއެލްއާއި، ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) އަދި މޯލްޑިވިއަނުން ގަދަ 16ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ކްލަބު މޯލްޑިވްސް ކަޕްގެ ގަދަ 16ގެ ޖާގަތައް ޔުނައިޓެޑް ބީއެމްއެލް، އެމްއޭސީއެލް، ޑީއެސްސީ އަދި މޯލްޑިވިއަނުން ކަށަވަރުކުރީ އިއްޔެ ކުޅުނު ގްރޫޕްގެ ފަހު މެޗުތަކަށްފަހުއެވެ.

ރޭ ކުޅުނު 'ގްރޫޕް އޭ'ގެ މެޗުގައި ބީއެމްއެލްއިން ވަނީ 4-0 ލަނޑުގެ ނަތީޖާއަކުން ހެލްތު ރެކްރިއޭޝަން ކްލަބުގެ މައްޗަށް ކުރި ހޯދައިފިއެވެ. އެ މެޗުގައި ބީއެމްއެލްއިން ކާމިޔާބުކުރި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު އިބްރާހިމް ހަމްދާން (މެސީ) ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ މުހައްމަދު ޝަފީއުއެވެ.

ރޭ ކުޅުނު އެ ގްރޫޕްގެ ދެވަނަ މެޗުގައި އެމްއޭސީއެލް ވަނީ 4-1 ލަނޑުގެ ނަތީޖާއަކުން މޯލްޑިވް ގޭސް އަތުން މޮޅުވެފައެވެ. އެ މެޗުގައި އެމްއޭސީއެލްއަށް އަހްމަދު ނާސިހު ދެ ލަނޑު ކާމިޔާބުކޮށްދިންއިރު، އަބްދުﷲ ޒިޔަން ވެސް އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދިނެވެ. އެމްއޭސީއެލްގެ އަނެއް ލަނޑަކީ މޯލްޑިވް ގޭސްގެ ހަސަން ސިފާއު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. މެޗުގައި މޯލްޑިވް ގޭސްއިން ކާމިޔާބުކުރި ލަނޑު އެޓީމަށް ޖަހައިދިނީ މުހައްމަދު ރިފާއުއެވެ.

ރޭ ކުޅުނު 'ގްރޫޕް ބީ'ގެ މެޗުގައި ސިފައިން ވަނީ 9-0 ލަނޑުގެ ތަފާތުބޮޑު ނަތީޖާއަކުން ތައުލީމީ ގުޅުން ބަލިކޮށްފައެވެ. އެ މެޗުގައި ސިފައިން ޓީމުގެ ހަސަން ފަވާޒް ތިން ލަނޑު ކާމިޔާބުކުރިއިރު، ޝައުކަތު އަމީން ދެ ލަނޑު ކާމިޔާބުކުރިއެވެ. އެޓީމުގެ ބާކީ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހްމަދު ފަޒާލްއާއި، ޖުމައިލް ޖަމީލްއާއި، މަހްފޫޒް އަބްދުލް ރަޝީދު އަދި އިބްރާހިމް ފާރިޝް އަހްމަދެވެ.

އެ ގްރޫޕްގައި ރޭ މޯލްޑިވިއަންއާއި ޕްރިސަން ރެކްރިއޭޝަން ކްލަބު ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ލަނޑުން ދެ ޓީމު އެއްވަރުވެގެންނެވެ. އެ މެޗުގައި މޯލްޑިވިއަންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަފުއާލް އަބްދުލް ހަމީދު އަދި އިސްމާއިލް އަހުމަދެވެ. ޕްރިސަން ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އާދަމް މަންސޫރު އަދި އިބްރާހިމް ހަލީމެވެ.

ގްރޫޕް އޭ އަދި ގްރޫޕް ބީގެ މެޗުތައް މިހާރު ނިމުމަކަށް އައިސްފައިވާއިރު، ގްރޫޕް އޭގެ އެއްވަނައިގައި އޮތް ބީއެމްއެލްއަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ. އެ ގްރޫޕްގެ ދެވަނައިގައި އޮތް އެމްއޭސީއެލްއަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް މޯލްޑިވް ގޭސްއަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް ހެލްތު ރެކްރިއޭޝަން ކްލަބަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ގްރޫޕް ބީގެ އެއްވަނައިގައި އޮތް ސިފައިންނަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މޯލްޑިވިއަންއަށް ލިބިފައިވަނީ ފަސް ޕޮއިންޓެވެ. ތިންވަނައިގައި އޮތް ޕްރިސަން ރެކްރިއޭޝަން ކްލަބަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ގްރޫޕްގެ ފުލުގައި އޮތް ތައުލީމީ ގުޅުމަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކްލަބު މޯލްޑިވްސް ކަޕްގައި މިއަހަރު 32 ޓީމު ވާދަކުރާއިރު، އަންހެން ބައި ކަމަށްވާ 18/30 ވިމެންސް ފުޓްސަލް ފިއެސްޓާގައި 15 ޓީމެއް ވާދަކުރެއެވެ. މެދުކެނޑުމެއްނެތި ކްލަބު މޯލްޑިވްސް ކަޕް ބާއްވާ މިއީ 12 ވަނަ އަހަރެވެ. މިއީ ފިރިހެން ބައި ކުރިއަށްގެންދާ 12 ވަނަ އަހަރުކަމަށްވާއިރު، އަންހެން ބައި ކުރިއަށްގެންދާ މިއީ އަށްވަނަ އަހަރެވެ.

މިއަހަރު ކުރިއަށްދާ ކްލަބު މޯލްޑިވްސް ކަޕްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިންއެވެ.

comment ކޮމެންޓް